ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލަން އެންގުމުގެ ބާރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ލިބިފައިނުވާކަމަށް ދައުލަތުން ހައި ކޯޓުގައި ބުނެފިއެވެ.

ފުލުހުންނަށް ޕްރޮމޯޝަން ދިނުން މަޑުޖައްސާލަން އޭސީސީ އިން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެންގި އެންގުމަށް ފުލުހުން އަމަލު ނުކުރުމުން އެ ކޮމިޝަނުން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅާފައެވެ. މި ގޮތުން އޭސީސީ އިން ސިވިލް ކޯޓަށް ހުށަހަޅި މައްސަލައިގައި ވަނީ އެ ކޮމިޝަންގެ އެންގުމަށް އަމަލު ކުރަންޖެހޭނެ ކަމަށް ކަނޑައެޅައި ދިނުމަށާއި އަދި މައްސަލަ ނިމެންދެން، ޕްރޮމޯޝަންގެ މަސައްކަތްތައް މަޑުޖައްސާލުމުގެ އަމުރެއް ނެރެ ދިނުމަށް އަމުރުކޮށް ދިނުމަށް އެދިފައެވެ.

އެހެންނަމަވެސް ސިވިލް ކޯޓުން މިދިޔަ ޖެނުއަރީ މަހު ނިންމި ނިންމުމުގައި ބުނެފައިވަނީ އޭސީސީ އިން އެދުނު ނަމަވެސް އެފަދަ އަމުރެއް ނެރެ ދެވެން ނެތްކަމަށެވެ. އަދި އޭއީސީ އިން މި މައްސަލަ ހައި ކޯޓަށް އިސްތިއުނާފުކޮށްފައިވާއިރު، މިއަދުވަނީ މި މައްސަލައިގެ އަޑުއެހުމެއް ބާއްވާފައެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި އީސީސީ އިން ބުނީ ކޮރަޕްޝަނާ ގުޅުން ހުރި ހުރިހާ ކަމެއް ބެލުމުގެ ބާރު އެ ކޮމިޝަނަށް ލިބިގެންވާ ކަމަށެވެ. އެހެންކަމުން އެ ކޮމިޝަންގެ އެންގުމަށް ތަބާވާން ނުޖެހޭނެ ގޮތަކަށް ދައުލަތުގެ މުއައްސަސާތަކަށް އަމަލު ނުކުރެވޭނެކަމަށް އީސީސީ އިން ވަނީ ބުނެފައެވެ. އަދި އޭސީސީން ބަލާ މައްސަލަތަކުގައި ވަކި ގޮތަކަށް އަންގަނީ އެ ކޮމިޝަނުން ބަލަންޖެހޭ ކަންކަމަށް ބެލުމަށް ފަހު، އެގޮތަށް އަންގަންޖެހޭ ހާލަތްތަކުގައި ކަމަށް އީސީސީގެ ވަކީލުވަނީ ބުނެފައެވެ.

ދައުލަތުން ބުނީ، ދައުލަތުގެ މުއައްސަސާއަކުން ވަކި ކަމެއް ނުކުރަން ނުވަތަ މަޑުޖައްސާލަން އެންގުމުގެ ބާރު ގާނޫނުގެ އޭސީސީއަށް ލިބިފައި ނުވާ ކަމަށެވެ. އޭސީސީން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއިރު ވެސް ޕްރޮމޯޝަން ދިނުމުގެ މަސައްކަތް ނިމިފައިވާކަން ފާހަގަކޮށް ދައުލަތުން ބުނީ ވަގުތީ އަމުރު ނެރުނަސް، ދެން އިތުރަށް ކުރެވޭނެ ކަމެއް ސާފުނުވާ ކަމަށެވެ. އަދި އޭސީސީއިން އެދުނު ފަދައދިން ވަގުތީ އަމުރު ނެރެފިނަމަ އެންމެ ބޮޑަށް ގެއްލުން ލިބޭނީ ފުލުހުންނާ، ދައުލަތަށް ކަމަށާއި އެކަމުގެ ސަބަބުން އެތައް ބައެއްގެ ހައްގަށް އަސަރުކުރާނެކަމަށް ދައުލަތުން ވަނީ ބުނެފައެވެ. އެހެންކަމުން ދައުލަތުންވަނީ ސިވިލް ކޯޓުގެ ހުކުން ދަމަހައްޓައި ދިނުމަށް ހައި ކޯޓުގައި އެދިފައެވެ.

މި މައްސަލައިގެ އިތުރު އަޑުއެހުމެއް ބޭއްވުމަށް ފަނޑިޔާރުންގެ ބެންޗުން ނިންމާފައިވާއިރު ތަފާސް ހިސާބުތައް ދައްކާ ގޮތުން އެކި ފަހަރު މަތިން 920 ފުލުހުންގެ ގްރޭޑް މަތިކޮށް 539 ފުލުހުންގެ ރޭންކް މަތިކޮށް ފުލުހުންގެ ހިދުމަތުގައި މަސައްކަތްކުރާ 168 އާންމު މުވައްޒަފެއްގެ މަގާމު މަތިކޮށްފައިވެއެވެ.