ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީ އަދި މައި އިދިކޮޅު ޕާޓީ އެމްޑީޕީން، މަޖިލީހުގައި މައިނޯރިޓީގެ ހައްގުތައް ހިމާޔަތްކޮށްދޭން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ އަރިހުން އެދިއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދުގެ އިތުރުން، ތަރުޖަމާނު އަނަސް އަބްދުއްސައްތާރެވެ.

މި ބައްދަލުވުމާ ގުޅޭ ގޮތުން އެމްޑީޕީން 'އެކްސް'ގައި ލިޔެފައިވާ ގޮތުން، އަބްދުއްރަހީމްގެ އަރިހުން ފައްޔާޒް ތިން ކަމަކަށް އެދިވަޑައިގެންފައިވެއެވެ. އެއީ:

  • މައިނޯރިޓީ ޕާޓީގެ ހައްގުތައް ހިމާޔަތްކުރުމަށް
  • މައިނޯރިޓީ އަށް ފުޅާކޮށް މަސައްކަތްކުރެވޭނެ ފުރުސަތު ފަހިކޮށްދިނުމަށް
  • 18 ވަނަ މަޖިލީހުގައި ހިނގައިދިޔަ ކަންކަން ތަކުރާރުވާނެ ފަދަ ކަންކަމަށް ފުރުސަތު ނުދިނުމަށް

ބައްދަލުވުމާ ގުޅޭ ގޮތުން ސުވާލުކުރުމުން މާ ބޮޑު ތަފްސީލެއް ހިއްސާނުކުރެއްވި ނަމަވެސް، އަނަސް ވިދާޅުވީ މައިނޯރިޓީގެ ހައްގުތައް ހިމާޔަތްކޮށް، މަޖިލީހުގައި ފުޅާކޮށް މަސައްކަތްކުރުމުގެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި ކަމަށެވެ.

އަބްދުއްރަހީމްގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމާއި މެޖޯރިޓީ ލީޑަރު އަދި ވެރިކަންކުރާ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.