ދުނިޔޭގެ އެކި ސަރަހައްދުތަކުން އޭވިއޭޝަން ދާއިރާގެ 150 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވި އެއާ ސާވިސް ވޯލްޑް ކޮންގްރެސް ކާމިޔާބުކަމާއި އެކު ނިންމާލައިފިއެވެ.

މިމަހު 9 އިން 11 އަށް ކުރުނބާ މޯލްޑިވްސް، ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާ، އަދި ސައި ލެގޫންގައި ކުރިއަށް ގެންދިޔަ މި ކޮންގްރެސް އަކީ ގްލޯބަލް ޓްރެވަލް އިންވެސްޓްމެންޓުން އިންތިޒާމްކުރާ ބައިނަލްއަގްވާމީ ހަރަކާތެކެވެ. މިއިވެންޓް ރާއްޖޭގައި ބާއްވާފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއާއި ގުޅިގެންނެވެ.

އެއާ ސާވިސް ވޯލްޑް ކޮންގްރެސްއަކީ ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ތަފާތު ވިޔަފާރިތަކުގެ މެދުގައި، ނެޓްވޯކިންއާއި ވިޔަފާރި ކުރިއެރުވުމަށް ކުރިއަށްގެންދާ ބައްދަލުވުމެކެވެ. މި ކޮންފަރެންސްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން، ރާއްޖޭގެ ވައިގެ ހިދުމަތް ދެމުންގެންދާ ކުންފުނިތަކުންނާއި، އަދި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ އެފަރާތްތަކުން ރާއްޖޭގެ ވައިގެ ސިނާއަތް ތަރައްގީއަށް ކުރަމުންދާ މަސައްކަތްތައް ހިއްސާކޮށް އެކަމުގެ މައުލޫމާތު ފޯރުކޮށްދީފައެވެ.

ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާގައި ކޮންގްރެސްގެ ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވާއިރު، މި ކޮންގްރެސްގެ ޕެނަލް ޑިސްކަޝަންތަކާއި ނިންމުމުގެ ހަފްލާ ބާއްވާފައިވަނީ ކުރުބާ މޯލްޑިވްސްގައެވެ. އަދި ކްރޮސް ރޯޑްސްގެ ސައި ލެގޫންގައި ވަނީ ނެޓްވޯކިން އިވެންޓްތައް ބާއްވާފައެވެ.

ކޮންގްރެސްގެ ބައިވެރިންނަށް ރާއްޖޭގެ ވައިގެ ސިނާއަތް ކުރިއަށްދާ ގޮތުގެ މައުލޫމާތާއި އެ ސިނާއަތް ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތައް މި ހަރަކާތްތަކުގެ ތެރެއިން ދީފައިވާ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ. އަދި މި ކޮންގްރެސްގެ ސަބަބުން މިދާއިރާ އިތުރަށް ތަރައްގީކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތަށް އިތުރު ފުރުސަތުތަކެއް ވަނީ ފަހިވެގެން ގޮސްފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެއިތުރުން ވިޔާފާރީގެ ގުޅުންތައް އުފެދި ވިޔަފާރިތައް ފުޅާކުރުމުގެ ފުރުސަތުތައް ކޮންގްރެންސްގެ ބައިވެރިންނަށް ލިބިގެން ގޮސްފައިވާ ކަމަށް ވެސް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.

ކޮންގްރެސް އިއްޔެ ނިންމާލާފައިވާއިރު، އެއާ ސާވިސް ވޯލްޑް ކޮންގްރެސް، އަންނަ އަހަރު ބާއްވާނީ ހާޓްސްފީލްޑް- ޖެކްސަން އެޓްލާންޓާ އިންޓަނޭޝަނަލް އެއާޕޯޓްގައި ކަމަށް ކަނޑައަޅާއި އެކަން ވަނީ އިއުލާންކޮށްފައެވެ.

އެއާ ސާވިސް ވޯލްޑް ކޮންގްރެސް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2010 ވަނަ އަހަރު އެވެ.