ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހުސް ސަރަހައްދުތަކުގައި ކިއޯސްކުތަކާއި ކޮމާޝަލް އައުޓްލެޓުތައް ހަދައިގެން ވިޔަފާރިކުރާނެ ބަޔަކު ހޯދަން، އެޗްޑީސީން އިއުލާނު ކޮށްފިއެވެ.
އެޗްޑީސީން ބުނީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ޗެނަލް ޕާކު ސަރަހައްދުގައި ކިއޯސްކުތަކާއި ކޮމާޝަލް އައުޓްލެޓުތައް ހަދައި ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމަށް ފުރުސަތު ހުޅުވާލީ އިއްޔެ ކަމަށެވެ.
ކިއޯސްކުތަކާއި ކޮމާޝަލް އައުޓްލެޓުތައް ހިންގުމަށް ދޫކުރާނީ ލީސް ރައިޓްސް މޮޑެލް އަށް ކަމަށާއި، އެކަމަކު ދެ ފަރާތަށް ފައިދާވާ އެހެން މޮޑެލްތަކަށް ހިންގުމަށް ހުށަހެޅޭނެ ކަމަށް، އެ ކޯޕަރޭޝަނުން ބުންޏެވެ.
އެއް ފަރާތަށް ވުރެ ގިނަ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅައިފިނަމަ، ކިއޯސްކުތަކާއި ކޮމާޝަލް އައުޓްލެޓުތައް ހިންގުން ހަވާލުކުރާނީ އެންމެ ފުރިހަމަ ހުށަހެޅުން ހުށަހަޅާ ފަރާތަށް ކަމަށް ވެސް އެޗްޑީސީން ބުންޏެވެ. އަދި ހުށަހަޅާ ހުށަހެޅުންތައް އިވެލުއޭޓް ކުރުމުގައި ހުށަހަޅާފައިވާ ވިޔަފާރީގެ މޮޑެލަށާއި ހުށަހަޅާ ފަރާތްތަކުގެ ތަޖުރިބާ އަށް ބަލާނެ ކަމަށް ވެސް އެޗްޑީސީން މައުލޫމާތު ދެއެވެ.
އެހެންކަމުން، ކޮމާޝަލް އައުޓްލެޓުތައް ހަދައި ވިޔަފާރިކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރުފަހު 2 ޖެހުމުގެ ކުރިން އީމެއިލް މެދުވެރިކޮށް ނުވަތަ އެޗްޑީސީގެ އިމާރާތަށް ހާޒިރުވެ ޕްރޮޕޯސަލް ހުށަހެޅުމަށާއި، ކިއޯސްކުތައް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 28 ގެ މެންދުރުފަހު 2 ގެ ކުރުން ޕްރޮޕޯސަލް ހުށަހެޅުމަށް އެޗްޑީސީން ވަނީ އަންގައިފައެވެ.