މާލޭގައި ހިންގަމުންދާ އެންމެ ބިޔައެއް މަޝްރޫއު ކަމަށް ވާ ރަސްމާލެ ޕްރޮޖެކްޓުން ކަމަށް ބުނެ ކުންފުންޏެއްގެ އެކައުންޓުގައި ހުރި 1.8 މިލިއަން ރުފިޔާ ފޭރުނު މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން އެކަކު ހައްޔަރުކޮށްފަިއވާ ކަމަށް ފުލުހުން ބުނެފިއެވެ.
މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ހިއްސާ ކުރަމުން ބުނީ، މި ސްކޭމްގައި ވިޔަފާރި ކުންފުންޏެއްގެ ހިއްސާދާރަކަށް ކާކުކަން ނޭނގޭ ފަރާތަކުން ގުޅާފައި ވަނީ މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 10:15 ގައި ކަމަށާއި އެކައުންޓުން ފައިސާ ފޭރުނު ކަން ވިކްޓިމްއަށް އެނގިފައި ވަނީ އެ ދުވަހުގެ މެންދުރު ފަހު 2:00 ގައި ކަމަށެވެ. އަދި މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ އެ ދުވަހުގެ ހަވީރު 5:15 ގައި ކަމަށެވެ.
އެ ގުޅި ފަރާތުން ވަނީ ވައިބާ އާ ވަޓްސްއެޕް މެދުވެރިކޮށް ރަސްމާލެ ޕްރޮޖެކްޓަށް މުދާ ސަޕްލައި ކުރަން ބޭނުން ކަމަށް ބުނެ، އެ މުއާމަލާތުގެ ތެރޭގައި އޮޅުވާލައިގެން ވެންޑާ ރަޖިްސްޓްރީ ކުރުމަށް އީމެއިލް އެޑްރެސްގެ މައުލޫމާތު ހޯދައި އީމެއިލް ކޮމްޕްރޮމައިސްކޮށް އިންޓަނެޓް ބޭންކިން އެކްސެސް މެދުވެރިކޮށް ފައިސާ ފޭރިގެންފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން ވިކްޓިމްގެ ޕާސަނަލް އެކައުންޓުން 24،883.14 ރުފިޔާ ގެއްލިފައިވާ އިރު ކުންފުނީގެ އެކައުންޓުން 1،897،016 ރުފިޔާ ވަނީ ފޭރިގެންފައި ކަމަށް ފުލުހުން ބުނެއެވެ.
މި އެކައުންޓްތަކުން ފައިސާ ފޭރުނުކަން އެނގުނީ އެ ކުންފުނީގެ އެހެން ޝެއާ ހޯލްޑަރެއް ފައިސާގެ ޓްރާންސެކްޝަނެއް ކުރުމަށް އިންޓަނެޓް ބޭންކިން ބޭނުން ކުރުމަށް އުޅުނު ވަގުތު އެއްފަހަރާ އެ އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ މަދުވެފައިވާތަން ފެނުމުން ކަމަށް ވެސް ފުލުހުން ބުނެއެވެ. މި ސްކޭމް ހިންގުމުގެ ކުރިން ކުންފުނީގެ އެކައުންޓްގައި ގާތްގަނޑަކަށް 2.6 މިލިއަން ރުފިޔާ ހުރި ކަމަށާއި މި ސްކޭމް ހިނގާކަން އެނގިގެން އެކައުންޓުން ސަލާމަތް ކުރެވުނީ 8 ލައްކައެއްހާ ރުފިޔާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައިގައި އެކަކު ހައްޔަރު ކޮށްފައިވާ އިރު، ފޭރުނު ފައިސާގެ ތެރެއިން 548860 ރުފިޔާ ރިކަވާ ކޮށްދެވިފައިވާ ކަމަށް ފުލހުން ބުނެއެވެ. އަދި މި ފައިސާ ގެއްލުނު ފަރާތަށް ރައްދު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.