މީގެ ގާތްގަނޑަކަށް 17 އަހަރު ކުރިން ޖޯއަން މޮންފޯޓް ޗެރިޓީ ކަލެންޑަރަކަށް ތުއްތު ކުއްޖަކާއެކު ލައިނަލް މެސީގެ ފޮޓޯ ނެގިއިރު، އޭނާއަށް އެނގުނީ ދިގު އިސްތަށިގަނޑެއްގެ ޒުވާނާ ފުޓްބޯޅައިގައި ބޮޑު ކާމިޔާބީއެއް ހޯދާނެ ކަމަކަމަށް އޭނާއަށް ހީވެސް ނުކުރެވުނެވެ. އޭރު ޗެރިޓީ ކަލަންޑަރަކަށް ނެގި ފޮޓޯ މިއަދު އަނެއްކާވެސް މިވަނީ ވައިރަލްވެފައެވެ.
އޭރު މެސީ އުރާލައިގެން ހުރި ތުއްތު ކުއްޖާއަކީ މިހާރު ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލް ނޫން އެހެން މީހެއް ނޫނެވެ. 2007 ވަނަ އަހަރު ނެގި އެ ފޮޓޯގެ ހަނދާން އާކޮށް، މިދިޔަ ހަފްތާގައި ޔަމަލްގެ ބައްޕަ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިއީ 'ދެ ލެޖެންޑެއްގެ ފެށުން' ކަމަށެވެ. އުމުރުން އެންމެ 16 އަހަރުގައިވެސް ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ލަމީނޭ ޔަމަލް އަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ ޔޫރޯ ސެމީ ފައިނަލްގައި ފްރާންސްއިން ސްޕައިނާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ޖެހި މޮޅު ގޯލާއެކުގައެވެ. ސްޕެއިންއަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ އިތުރުން ލަމީން ޔަމާލް ވެފައިވަނީ ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި މިހާތަނަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.
އެސޯސިއޭޓެޑް ޕްރެސް އާއި އެހެނިހެން ފަރާތްތަކުގެ ފްރީލާންސް ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތްކުރާ އުމުރުން 56 އަހަރުގެ މޮންފޯޓް ބުނީ މި ފޮޓޯޝޫޓް ކުރިއަށް ގެންގޮސްފައިވަނީ 2007 ވަނަ އަހަރުގެ ހޫނު މޫސުމުގައި ބާސެލޯނާގެ ކެމްޕް ނޯގެ ވިޒިޓާސް ލޮކަރު ރޫމްގައި ކަމަށެވެ. އޭރު ޔަމާލް ވަރަށް ކުޑަކަމަށް އޭނާ ވަނީ ބުނެފައެވެ. ބާސެލޯނާގެ ކުޅުންތެރިން ކުޑަކުދިންނާ، އެ ކުދިންގެ އާއިލާތަކާ އެކު ކެލެންޑަރުގެ ފޮޓޯތަކަށް ޕޯޒްކޮށްފައި ވަނީ ލޯކަލް ނޫހެއް ކަމަށްވާ ޑިއާރިއޯ ސްޕޯޓްސް އާއި ޔުނިސެފް އިން ކޮންމެ އަހަރަކު ބާއްވާ ޗެރިޓީ ޑްރައިވެއްގެ ތެރެއިންނެވެ. ކަންދިމާކުރި ގޮތުން މެސީ އަށް ފޮޓޯ ނަގަންޖެހުނީ ލަމީނޭ ޔަމަލްގެ އާއިލާއާ އެކުގައެވެ.
އޭރު މެސީގެ އުމުރަކީ 20 އަހަރެވެ. އޭރުވެސް އޭނާއަށް ލިބިފައިވާ މޮޅު ހުނަރާއެކު ފުޓްބޯޅައިގައި ފައިހަމަ ކުރުމަށް މަސައްކަތްކުރަމުން ދިޔައިރު މެސީއަށް ބާސެލޯނާ އާއި އާޖެންޓީނާ އަށް ކުޅުމުގެ ފުރުސަތު ލިިބުނީ މި ފޮޓޯ ޝޫޓުގެ ދެ އަހަރު ފަހުންނެވެ. މެސީ ފަދައިން ލަމީން ޔަމާލް ވެސް ފުޓްބޯޅައިގެ ދުނިޔެއަށް ދަތުރުކޮށްފައިވަނީ ބާސެލޯނާގެ މަޝްހޫރު ލަމާސިއާ ޔޫތު އެކަޑަމީގެ ތެރެއިންނެވެ.
ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާ އަދި މުބާރާތުގެ ތާރީހުގައި ވެސް ގޯލް ޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ ލަގަބު ހޯދާފައިވާ ލަމީން ޔަމާލް ގެ މޮޅު ކުޅުން ބަލާލުމަށް މިހާރު ގިނަ ބަޔަކު ތިބީ ޔޫރޯގެ ފައިނަލުގައި ސްޕެއިނާ، އިނގިރޭސީން ބައްދަލުކުރާ މެޗުގެ އިންތިޒާރުގައެވެ. މި މެޗުގައި ލަމީން ޔަމާލް ފަރާތުން ފެންނަ ކުޅުމާއެކު، މިއީ މި ޖީލަށް އުފަންވި 'ލެޖެންޑެއް'ގެ ފެށުންކަމުގައިވުން ގާތެވެ.