އުރީދޫ މޯލްޑިވްސް އިން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ލެޖެންޑް ޖޭ-ޖޭ އޮކޯޗާ ބައިވެރިވާ ތާރީހީ ފުޓްސަލް މެޗެއް މާލޭގެ ގަލޮޅު ދަނޑުގައި ބާއްވައިފިއެވެ.
މި މެޗްގައި ޖޭ-ޖޭ އޮކޯޗާއާއެކު ރާއްޖޭގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ބައިވެރިވެވަޑައިގެންފައި ވާ އިރު، "ޕްލޭ ފުޓްސަލް ވިތު އޮކޯޗާ" ގެ ނަމުގައި ކުރިއަށް ގެންދިޔަ ސޯޝަލް މީޑިއާ މުބާރާތުން ހޮވުނު ތިން ނަސީބުވެރިން ވެސް ވަނީ މި މެޗްގައި ބައިވެރިވެފައެވެ. އެ މީހުންގެ ވާދަ ކޮށްފައި ވަނީ އުރީދޫ މޯލްޑިވްސްގެ އެމްބެސެޑަރުން ކަމަށްވާ މާޒިޔާ ޓީމެވެ.
އުރީދޫ އިން ބުނީ، އެކުވެރިކަމުގެ މި ފުޓްސަލް މެޗަކީ ޖޭ-ޖޭ އޮކޯޗާ ރާއްޖެއަށް ކުރި ދަތުރުގެ އެންމެ ފާހަގަކޮށްލެވޭ ހަރަކާތް ކަމަށާއި ޓެލެވިޒަން މޯލްޑިވްސް އިން ލައިވް ކޮށް މި މެޗު ގެނެސްދީފައިވާ އިރު މި މެޗަކީ 20 މިނެޓުގެ ދެ ހާފްގެ ހިމެނޭ ފުޓްސަލް މެޗެއް ކަމަށެވެ. މި މެޗުން ޓީމް މާޒިޔާ މޮޅުވީ 7-5 ގެ ނަތީޖާއަކުންނެވެ.
ޓީމު ލެޖެންޑްސްގެ ބައިވެރިން
- ޖޭ-ޖޭ އޮކޯޗާ، ޕީއެސްޖީ ލެޖެންޑް
- ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް
- ސްޕޯޓްސް މިނިސްޓަރު އަބްދުالله ރަފީއު
- އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ ހާލިދު އަލް-ހަމާދީ
- އަލީ އަޝްފާގު (ދަގަނޑޭ)
- ކުރީގެ ގައުމީ ޓީމުގެ ކެޕްޓަން މުހައްމަދު ކަލީމް
- ޕްލޭ ފުޓްސަލް ވިތު އޮކޮޗާ ސޯޝަލް މީޑިއާ މުބާރާތުގެ 3 ނަސީބުވެރިން
- ކޯޗު އަލީ ސުޒައިން
އުރީޑޫގެ ސީއީއޯ ވިދާޅުވީ، ޕީއެސްޖީ ލެޖެންޑް ޖޭ-ޖޭ އޮކޯޗާ އާއެކު ދިވެހިރާއްޖޭގެ ނައިބު ރައީސް އަދި ރާއްޖޭގެ ލެޖެންޑްސް ބައިވެރިވާ މި މެޗު ރާވާ ބޭއްވުމަކީ އުރީދޫއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. މިފަދަ ހަރަކާތްތަކަކީ ކުޅިވަރުގެ ސަބަބުން މުޖުތަމައުގެ އެއްބައިވަންތަކަން ކުރިއެރުވޭނެ ކަން ރަމްޒުކޮށްދޭ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"ޕްލޭ ފުޓްސަލް ވިތު އޮކޮޗާ" ސޯޝަލް މީޑިއާ މުބާރާތަށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދިޔަކަމީ، ދިވެހި މުޖުތަމައުގެ މެދުގައި ފުޓްބޯޅައަށް އޮތް ހިތްވަރާއި ލޯބި ފެނިގެންދިޔަ ކަމެއް ކަަމށް އުރީދޫން ބުނެއެވެ.
އުރީދޫ އާއި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތަކީ އެއްބައިވަންތަ ކަމެއްގެ ގޮތުގައި ފުޓްބޯޅަ ފާހަގަކޮށް، އުރީދޫގެ ކަސްޓަމަރުންނާއެކު ގުޅުން ބަދަހިކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.