އުރީދޫ އިން އެޕަލް ވޮޗާއި ސެމްސަންގް ގެލެކްސީ ވޮޗަށް އީސިމްގެ ހިދުމަތް ތައާރަފްކޮށްފިއެވެ.
އުރީދޫ އިން ބުނީ މި އީސިމްގެ ހިދުމަތާއެކު، ފޯނާކާއި ނުލާ ރައްކާތެރި ކަމާއެކު ކޮންމެ ތަނެއްގައި ހުރެގެން ވެސް ސީދާ ގަޑިން ފޯނުކޮށް މެސެޖު ކުރެވޭނެ ކަމަށެވެ.
އުރީދޫ އިން ބުނީ އީސިމްގެ އެކްޓިވޭޓު ކުރުމަށް ފިޒިކަލް ސިމް ކާޑެއް ނުވަތަ އެއްވެސް އިތުރު އެޕްލިކޭޝަނެއްވެސް ބޭނުން ނުވާނެ ކަމަށެވެ. އެޕަލް ވޮޗް ނުވަތަ ސެމްސަންގް ގެލެކްސީ ވޮޗް ފޯނާ ގުޅާލައި، ސްކްރީނުގައި ވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމުން ފަސޭހަކަމާއެކު އީސިމް ގަޑިއަށް އެކްޓިވޭޓް ކުރެވޭނެ ކަމަށް އުރީދޫއިން ބުނެއެވެ.
ފާހަގަކުރެވޭ ގޮތުގައި ސެމްސަންގް ސްރީލަންކާ އާއި ރާއްޖޭގެ މެނޭޖިން ޑިރެކްޓަރު ސަންގްވާ ސޯންގް ވިދާޅުވީ ސެމްސަންގް އަކީ އީޖާދީ ވެއާބަލް ޓެކްނޮލޮޖީ ފޯރުކޮށްދިނުމަށް ހާއްސަ ކޮށްފައިވާ ކުންފުންޏެއް ކަމަށާއި، އެ ޓެކްނޮލޮޖީގެ ސަބަބުން އާންމު ދިރިއުޅުން ހަރުދަނާ ކޮށްދޭ ކަމަށެވެ.
ސެމްސަންގް އީސިމް ވެއާބަލްގެ ހިދުމަތް ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ވެސް ތިން މަސް ދުވަހަށް އެއްވެސް އަގަކާ ނުލައި މިހާރު ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މުއްދަތަށްފަހު ކޮންމެ މަހަކު 199 ރުފިޔާގެ ޗާޖެއް މި ހިދުމަތަށް ނަގައެވެ.