އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސްގެ މި އަހަރުގެ އެމްޕްލޯޔާ އޮފް ދަ އިޔާގެ ބްރޯންޒް ސްޓީވީ އެވޯޑް އުރީދޫ މޯލްޑިވްސް އަށް ލިބިއްޖެއެވެ.
އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑަކީ މި ސަރަހައްދުގެ ލީޑިން ބިޒްނަސް އެވޯޑްސް ޕްރޮގްރާމުގެ ގޮތުގައި ވަރަށް ބޮޑަށް ބަލައިގަނެ، އެކި ސިނާއަތްތަކުގައި އިނޮވޭޝަނާއި އެކްސެލެންސްގެ އަގު ވަޒަން ކުރާ އެވޯޑެކެވެ.
އެގޮތުން މިއަހަރު އުރީދޫއަށް ލިބުނު އެވޯޑް ފާހަގަކޮށް އެ ކުންފުނިން ބުނީ، މި އެވޯޑަކީ އުރީދޫ މޯލްޑިވްސްގެ މުވައްޒަފުންގެ އަގު ވަޒަންކޮށް، އެއްބާރުލުން ދީ، މުވައްޒަފުންގެ ފުރިހަމަ ގާބިލުކަމާ ހަމައަށް ވާސިލްވުމަށް ހިތްވަރު ލިބޭ، ކުރިއަރަމުން އަންނަ އޮގަނައިޒޭޝަނަލް ސަގާފަތެއް ކުރިއެރުވުމަށް އުރީދޫ މޯލްޑިވްސް އިން ކުރަމުން އަންނަ މަސައްކަތުގެ އަހައްމިއްޔަތުކަން ހާމަކޮށްދޭ އެވޯޑެއް ކަމަށެވެ. އުރީދޫގެ ހުނަރުވެރި ޓީމާއި އެ ކުންފުންޏަކީ މަސައްކަތް ކުރާނެ އާދަޔާ ޚިލާފު ތަނަކަށް ހެދުމަށް އިތުރަށް މަސައްކަތް ކުރަން ހިތްވަރު ލިބިއްޖެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
އުރީދޫ މޯލްޑިވްސްއަކީ އުނގެނުމާއި ތަރައްގީގެ ފުޅާ ދާއިރާއެއްގައި ޕްރޮގްރާމްތައް ހިންގުމާއި ޑައިވާސިޓީ، އިކުއިޓީ އަދި އިންކްލޫޝަން ޕްރޮމޯޓްކުރުން ފަދަ ތަފާތު މަސައްކަތްތަކުގައި އިންވެސްޓްކުރުމަށް ހާއްސަ ކުންފުންޏެކެވެ. މި މަސައްކަތްތަކުގެ އަމާޒަކީ މުވައްޒިފުންގެ ބައިވެރިވުމާއި ދުޅަހެޔޮކަން އިތުރުކޮށް، މުޅި ޖަމިއްޔާގައި އިނޮވޭޝަނަށް މަގުފަހިކުރުންކަން އެ ކުންފުނިން ފާހަގަކުރެއެވެ.
އުރީދޫ މޯލްޑިވްސްއަކީ ހަމައެކަނި ޓެލެކޮމިއުނިކޭޝަންގެ ލީޑަރެއްގެ ނޫން ކަމަށާއި މި އެވޯޑްގެ ސަބަބުން ރާއްޖެ އާއި ރާއްޖޭން ބޭރުގައި ވެސް ވަޒީފާ ދޭ ފަރާތެއްގެ ހައިސިއްޔަތުން އުރީދޫ މޯލްޑިވްސްގެ ދަރަޖަ އިތުރަށް ހަރުދަނާ ވެގެން ހިނގައްޖެކަމަށް އެ ކުންފުނިން ބުނެއެވެ.