އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ ލަމްހާގެ ދައްތަ ދައުލަތުގެ ހެއްކެއްގެ ގޮތުގައި ހާޒިރުވެ ޝަރީއަތަށް ހެކިބަސް ދީފިއެވެ.
ލަމްހާގެ ދައްތަ ބުނީ މޭރީ މަރުވި ދުވަހު އޭނާއާއި މާވިންގެ ދަރިފުޅު ގޮވައިގެން ލަމްހާ ދިރިއުޅޭ ގެއަށް މާވިން އައި ކަމަށާއި، މާވިން އާއި ލަމްހާއާ ދެމެދު އޮންނަ ގުޅުމާ ގުޅޭ ގޮތުން ފުރަތަމަ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ. އަދި މޭރީ މަރުވި ދުވަހު ދަރިފުޅު ގެނައީ ކީއްކުރަން ކަން ނާޙާ ކަމަށާއި މާވިން އާއި މާ ގިނައިން ވާހަކަ ނުދައްކާ ކަމަށް އޭނާގެ ދައްތަ ބުންޏެވެ.
ނަމަވެސް ނޫސްތަކުގައި މާވިންއާއި ގުޅޭ ގޮތުން ހަބަރުތައް ފެންނަން ފެށުމުން ލަމްހާ ކައިރީގައި ސުވާލުކުރި ކަމަށާއި އެއާއެކު ލަމްހާއާ ލޯބީގެ ގޮތުން މާވިން ގުޅިގެން އުޅޭ ކަން ބުނި ކަމަށް އޭނާގެ ދައްތަ ބުންޏެވެ. އަދި އެ ކަމާ މޭރީ ހިތްހަމަނުޖެހިގެން އުޅުނު ކަމަށް ވެސް ބުންޏެވެ. ލަމްހާގެ ދައްތަ ބުނީ ވަކި ގޮތަކަށް ހެކިބަސް ދޭން ދައުލަތުން ނާންގާނެ ކަމަށް ބުނުމުން ޝަރީއަތުގައި ހެކި ބަސް ދޭން ހާޒިރުވީ ކަމަށެވެ. ދައުލަތުގެ ވަކީލުން ވަނީ ބަޔާނުގައި ހުރި ގިނަ ވާހަކަތައް ލަމްހާގެ ދައްތަ ނުބުނާތީވެ އެއްބާރުލުން ނުދޭ ކަމަށްވެސް ބުނެފައެވެ.
މޭރީގެ މަރުގެ މައްސަލައިގައި ލަމްހާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައި ވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރި ވުމުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ. އަދި މޭރީގެ ފިރިމީހާ މާވިން އެސް ވައި ވާގަސްގެ މައްޗަށް ކުރަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.
މޭރީ ގްރޭސް މަރާލީ ބޮލަށާއި ކަރަށް ހަމަލާދީ ނޭވާ ހާސްކޮށްލައިގެން ކަމަށް އޭނާގެ އޮޓޮޕްސީ ރިޕޯޓުން ދައްކައެވެ. މޭރީ މަރާލި ކަމުގެ ތުހުމަތުގައި މާވިން ހައްޔަރު ކުރީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު 27 ގައެވެ. ލަމްހާ ހައްޔަރު ކުރީ އެ އަހަރުގެ ޑިސެމްބަރު 16 ގައެވެ.
މި މައްސަލާގައި ޝަރީއަތުގައި މިހާރު ކުރިއަށް ދަނީ ދައުލަތް ތަމްސީލްކުރާ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ހުށަހެޅި ހެކިވެރިން ހާޒިރުކޮށް ހެކިބަސް ނެގުމުގެ މަރުހަލާ އެވެ. އެގޮތުން އައިޖީއެމްއެޗްގައި މޭރީ އަދި މާވިންއާ އެކު މަސައްކަތްކުރި ދެ ނަރުހުން ހެކިބަސް ދީފައިވާއިރު އެމީހުން ވަނީ މޭރީ މަރުވިކަމުގެ މައުލޫމާތު ލިބިގެން ހޮސްޕިޓަލަށް ދިޔައިރު، މޭރީގެ ހަށިގަނޑު ފެނުނު ކަމަށާއި އޭރު އޭނާގެ މޫނު އޮތީ ނޫފައިގެންފައި ކަމަށް ބުނެފައެވެ. އިތުރަށް އެ ދެ ނަރުހުން ބުނީ އޭރު އެތަނުން މާވިން ވެސް ފެނުނުކަމަށެވެ. އަދި އޭގެ ތެރެއިން އެކަކު ބުނީ މާވިން އޭރު ލައިގެން ހުރި ޓީޝާޓު ތެމިފައިވާ ކަމަށެވެ.