ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަމާޒުކޮށްގެން ވެސްޓްމިންސްޓަ ފައުންޑޭޝަން ފޮ ޑިމޮކްރަސީން ކުރިއަށް ގެންދާ މަސައްކަތު ބައްދަލުވުމެއް ފަށައިފިއެވެެ.

މިއަދުން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކްރޮސްރޯޑް މޯލްޑިވްސްގައި ކުރިއަަށް ގެންދާ މި ޕްރޮގްރާމު އިފްތިތާހު ކޮށްދެއްވީ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަހްމަދު ނާޒިމްއެވެ.

މި ރަސްމިއްޔާތުގައި ނާޒިމް ވަނީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތާ، މަޖިލީސް މެދުވެރިކޮށް އަޅުއްވަމުން ގެންދަަވާ އިސްލާހީ ފިޔަވަޅުތަކާ، މެންބަރުންގެ މަސައްކަތުގައި ރައްޔިތުންނަށް އިސްކަން ދެއްވުމާ، ހަރަކާތްތެރިކަން ދެއްކުމުގެ މައްޗަށް އަލިއަޅުއްވާފައެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރެއްވި ހުރިހާ މެންބަރުންނަށް މަރުޙަބާ ވިދާޅުވަމުން ނާޒިމް ވަނީ ރައްޔިތުން އައު މެންބަރުންތަކަކާ، އައު ޒިންމާތަކެއް ހަވާލުކުރެވި، އައު ވިސްނުންތަކަކާއެކު، އެ ޒިންމާތައް އަދާކުރެއްވުމުގެ އުއްމީދުގައިކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ދިވެހި ރައްޔިތުން ހަވާލުކޮށްފައިވާ ބޮޑު މަސްއޫލިއްޔަތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން، ނާޒިމް ވަނީ ހުރިހާ މެންބަރުންވެސް އެ މެންބަރުންގެ ޒިންމާތައް އަދާ ކުރުމުގައި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް އިސްކަން ދިނުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން ނާޒިމްވަނީ މެންބަރުންގެ މަސައްކަތުގައި ރައްޔިތުންގެ އަޑުތައް އެހުމަށް ބާރުއަޅުއްވައި، ގާނޫނުތައް ހެދުމުގެ މަސައްކަތުގައި ރައްޔިތުންގެ ވިންދާ އިހްސާސްތަކަށް ރިއާޔަތް ކުރެއްވުމުގެ މުހިންމު ކަންވެސް ފާހަގަ ކުރައްވާފައެވެ. އަދި، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތުގައި ނަޒާހަތްތެރިކަމާ، އަމިއްލައަށް ޖަވާބުދާރީ ވުމާ، ޖަވާބުދާރީ ކުރުވުމާ، ތިންބާރު ވަކިވެފައިވާ ނިޒާމެއް ދެމެހެއްޓުމުގެ މުހިންމު ކަމަށްވެސް އަލިއަޅުވައި ލެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތުގައި ހާމަކަން ބޮޑު އަދި ޖަވާބުދާރީ ކުރުވަނިވި ނިޒާމަކަށް އަމާޒުކޮށް، ނާޒިމްވަނީ ކޮމިޓީތަކުގެ މަސައްކަތްތައް ހަރުދަނާކޮށް، ފާރަވެރިވުން ދަމަހައްޓަ ކަންކަން ނިންމުމުގައި އާންމު ރައްޔިތުންގެ ބައިވެރި ކުރުވުން އިތުރުކުރުމަށް ގޮވާލައްވާފައެވެެ. އަދި އިލްމީ ދިރާސާގެ އަލީގައި ނިންމުންތައް ނިންމުމަށާ، ހަރުދަނާ މަދަނަވެށި މަޝްވަރާތަކުގެ ތެރެއިން ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމުގައި މެންބަރުންގެ ދައުރު މިހާރަށް ވުރެން ބޮޑަށް ފުޅާކުރުމަށްވެސް ބާރުއެޅުއްވިއެވެ.

ދިވެހިރާއްޖެ ޑިމޮކްރެސީގެ މަގުގައި ކޮށްފައިވާ ދަތުރު ހަނދާނަށް ގެންނަވަމުން، ނާޒިމްވަނީ އައު ގާނޫނުއަސާސީގެ ހިޔާވަހިކަމުގައި 2008ން ފެށިގެން ދިވެހި ގައުމު 15 އަހަރު ވޭތިކޮށްފައިވާ ކަން ފާހަގަކުރައްވާފައެެވެ. އަދި މި އަހަރުތަކުގައި ގާނޫނުއަސާސީ ތަންފީޒުކުރުމުގައި ކާމިޔާބީ ހާސިލުކޮށްފައިވާ މިންވަރާ ދައުލަތުން ކޮށްފައިވާ ހޭދައާ މެދު ވިސްނުން ހިންގާލަން ޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ. އެގޮތުން މިއަދުގެ ހާލަތަށް ބަލާލަމުން މާލީ ޒިންމާދާރުކަން ކަށަވަރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، އަޅަންޖެހޭ ބައެއް އިސްލާހީ ފިޔަވަޅުތަކަށް އެމަނިކުފާނުވަނީ އަލިއަޅުއްވާފައެވެ. "އަޅުގަނޑުމެން ވެރިކަން ކުރުމުގެ ވައްޓަފާޅިއާމެދު އަލުން ވިސްނާ، ބަދަލުތައް ގެނަސް، ކަންކަން އިސްލާހުކޮށް، ބައެއް ކަންކަން އަލުން މުރާޖައާ ކުރަން ޖެހޭ" ނާޒިމް ވިދާޅުވިއެެވެ.

މީގެ އިތުރުން ނާޒިމްވަނީ ރައްޔިތުންގެ މަޖިލީހުގައި ޑިމޮކްރެޓިކް އަގުތައް ދެމެހެއްޓުމަށާ ގައުމީ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކަށް ރިއާޔަތް ކޮށްދިނުމަށްވެސް މެންބަރުންގެ އަރިހުން އެދިވަޑައިގެންފައެވެ. އަދި އެކުވެރި މާހައުލެއްގައި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެދިވަޑައިގެން، ޕާޓީތަކުގެ ހިޔާލު ތަފާތުވުންތަކުން މެންބަރުން އެއްކިބާވެ، ނަތީޖާ ނެރެދިނުމަށްވެސް އެމަނިކިފާނު އެދިވަޑައިގަތެވެ. "އަޅުގަނޑުމެން ކުރިއަށް ދާންޖެހޭނީ ހަގީގީ މާނައިގައި ރައްޔިތުންގެ އިހުސާސްތަކާ އުންމީދުތައް ތަމްސީލުކުރާ މަޖިލީހެއް ދެމެހެއްޓުމަށް މަސައްކަތް ކުރަމުން" ނާޒިމް ވިދާޅުވިއެވެެ.

މި މަސައްކަތު ބައްދަލުވުމުގައި މެންބަރުން މަސައްކަތް ކުރެއްވުމުގައި ފާހަގަކޮށްލެވޭ ގިނަ ދާއިރާތަކުން މައުލޫމަތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.