އީރާނާއި އިޒްރޭލާއި ދެމެދު ހިނގަމުންދާ ހަނގުރާމައަށް ވުރެ، އިދިކޮޅު އެމްޑީޕީގެ ފަރާތުން ގައުމަށް ލިބޭ ގެއްލުން ބޮޑު ކަމަށް ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކަށް ތައްޔާރުވުމުގެ ގޮތުން ދުރާލާ ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ގޮވާލައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވަނީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވާފައެވެ.

އެ ކުއްލި މައްސަލައަށް ބަހުސްކުރައްވަމުން ފަލާހު ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ލިބޭނެ ގެއްލުންތަކުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދު އެންމެ ބޮޑަށް ބަރޯސާވެފައިވާ ފަތުރުވެރިކަމަށް ގެއްލުން ލިބޭނެކަން ފާހަގަކޮށްފައިވާކަމަށެވެ. ގައުމަށް ގެއްލުމެއް ދޭން އެމްޑީޕީން ކުރާ މަސައްކަތުގައި އެންމެ ފުރަތަމަ ވެސް އެ ޕާޓީން އިސްކުރީ ފަތުރުވެރިކަމަށް ގެއްލުން ދިނުމަށްކަން ފާހަގަކޮށް ފަލާހު ވިދާޅުވީ ހަނގުރާމައަށްވުރެ ވެސް އެމްޑީޕީގެ ފަރާތުން ގައުމަށް ލިބޭ ގެއްލުން ބޮޑު ކަމަށެވެ. އެގޮތުން އެމްޑީޕީން، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޔޫރަޕްގެ ގައުމުތަކަށް، ރާއްޖެ ބޮއިކޮޓުކުރުމަށް ގޮވާލާފައިވާކަން ތާރިހުން ހެކިދޭކަމަށް ފަލާހު ވިދާޅުވިއެވެ.

މީގެ އިތުރުން ފަލާހު ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ފިޔަވަޅުތައް އެޅުން އަވަސްކުރަން ސަރުކާރުގެ ސަމާލުކަމަށް ގެންނަން ކުއްލި މައްސަލައެއް ހުށަހެޅިއިރު، ސަރުކާރުން މިހާރު ވެސް އެކަމަށް ހާއްސަ ސަމާލުކަމެއްދީފައިވާކަމަށެވެ. އަދި ގައުމަށް ގެއްލުންވެ ދަތި ނުވާނެ ގޮތަކަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ކަންކަން ބައްޓަންކުރައްވާނެކަމަށް ފަލާހު ވިދާޅުވިއެވެ.

މީގެ 12 ދުވަހެއްހާ ކުރިން އިޒްރޭލުން ދިން ހަމަލާތަކާ ގުޅިގެން އިޒްރޭލާއި އީރާނާ ދެމެދު ހިނގި ހަމަލާ ބަދަލުކުރުން ތަކުގެ ތެރެއިން އެމެރިކާއިން އީރާނަށް ހަމަލާދިނެވެ. އެއާއެކު ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާއާ ގުޅިގެން މެދުއިރުމަތީގެ ގައުމުތަކުގެ ވައިގެ ސަރަހައްދު ހެނދުނުގެ ނިޔަލަށް ބަންދުކުރިއެވެ.