އެމެރިކާގެ ރިޔާސީ އިންތިހާބަށް 4 މަހަށް ވެފައި ވާ އިރު, ދާދި ފަހުން ބޭއްވި ރިޔާސީ ބަހުސްގައި ބައިޑަން ހުއްޓުން އަރައި ދޫއޮޅި ދިމާވި މައްސަލަތަކާ ހުރެ ރިޔާސީ ރޭހުން ވަކިވުމަށް ގޮވާލައި އޭނާގެ ޕާޓީގެ މަޖިލީހުގެ މެންބަރުން އަޑުއުފުލަން ފަށައިފިއެވެ.
ބައިޑަންގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޑިމޮކްރެޓިކް ޕާޓީގެ މަޖިލީސް މެންބަރުން ބޭއްވި ސިއްރު ބައްދަލުވުމަށް ފަހު ނިއުޖާޒީ ތަމްސީލު ކުރައްވާ މިކީ ޝެރިން ވިދާޅުވީ, ބައިޑަން އާއި ޑިމޮކްރޭޓުންނަކީ އަބަދުވެސް އެމެރިކާއަށް ހެޔޮ އެދޭ އެންމެ ރަނގަޅު ޕާޓީ ކަމަށާއި ނަމަވެސް ރިޔާސީ ރޭހުގައި ކުރިއަށް ވަޑައިގަތުމަށް ބައިޑަން ފިޓް ނޫން ކަމަށެވެ. އެހެން ކަމުން ރޭހުން ވަކިވެވަޑައިގަތުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
ބައިޑަން ފިޓް ނޫން ވާހަކަ ދައްކާތާ ކިތަންމެ ދުވަހެކެވެ. އެކިއެކި ރަސްމިއްޔާތުތަކާއި ހަފްލާތަކަށް ވަޑައިގެން ވަގުތާ ނުބައްދަލު ކަންކަން ކުރެއްވުމާއި ކަންކަން ހަނދާން ނެތިވަޑައިގެން އުޅުއްވާތަން ފެންނަމުން ދިޔުމާއި ރިޔާސީ ބަހުސްގައި ދޫ އޮޅި ދައްކަވަން އުޅުއްވި ވާހަކަ ހަނދާން ނެތުމާއި ހުއްޓުން އެރުން ފަދަ ކަންކަން ވަނީ ދިމާވެފައެވެ. މި އާއެކު އެ ބަހުސްގައި އިދިކޮޅުން ބައިވެރިވި ރިޕަބްލިކަން ކެންޑިޑޭޓު ކުރީގެ ރައީސް ޑޮލާންޑް ޓްރަމްޕް ވަނީ ބައިޑަން އަށް ޖޯކް ޖައްސަވައި, ބައިޑަން ދައްކަވާ ވާހަކަ ބައިޑަން އަށް ވެސް އެނގިވަޑައިގަންނަވާނޭ ކަމާ މެދު ސުވާލު އުފައްދަވާފައެވެ.
މި ލަދާ އެކު ޑިމޮކްރޭޓުންގެ ތެރޭގައި ހިޔާލު ތަފާތުވެ ބައިޑަން ފިޓް ނޫން ކަމަށް އެއްބަޔަކު ބުނަމުން ދާ އިރު އެހެން ބައެއް އެމްޕީން ބުނަމުން ދަނީ ބައިޑަން ބަރާބަރު ކަމަށާއި, އެ މެންބަރުން ތިބޭނީ ބައިޑަން އާ އެކު ކަމަށެވެ.
ބައިޑަންގެ ސިއްހީ ހާލަތާ މެދު ކަންބޮޑުވުން އުފެދިފައިވާ މި ދަނޑިވަޅުގައި އޭނާ ގެންދަވަނީ ތާއީދު ހޯއްދަވަން އެކިއެކި ސިޓީތަކުގެ ގަވަރުނަރުންނާ ބައްދަލުކުރައްވަމުންނެވެ. އަދި ދުނިޔޭގެ ކަންކަމުގައި ގޮތް ނިންމުމުގައި އަދިވެސް ގަދަކޮށް އޮތްކަން ދެއްކުމުގެ ގޮތުން ނޭޓޯގެ ވެރިން ވޮޝިންޓަނަށް ގެންދަވާ ބައްދަލު ކުރައްވަމުންނެވެ.
ނަމަވެސް ނޭޓޯގެ ވެރިންގެ މެދުގައިވެސް ބައިޑަންގެ ހާލަތާ މެދު ކަންބޮޑުވުން އުފެދިފައިވާ ކަމަށް މުރާސިލުން ބުނެއެވެ.
ރިޔާސީ ރޭހުން ބައިޑަން ފެޔަށް ޖެހިވަޑައިގަތުމަށް ގޮވާލައި އަޑުތައް ގަދަވަމުން ދާ އިރު, އެމެރިކާގެ ސިޔާސީ ފަރާތްތަކުން ދެން އުފައްދާ ސުވާލަކީ އޭނާ ފަހަތަށް ޖެހިވަޑައިގެންފިނަމަ ދެން ހަވާލުވާން ހުރީ ކާކުތޯއެވެ. ބައެއް މީހުން އެމީހަކީ ނައިބު ރައީސް ކަމަލާ ހެރިސް ކަމަށް ބުނާ އިރު އަނެއް ބަޔަކު ބުނަނީ ހެރިސް އަކީ 'ގޭމް ޗޭންޖާ' އެއް ނޫން ކަމަށެވެ. އެހެން ކަމުން އެއީ ގިނަ ބަޔަކަށް ޗޮއިސް އަކަށް ނުވެއެވެ.
މުރާސިލުން ބުނާގޮތުން މިއަހަރުގެ ރިޔާސީ އިންތިހާބު ފަސޭހަ ކަމާއެކު ޓްރަމްޕް ކާމިޔާބު ކުރައްވާނެއެވެ. ނަމަވެސް ޓްރަމްޕާ ދެކޮޅަށް ޖިނާއީ ދައުވާތައް އުފުލާފައި ވުމާއި ބަރަހަނާ ފިލްމު ކުޅޭ އަންހެނަކާ ގުޅުން ބޭއްވެވި މައްސަލައަކާއި އެނޫންވެސް ތަފާތު އެތައް މައްސަލަތަކަކާ ހުރެ ބައެއް މީހުން ބުނަމުން ދަނީ ޓްރަމްޕަކީ ވެސް ކަމުދާ ޗޮއިސް އެއް ނޫން ކަމަށެވެ. ނަމަވެސް މިވަގުތު އެމެރިކާއަށް އިހުތިޔާރު ކުރަން ޖެހިފައި ވަނީ 'ބަލި މީހަކާއި', 'އަހުލާގެއް ނެތް މީހެއް' ގެ ތެރެއިން އެކަކު ކަމަށެވެ.