ކ. ދިއްފުށީގައި ސްނޯކްލިންގްއަށް ދިޔަ މީހެއްގެ ގައިގައި މިޔަރެއް ދަތް އަޅައިފިއެވެ.

އެ ރަށުން "ދަ ޕްރެސް" އާއި ވާހަކަ ދެއްކި މީހަކު ބުނީ މިޔަރު ދަތް އަޅާފައި ވަނީ އެރަށު ގެސްޓް ހައުސްއެއްގެ ވޯޓާ ސްޕޯޓްސްގައި މަސައްކަތް ކުރާ އެރަށު މީހެއްގެ އަތުގައި ކަމަށެވެ.

އެ ހާދިސާ ހިނގީ މިއަދު 1:30 އެހާއިރުކަން ފާހަގަ ކުރަމުން އޭނާ ބުނީ އަތުގެ ކުޑަ ހުޅަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށެވެ. "ގާތްގަނޑަކަށް ލަފާކޮށްލާފަ އަތެއްގެ ކައިވަތަށް ވުރެ ބޮޑުކޮށް އޮތް އަނިޔާވެފައި" އޭނާ ބުންޏެވެ. އަދި މިހާރު އިތުރު ފަރުވާއަށް އޭނާ މާލެ ފޮނުވާލާފައިވާ ކަމަށާއި ހާލަތު ސީރިއަސް ކަން ނުވަތަ ނޫންކަން ސާފު ނުވާ ކަމަށް އޭނާ މައުލޫމާތު ދިނެވެ.

ރާއްޖޭގައި މިޔަރުގެ ހަމަލާތައް އަމާޒުވަމުންދާ މީހުން ދުވަހެއް ދުވަހަކަށްވުރެ އިތުރު ވާއިރު ދާދި ފަހުން ވަނީ މިޔަރެއްގެ ޝިކާރައަކަށްވި އެމްއެންޑީއެފް މީހެއް ނިޔާވެފައެވެ. އެގޮތުން ލ. ކައްދޫގެ އެމްއެންޑީއެފްގެ ޓްރެއިނިން ސެންޓަރުން މޫދުގައި ކުރިއަށް ގެންދިޔަ ޓްރެއިނިން އެއްގެ ތެރެއިން ނިޔާވެފައި ވަނީ އެމްއެންޑީއެފްގެ ލާންސް ކޯޕަރަލް ޒައިދާން އެވެ.

މިފަދަ މައްސަލަތައް އިތުރުވެ މިޔަރުގެ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށް މި ސަރުކާރުން ބުނެފައި ވެއެވެ.