މި ސަރުކާރުން ކައުންސިލްތަކުގައި ތިއްބާވާ މެންބަރުންގެ އަދަދު މަދުކުރަން ނިންމި ނިންމުމަކީ ރަށްރަށުގެ އިގްތިސޯދަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރޭ ސަންގު ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ، 186 ރަށުގެ އެވްރެޖްކޮށް ފަސް ކައުންސިލަރު ކަމަށް ބަލައިފިނަމަ އެވްރެޖް މުސާރައަކީ ގާތް ގަނޑަކަށް މަހަކަށް 100 މިލިއަން ނުވަތަ 120 މިލިއަން ރުފިޔާ ކަމަށެވެ. އަދި ދައުލަތުގެ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި އެއްކޮށްލީމާ މަހަކަށް އެވްރެޖްކޮށް 200 ނުވަތަ 300 މިލިއަން ރފުިޔާ އަރާނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

މި ސަރުކާރުން ކައުންސިލަރުން މަދު ކުރުމަށް ދެއްކި ވާހަކައާ ގުޅިގެން ފައްޔާޒް ވިދާޅުވީ، ވަޒީފާތަކުގެ ތެރެއިން ލިބޭ އާމްދަނީ އަކީ ރަށްރަށުގެ އިގްތިސޯދަށް ވަރަށް ބޮޑަށް އަސަރު ކުރާނެ ކަމެއް ކަމަށެވެ. ކައުންސިލަރުން މަދުކުރުން ފަދަ ކަމެއް ކުރުމަކީ މި ވަގުތުން ވަގުތަށް މާ ބޮޑު ބަދަލެއް ފެންނާނެ ކަމެއް ނޫން ކަމަށާއި އޭގެ ފައިދާ ފެންނާނީ ދިގު މުއްދަތެއްގެ ތެރެއިން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މި ސަރުކާރަށް ސިޔާސީ މަގާމުތަކަކީ ކިހާވަރެއް ކަން ނޭނގޭ ކަމަށާއި އެމްޑީޕީގެ ސަރުކާރުގައި ސިޔާސީ މަގާމުތައް ގިނަކަމަށް ބުނެ 700 ގައި ހިފަހައްޓާނެ ކަމަށް މި ސަރުކާރުން ބުނެފައިވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. މިހާރު ވެސް 1500 އަށްވުރެ ގިނަ ސިޔާސީ މަގާމުތައް ދީފައިވާ ކަން ހުވާކުރައްވާފައި ވެސް ދަންނަވަން ކެރިވަޑައިގަންނަވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ވޭތުވެ ދިޔަ ދުވަސްތަކުގައި ސަރުކާރުން ދައްކަމުން ދިޔަ ވާހަކައަކީ ދައުލަތުގެ މާލީ ހާލަތު ވަރަށް ގޯސް ވާހަކަ ކަމަށާއި، އެހެންވީމާ ރައްޔިތުން "ހިތި ބޭސް" ބޯން ޖެހިދާނެ ވަހާކަ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. މި މޭރުމުން ސަރުކާރުގެ އިސް ފަރާތްތައް ވާހަކަ ދައްކަވަމުން ދިޔަ ދަނޑިވަޅެއްގައި ރޭގެ ޕީއެންސީ ހަރުގޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ މި ގައުމުގެ އިގްތިސޯދާއި މާލީ ހާލަތު އޮތީ ވަރަށް އުޖާލާ ކޮށް ކަމަށް ވިދާޅުވި ވާހަކައަށް ފައްޔާޒް އަލި އަޅުއްވާ ލެއްވިއެވެ.

އެ ގޮތުން ގައުމު ބަނގުރޫޓު ނުވާނެ ކަމަށް މި ސަރުކާރުން ދެއްކި ވާހަކަތަކާ ގުޅިގެން ފައްޔާޒް ވަނީ އެބޭފުޅުން އެ އުޅުއްވަނީ ކީއްކުރައްވަންތޯ އައްސަވާފައެވެ. އިގްތިސޯދު ބަނގުރޫޓުވާ ވާހަކަ ދެއްކުމަކީ މިއީ ކުޅޭކުޅޭ ކުޅިވަރެއް ނޫން ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ. ހަމައެއާއެކު މިދިޔަ އާދިއްތަ ދުވަހުގެ ރޭ ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގެ ތެރެއިން ހަރަދު ކުޑަކުރުމަށް ނިޒާމަށް ބަދަލުތަކެއް ގެނައުމާ ގުޅޭ ގޮތުން ފައްޔާޒް ވިދާޅުވީ، މިހާރު ގައުމުގެ ހާލަތު އޮތް ގޮތަށް ބަލާފައި ނިޒާމަށް ބަދަލު ގެންނަ ވާހަކަ ދެއްކުމަކީ މާލީ ހާލަތަށް އަސަރު ކުރާނެ ކަންކަން ނޫން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ސަރުކާރުން ކައުންސިލަރުންގެ އަދަދު މަދު ކުރުމަށް އިސްލާހެއް މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ އިއުލާން ކުރުމާ އެކު ފައްޔާޒް ވަނީ އެކަމަށް ރައްދު ދެއްވައި ދެބޯގެރި ދުއްވުމުގެ ބަދަލުގައި މިހާރުން މިހާރަށް ކުރެވެން ހުރި ކަންކަން ކުރުން މުހިންމު ކަމަށް ވިދާޅުވެ ޓްވީޓެއް ކުރައްވާފައެވެ. އެ ޓްވީޓުގައި ދެބޯގެރި ދުއްވުމޭ ވިދާޅުވި މާނަ ހާމަ ކުރައްވަމުން ރޭ ފައްޔާޒް ވިދާޅުވީ، ދައުލަތުގެ މާލީ ހާލަތުގެ ވާހަކަ އަނބުރާލަން ވެގެން މުޅިން އެހެން ވާހަކައެއް ފެއްޓެވި ގޮތުގައި ސިފަކުރެއްވުނު ކަމަށެވެ.

މި ގައުުމު ބަނގުރޫޓު ވަނީތޯ ނުވަތަ ނޫންތޯ ރައްޔިތުންނަށް ސާފުކޮށް އެނގެން ޖެހޭ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ސިޔާސީ ބޭނުމެއްގައި ލޮލުގައި އަނދުން އެޅުވުމުގެ ގޮތުން ކެނޑިނޭޅި ދަރަނީގެ ވާހަކަ ދައްކަވާ ކަމަށާއި އެ ވާހަކަ ޖެހިގެން އަންނަ ދުވަހު ބަދަލުވާތަން ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެކަމުން ދޭހަ ވެގެން ދަނީ އިހުލާސްތެރިކަމެއް ނެތްތަން ކަމަށާއި އަދި ކަންކުރުމުގެ ގާބިލް ކަންވެސް ނެތްތަން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ، މިފަދަ ދަނޑިވަޅެއްގައި ދައުލަތުގެ ވެރިން ދަރަނީގެ ވާހަކަތަކެއް އެފަދަގޮތްތަކަށް ސިޔާސީ ބޭނުމަށް ނުދައްކަވާނެ ކަމަށެވެ. އޭގެ ސަބަބުން ރަނގަޅަށް އޮތް އެއްޗެއްވެސް ހަލާކުވެގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށެވެ.