އެމްއޭސީއެލްގެ މުވައްޒަފުންގެ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް ހާއްސަ ހެލްތް ސްކްރީނިންގް ޕްރޮގްރާމެއް ފަށައިފިއެވެ.

އެ ކުންފުނިން ބުނީ މިއީ މުވައްޒަފުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މުވައްޒަފުންގެ ލާބައާއި މަންފާއަށް ކުރާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ ހާއްސަ ޕްރޮގްރާމެއް ކަމަށެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދަނީ އެމްއޭސީއެލްގެ ސޭފްޓީ، ސެކިއުރިޓީ އެންޑް ކޮމްޕްލަޔަންސް ޑިޕާޓްމަންޓްގެ އޮކިއުޕޭޝަނަލް ހެލްތު ޓީމުގެ އިސްނެގުމުގެ މަތިންނެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ސްކްރީނިން އިވެންޓުގައި ބީއެމްއައި އެސެސްމަންޓާއި ޑެންޓަލް ޗެކަޕް، ވިޝަން ސްކްރީނިން އަދި ހަކުރު ބަލީގެ ޗެކްއަޕް ހިމެނޭ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

މި ޕްރޮގްރާމްގެ މަގްސަދަކީ، ދުޅަހެޔޮ، ރައްކާތެރި މަސައްކަތުގެ މާހައުލެއް ގާއިމުކުރުމަށް ކުރާ މަސައްކަތްދައްކުވައިދޭ، މުވައްޒަފުންގެ މުޅި ދުޅަހެޔޮކަން ކުރިއެރުން ކަމަށް އެ ކުންފުނިން ބުނެއެވެ. މިއަދު ފެށީ މި ޕްރޮގްރާމްގައި އެ ކުންފުނީގެ އިސްވެރިންވެސް ވަނީ ބައިވެރިވެފައެވެ.

ނިމިދިޔަ އަހަރުތަކުގައި ވެސް އެމްއޭސީއެލްއިން ވަނީ މިފަދަ ހެލްތް ސްކްރީނިންގް ޕްރޮގްރާމްތައް ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފައެވެ.