ކައުންސިލަރުން މަދު ކުރާ ވާހަކައާއެކު އެމްޑީޕީ އަދި ޕީއެންސީ ބަހުސެއް ފެށިއްޖެއެވެ.

ރޭ ބޭއްވި ޕީއެންސީގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދައުލަތުގެ ހަރަދު ކުޑަކުރުމަށް ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދު ކުރުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ވެސް މަދު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މަޖިލީހުގެ އަދަދު 77 އަށް ބަދަލު ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ޅަފަތުގައި، ރައްޔިތުންގެ ބާރު ކަނޑުވާލަން، ރަށްރަށުގެ އާންމު ހާލަތު ސާފުނުވާ ބަޔަކު މާލޭގެ ފިނިކޮޓަރީގައި ތިބެގެން ރަށްރަށުގެ ކަންހިންގުމުގެ ބާރު އެ ފިނިކޮޓަރިއަށް ޖަމާކުރުމަށް މަސައްކަތް ކުރާ ކަމަށާއި އެކަމަށް އެއްބަސް ނުވެވޭނެ ކަމަށެވެ. އަދި ދައުލަތުގެ ކަންކަން ހިންގަން ނޭނގިގެން ގައުމު "ބަނގުރޫޓުގެ މަގަށް" ފުރޮޅެން ފެށުމުން ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަކީ ގޮތެއް ނޫން ކަމަށް ވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.

މިކަމަށް ރައްދު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ގައުމު ހިންގަން ނޭނގި ފިނި ކޮޓަރީގައި ތިބެ ގައުމު ބަނގުރޫޓު ކޮށްލީ ކޮންބައެއްކަން ރައްޔިތުންނަށް އެނގޭ ކަމަށެވެ. އަދި ރައްޔިތުން ނުކުމެ އެމްޑީޕީގެ ވެރިކަން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.ރައީސް މުއިއްޒުގެ ސަރުކާރަކީ ރައްޔިތުންގެ އިހްސާސްތައް ދަނެގެން ހިންގާ ރައްޔިތުންގެ ސަރުކާރެއް ކަމަށާއި ލާމަރުކަޒީ ނިޒާމުގެ ފޮނިމީރުކަން ރައްޔިތުންނަށް ހޯދައި ދޭނީ ރައީސް މުއިއްޒުގެ ސަރުކާރުން ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ވާހަކަ އެމްޑީޕީއިން ކިޔާދޭނެ ކަމެއް ނެތް ކަމަށާއި އެމްޑީޕީއިން ލާމަރުކަޒީ ނިޒާމު ހިންގިގޮތް ތަޖުރިބާކޮށްފައިވާ ކަމަށެވެ. އަދި އެ ތަޖުރިބާގެ އަލީގައި ރައީސް މުއިއްޒު މި ނިޒާމަށް ގެންނަންޖެހޭ ހެޔޮ ބަދަލު ގެނެސްދެއްވާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

މި ކަމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވީ ކައުންސިލްގެ އަދަދު އަދި މަޖިލިސް މެންބަރުންގެ އަދަދު މަދުކުރުމުގެ ކުރިން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ފުޅާ ދާއިރާއެއްގައި ހޯދަން ޖެހޭ ކަމަށެވެ. ނަމަވެސް ދެބޯގެރި ދުއްވުމުގެ ބަދަލުގައި މިހާރުން މިހާރަށް ކުރެވެން ހުރި ކަންކަން ކުރުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

ގެންނަށް ހުށަހަޅާފައި ހުރި ބަދަލުތަކުގައި އިހްލާސްތެރިކަމެއް ހުރިކަމަކަށް ފެނިވަޑައިނުގަންނަވާ ކަމަށާއި އިތުބާރު ހޯދުމަށް ވައުދުވެޑައިގެންފައިވާ ގޮތަށް ކަންކަން އަދި ހާލަތު އޮތްގޮތް ހާމަކުރަން ޖެހޭ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެގޮތުން ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަ ކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ޝާހިދު ވިދާޅުވީ އެއީ އެއްވެސް އުނދަގޫކަމެއް ނޫން ކަމަށާއި މިވަގުތު ވެސް ސަރުކާރަށް އެ މައުލޫމާތު އެނގެންޖެހޭ ކަމަށެވެ. އަދި ނޭނގޭނަމަ އެއީ އަދި މާ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.

އެމްޑީޕީއިން ރައްޔިތުން ބަލައިގަންނަ، ހަރުދަނާ ބަދަލުތަކަކަށް މަރުހަބާ ކިޔާނެކަން ފާހަގަ ކުރައްވާ ޝާހިދު ވިދާޅުވީ މާލީ ހާލަތު "ވާނުވާ"ގައި ބާއްވައިގެން ގައުމަށް ލިބޭނެ އެއްވެސް ކުރިއެރުމެއް ނެތް ކަމަށެވެ.