އެމްޑީޕީ މުޒާހަރާގައި ކުޑަކުއްޖެއްގެ އަބުރު ނަގާލައި ދެއްކި ވާހަކަ ކުށްވެރިކުރައްވާ އެފަދަ ފަރާތްތަކަށް ގާނޫނުން ތަންދޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގޮވާލައްވައިފިއެވެ.

މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި އެމްޑީޕީން ކުރިއަށް ގެންދާ މުޒާހަރާތަކުގެ ތެރެއިން މި މަހުގެ 12 ވަނަ ދުވހުގޭ ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގައި އެމްޑީޕީގެ މެންބަރަކު ވަނީ ކުޑަކުއްޖެއްގެ އަބުރު ކަތިލައި ވާހަކަ ދައްކާފައެވެ.

މިކަމާ ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ، ޒާތީ ހަސަދަވެރި ކަމާއި ސިޔާސީ ވާދަވެރިކަމުގައި ކުށެއް ނެތް މައުސޫމް ކުދިންގެ ހައްގުތަކަށް އަރައިގަނެ އަބުރާ އިއްޒަތް ނަގާލާ ދޮގު ތުހުމަތުތަކާއި އިލްޒާމުތައް އެކުދިންގެ ބޮލުގައި އަޅުވަމުންދާ ކަމަށެވެ. އެ ފަދަ ފަރާތްތަކާ މެދު ގާނޫނު ތަންދޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާބެހޭ މުވައްސަސާތަކަށް އަބްދުއްރަހީމް ވަނީ ގޮވާލައްވާފައެވެ.

ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި މިފަދަ ނާތަހުޒީބު ދަށު ދަރަޖައިގެ ކަންކަން ކުރުމަކީ ޕާޓީތަކުގެ ބެލެނިވެރި ފަރާތުން ހަމަ އެކަނި ކުށްވެރިކުރުމުގެ ބަޔާނަކުން ފުއްދަން ޖެހޭނެ ކަމެއް ނޫން ކަމަށް އަބްދުއްރަހީޟް ވިދާޅުވިއެވެ. އެ ފަދަ ކަންކަން ތަކުރާރު ނުކުރެވޭ ގޮތަށް ފިޔަވަޅު އެޅޭނެ ނިޒާމެއް އޮންނަން ޖެހޭ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

މުޒާހަރާގައި ކުޑަކުއްޖެއްގެ އަބުރު ކަތިލި މައްސަލަ އާ ގުޅިގެން އެޗްއާރްސީއެމް އިން ވެސް އެކަން ކުށވެރިކޮށް އެ މައްސަލަ ބެލުމަށް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާފައެވެ. އެޗްއާރްސީއެމް އިން ބުނެފައި ވަނީ އެ ކޮމިޝަނުން މި މުޒާހަރާތައް މޮނިޓާ ކުރަމުން އަންނަ ކަމަށާއި ކުޑަކުއްޖެއްގެ ކަރާމާތާއި އަބުރަށް އުނިކަން ލިބޭފަދަ ގޮތަކަށް ވާހަކަ ދައްކާފައި ވުމަކީ ހިޔާލު ފާޅުކުރުމުގެ ނަމުގައި އެއްވެސް ފަރާތަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

ކުޑަކުދިންނަކީ ހާއްސަ ރައްކާތެރިކަމެއް ގާނޫނު އަސާސީ އާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު އާއި، ކުޑަކުދިންގެ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާއިން ލިބިދީފައިވާ ބަޔަކަށް ވީހިނދު، އެކުދިންގެ ކަރާމާތާއި އަބުރަށް އުނިކަން ލިބޭފަދަ ގޮތަކަށް ސީދާ ގޮތުން ވެސް އަދި ނުސީދާ ގޮތަކުން ވެސް އެއްވެސް ފަރާތަކުން އަމަލު ނުކުރުމަށް އެ ކޮމިޝަނުން ވަނީ ގޮވާލާފައެވެ. ގާނޫނު އަސާސީން ލިބިދޭ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބޭނުން ކުރުމުގައި އެކަކު އަނެކާގެ ހައްގުތަކަށް އުނިކަން ނުލިބޭނެ ފަދަ ގޮތަކަށް ޒިންމާދާރު ކަމާއެކު މި ހައްގުތައް ބޭނުންކުރުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.