ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަދި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ޕީއެންސީއަށް ނިސްބަތްވާ ހިތަދޫ މެދު ދާއިރާގެ އަހުމަދު އަޒާން މަރުޒޫގް ވަކިކޮށްފިއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ކޮމިޓީޓަކަށް ގެނައި ބަދަލު އިއުލާނުކުރައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެ 2 ކޮމިޓީއިން އަޒާން ވަކިކޮށް އެހެން 2 މެންބަރަކު އެ ކޮމިޓީތަކަށް ހަމަޖައްސާފައިވާ ކަމަށެވެ.
އެގޮތުން މާލިއްޔަތު ކޮމިޓީއިން އަޒާން ވަކިކުރުމަށްފަހު އެ ކޮމިޓީއަށް އައްޔަންކޮށްފައި ވަނީ ޕީއެންސީއަށް ނިސްބަތްވާ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާންއެވެ. އަދި 241 ކޮމިޓީއަށް ހަމަޖައްސާފައި ވަނީ ޕީއެންސީއަށް ނިސްބަތްވާ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލްއެވެ.
މާލިއްޔަތު ކޮމެޓީ އަދި 241 ކޮމެޓީއިން އަޒާން ވަކިކޮށް އޭނާ ޕެޓިޝަން ކޮމިޓީ އަދި އިމްތިޔާޒާއި ސުލޫކު ކޮމިޓީގެ މެމްބަރުންގެ ތެރޭގައި ހިމަނާފައިވާ ކަމަށް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ.
މާލިއްޔަތު ކޮމެޓީ އަދި 241 ކޮމެޓީއިން އަޒާން ވަކިކޮށްފައި ވާއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރަން ހުށަހެޅި އިސްލާހަށް އަޒާން ވޯޓު ދެއްވާފައެއް ނުވެއެވެ.
އަޒާން ވިދާޅުވެފައި ވަނީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ހުރި ނަމަ ޖޭއެސްސީ މެދުވެރިކޮށް އެ މައްސަލަ ބަލައި އެފަދަ މައްސަލައެއް ސާބިތުވާ ނަމަ މަޖިލީހަށް ހުށަހަޅައިގެން ފަނޑިޔާރުން ވަކިކުރެވިދާނެ ކަމަށާއި މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އޮއްވައި އެ މަގު ހިޔާރުނުކޮށް ކޯޓުތަކުގެ ގާނޫނު އިސްލާހުކޮށް ދެ ފަނޑިޔާރަކު މަގާމުން ވަކިކުރަން މަޖިލީހުން ނިންމި ނިންމުމަކީ ގާނޫނީ ގޮތުން ދެކޮޅު ޖެހޭ ކަމެއް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ.
އަދިވެސް ހުންނެވީ ސަރުކާރަށް ތާއީދުކުރާ މެންބަރެއްގެ ގޮތުގައި އައްޑޫއަށް ތަރައްގީ ގެނައުމަށް ސަރުކާރާ ގުޅިގެން މަސައްކަތްކުރުމަށް ކަމަށާއި ސަރުކާރާއި ދައުލަތުގެ މުއައްސަސާތައް ޖަވާބުދާރީކުރުމުގެ މަސައްކަތް ކުރުމުގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަން އަޒާން ވަނީ ދެއްވާފައެވެ.