ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ނިންމާލި އިރު 77 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގައި ކުރިއަށް ގެންދިޔަ މިދައުރުގެ ފަހު ޖަލްސާ ނިންމަވާލައްވަމުން އަބްދުއްރަހީމް ވަނީ ދައުރުގެ ތަފާސްހިސާބުތައް ހިއްސާކުރައްވާފައެވެ.

އެގޮތުން މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ މިދިޔަ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ބާއްވާފައިވާ އިރު، މިހާތަނަށް މިދައުރު ތެރޭގައި 32 ޖަލްސާ ބާއްވާފައިވެއެވެ. މި ޖަލްސާތަކުގައި 59 ގަޑިއިރު ހޭދަކޮށްފައިވާ އިރު ޖުމްލަ 193 ކޮމިޓީ ބައްދަލުވުމަށް 139 ގަޑިއިރާއި 37 މިނެޓު ހޭދަކޮށްފައި ވެއެވެ.

މި ދައުރު ތެރޭގައި މަޖިލީހުން ކުރި މަސައްކަތްތައް:

  • ބިލު: ކުރީ ދައުރުން ލިބުނު 9، މި ދައުރުގައި ހުށަހެޅި 10، ޖުމްލަ 19 އިން 9 ނިމިފައި، 1 ތަޅުމުގައި 9 ކޮމިޓީގައި
  • ގަރާރު: ކުރީ ދައުރުން ލިބުނު 2، މި ދައުރުގައި ހުށަހެޅި 2، ޖުމްލަ 4 އިން 2 ނިމިފައި، 2 ކޮމިޓީގައި
  • ސަރުކާރުން ހުށަހެޅި މައްސަލަ: ކުރީ ދައުރުން ލިބުނު 2 މި ދައުރުގައި ހުށަހެޅި 36، ޖުމްލަ 38 އިން 37 ނިމިފައި، 1 ކޮމިޓީގައި
  • ރިޔާސަތުން ހުށަހެޅި މައްސަލަ: މި ދައުރުގައި ހުށަހެޅި 9 އިން 7 ނިމިފައި، 2 ކޮމިޓީގައި
  • ކުއްލި މައްސަލަ: މި ދައުރުގައި ހުށަހެޅީ 3 މައްސަލަ ނިމިފައި
  • މެންބަރުން ހުށަހެޅުއްވި މައްސަލަ: މި ދައުރުގައި ހުށަހެޅި 4 މައްސަލަ ނިމިފައި
  • އެހެނިހެން މައްސަލަތަކާ ގުޅޭ ރިޕޯޓް: މި ދައުރުގައި ހުށަހެޅި 1 ރިޕޯޓް ނިމިފައި
  • ސުވާލު: ކުރީ ދައުރުގައި ހުށަހެޅި 10، މި ދައުރުގައި ހުށަހެލި 38، ޖުމްލަ 48 އިން 34 ނިމިފައި، 14 ތަޅުމުގައި

މި ދައުރުގެ ތެރޭގައި 9 ބިލު ފާސްކޮށްފައިވާ އިރު އޭގެ ތެރޭގައި ހިމެނެނީ އިމިގްރޭޝަންގެ ގާނޫނާއި ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުތަކާއި ގޭންގު ކުށްތައް ހުއްޓުވުމަށް ގާނޫނުތަކަށް ގެނައި މުހިންމު އިސްލާހުތައް ހިމެނެއެވެ. 9 ބިލު ފާސްކޮށްފައިވާ އިރު، ސަރުކާރުން ހުށަހެޅި 37 މައްސަލަ ނިމިފައިވާ އިރު، ޖުމްލަ 97 މަސައްކަތެއް މި ދައުރުތެރޭ ވަނީ ނިިމިފައި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އެއާއެކު މި ދައުރުގެ ތެރޭގައި މަޖިލީހަށް ހުށައެޅިފައިވާ 77 ޕަސެންޓްގެ މަސައްކަތް ނިންމާފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. މެންބަރުން މި ދައުރުގެ ތެރޭގައި މަޖިލީހުގެ މަަސައްކަތްތަކަށް ދެއްވި އަހަންމިއްޔަތު ކަމަށް އަބްދުއްރަހީމް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

20 ވަނަ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މިއަހަރުގެ ދެވަނަ ދައުރު ފެށޭނީ ޖޫން މަހުގެ ފުރަތަމަ ދުވަހުއެވެ. އަދި 2 ވަނަ ދުއުރު ނިމޭނީ އޮގަސްޓު މަހުގެ 15 ވަނަ ދުވަހުއެވެ.