އިޒްރޭލުން ގާޒާ އަށް އަރާ ހިންގަމުން ދާ އުދުވާނަށް 275 ދުވަސް ނުވަތަ 9 މަސްދުވަސް ވެފައި ވާ އިރު, މިހާތަނަށް 3,376 މީހަކު ގަތުލު ކުރި ކަމަށް ގާޒާގެ މީޑިއާ އޮފީހުން ހާމަ ކޮށްފިއެވެ.

ހަމާސްގެ ކޮންޓްރޯލް އޮންނަ ގާޒާގެ މީޑިއާ އިން އިތުރު އަދަދުތައް ވެސް ހާމަ ކޮށްފައި ވާ އިރު ހިމެނެނީ;

  • ޝަހީދު ކުރި މީހުން: 38,153
  • ގެއްލިފައިވާ މީހުން: 10,000
  • ޝަހީދު ކުރި ކުޑަކުދިން: 15,983
  • ރަނގަޅު ކާނާ ނުލިބި މަރުވި: 34
  • ޝަހީދުވި އަންހެނުން: 10,637
  • މަރުވި ސިއްހީ ހިދުމަތްތެރިން: 500
  • މަދަނީ ހިދުމަތުގެ މެންބަރުން: 75
  • ނޫސްވެރިން: 158
  • ވަޅުލާފައި ވަނިކޮށް ފެނުނު: 520
  • ހަމަލާ ދިން ވަގުތީ ހިޔާވަހިތައް: 157
  • ޒަހަމްކޮށްލި: 87,828
  • މައިންބަފައިން ނެތި ތިބި ކުދިން: 17,000

އިޒްރޭލުން މިހާރުވެސް ގާޒާގެ އުތުރާއި, މެދާއި އަދި ދެކުނުގެ ސަރަހައްދުތަކަށް ހަމަލާ ދެމުން ގެންދާ އިރު ޝަހީދުވާ މީހުންގެ އަދަދުތައް ދަނީ މައްޗަށެވެ. މިއަދުވެސް ގާޒާގެ އުތުރަށް ދިން ހަމަލާ ތަކުގައި 6 މީހަކު ޝަހީދުވެފައި ވާ އިރު މެދުތެރޭގައި ހުންނަ ގެއަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ވެސް 6 މީހަކު ވަނީ ޝަހީދުވެފައެވެ. މީގެ އިތުރުން ދެކުނުން ރަފާ އަށް އަމާޒު ކުރާ ހަމަލާތަކުގައި 3 މީހަކު ޝަހީދުވެފައި ވާއިރު ޒަހަމްވި މީހުންގެ އަދަދުތައް ވަނީ 75 އަށް އަރާފައެވެ.

ހަނގުރާމަ އަށް 9 މަސްވެފައި ވާ އިރު, އިޒްރޭލާއި ހަމާސް އާ ދެމެދު ސުލްހަ ގާއިމު ކުރުމަށް ކުރިއަށް ގެންދާ މަޝްވަރާތައް އާކުރުމުގެ އަޑުތައް ވެސް މިހާރު ވަނީ ގަދަވެފައެވެ. އެރޮނގުން ދައްކާ ވާހަކަތަކަށް ބަލާއި, އިޒްރޭލުގެ މޮސާޑުގެ ވެރިންނާއި އެމެރިކާގެ މަންދޫބުން ބައިވެރިވާ މަޝްވަރާތަކެއް މިސްރުގައި ކުރިއަށް އެބަދެއެވެ. މި ވާހަކަތަކާ ގުޅުވައި ހަމާސްގެ ބައެއް އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ސުލްހަ ވުމަށް މީގެ ކުރިން ހަމާސް އިން ކުރިމަތިކުރަމުން ގެންދިޔަ ޝަތުރުތަކުގެ ތެރޭގައި ހިމެނޭ ފުރަތަމަ ކަންތައް 'ހަމަލާތައް ހުއްޓާލުން' ގެ ބައި ހަމާސް އިން ވަނީ ދޫކޮށްލާފައެވެ. ނަމަވެސް މި ވާހަކަ ހަމާސްގެ ރަސްމީ އެއްވެސް މަސްދަރަކުން ބުނެފައެއް ނުވެއެވެ.

އަނެއްކޮޅުން ސުލްހައިގެ ޕްލޭނަށް އެއްބަސްވުމަށް ގޮވާލައި އިޒްރޭލުގައި މުޒާހަރާވެސް ކުރަމުން އެބަގެންދެއެވެ. މުޒާހަރާ ކުރާ މީހުން ބޭނުންވަނީ ހަމަލާތައް ހުއްޓާލައި, އެމީހުންގެ އާއިލާތަކަށް ނިސްބްތަވާ, ހަމާސްގެ އަތްދަށުގައި ތިބި މީހުން މިނިވަން ކުރާށެވެ.

ސުލްހައިގެ ވާހަކަތަކުގެ އަޑު މިވަގުތަށް ގަދަވެފައި ވީ ނަމަވެސް އިޒްރޭލު ސަރުކާރުން ބުނެފައި ވަނީ, ހަމާސް ނައްތާލާފައި ނޫނީ ހުއްޓާނުލާނެ ކަމަށެވެ. އެގޮތުން ދެމުން ގެންދާ ހަމަލާތައް ވެސް ވަރުގަދަ ކޮށް ވަކިވަކި މީސްމީހުންގެ ގޮދޮރަށް ހަމަލާ ދެމުން ގެންދާ އިރު, އެފަދަ ހަމަލާއެއްގައި ގާޒާގައި ހުންނަވާ ހަމާސްގެ ޑެޕިއުޓީ ލޭބާ މިނިސްޓަރު ވަނީ އަވަހާރަ ކޮށްލާފައެވެ.

އަނެއްކޮޅުން ގާޒާގެ ތެރޭގައި އިޒްރޭލުގެ ފައުޖުތައް ކުރިއަރައިގެން ދިޔުން ހުއްޓުވުމަށާއި އެމީހުނަށް ހާސްކަން ގެނައުމަށް ހަމާސްގެ މުޖާހިދުން ރާވާ ދެމުން ގެންދާ ހަމަލާތަކުގައި ޝުޖައްޔާގައި އިޒްރޭލުގެ ފައުޖުތަކަށް ވަނީ ރޮކެޓް ހަމަލާތަކެއް ދީފައެވެ. ހަމާސްގެ އަލް ގުދުސް ބްރިގޭޑާއި އިސްލާމިކް ޖިހާދު ގުޅިގެން ދީފައިވާ މިހަމަލާތަކުގައި އިޒްރޭލު ސިފައިންގެ އުޅަނދުތަކެއް ހަލާކު ކޮށްލެވުނު ކަމަށް އަލް ގުދުސް ބްރިގޭޑުގެ އޮފިޝަލުންނާ ހަވާލާ ދީ މީޑިއާ ރިޕޯޓުތައް ބުނެފައި ވެއެވެ.

އިޒްރޭލުން ގާޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި މުޅި ގާޒާގެ 68 ޕަސެންޓް އެކީ އެކަށް ވަނީ ފުނޑުފުނޑު ކޮށް ވީރާނާ ކޮށްލާފައެވެ.