ގައުމީ އެއާލައިން މޯލްޑިވިއަންގެ އެއާބަސް މަރުކާގެ އޭ-320 އަށް ދިމާވި މައްސަލަ ހައްލުކޮށް، އެ ބޯޓު މިއަދު މެންދުރުފަހު އަނބުރާ ގެނެސްފިއެވެ.

މޯލްޑިވިއަނުން ބުނީ، ބޯޓަށް ދިމާވި މައްސަލައަކާ ގުޅިގެން މެލޭޝިއާގެ ސީފެން އިންޖިނިއަރިން އިން ބޯޓަށް ބޭނުންވާ ހިދުމަތް ހޯދައި، މައްސަލަ ހައްލުކޮށް އަނބުރާ ގެނެސްފައިވާ ކަމަށާއި، ބަންގްލަދޭޝްގެ ވެރިރަށް ދާކާ އަށް މިރޭ 9 ޖަހާއިރު ދަތުރުތައް އަލުން ފަށާނެ ކަމަށެވެ.

އިއްޔެ ހެނދުނު ކުރި ޕޯސްޓެއްގައި މޯލްޑިވިއަނުން ވަނީ، ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ދާކާ އަށް ކުރަން އޮތް ދަތުރު ކެންސަލްކުރިކަން، އެ އެއާލައިންގެ ސޯޝަލް މީޑިއާގައި ހާމަކޮށްފައެވެ.

މިދިޔަ މަހު ވެސް ޓެކްނިކަލް މައްސަލައެއް ދިމާވެ، މި ބޯޓަށް ދިމާވި މައްސަލަ ހައްލުކުރަން ޖެހުނެވެ.

މޯލްޑިވިއަންގެ ފްލީޓްގައި 25 މަތިންދާބޯޓެއް އެބައޮތެވެ. އެއީ:

  • އޭޓީއާރުގެ ހަތަރު ބޯޓު
  • އެއާބަސް އޭ-320 ގެ ބޯޓެއް
  • ޑޭޝް-8 ގެ ނުވަ ބޯޓެއް
  • 11 ޓްވިން އޮޓާ ސީޕްލޭން