ޏ. ފުވައްމުލަކުގައި ހިންގި އޮޕަރޭޝަނެއްގެ ތެރޭގައި ފުލުހުން މީހަކު ހައްޔަރުކުރަން އުޅުމުގައި އަމަލުކުރި ގޮތަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އެ މައްސަލަ ބަލާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އެމީހާ ހައްޔަރު ކުރަން އުޅުނު ގޮތުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އިރު، ގިނަ ބަޔަކު ވަނީ ފުލުހުން އަމަލު ކުރާ ގޮތަށް ފާޑުކިޔާފައި ވާ އިރު، ފުލުހުން އާންމުންނަށް ކުރާ މިފަދަ އަނިޔާގެ މައްސަލަތައް ތަހުގީގު ކުރުމަށް ވެސް އާންމުން ވަނީ ގޮވާލާފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ދެ ފުލުހަކު މީހަކު ހައްޔަރުކުރަން އޭނާ ބިންމައްޗަށް ވައްޓާލައި ފައިން ގައިމައްޗަށް އަރާ ތަން ފެނެއެވެ. އެއް ފުލުހަކު ބިންމަތީގައި އޮތް މީހާގެ ކަރަށް ފައިން އަރައިގެން ހުންނަ މަންޒަރު ފެންނަ އިރު، އަނެއް ފުލުސް މީހާ އޭނާގެ އަތް ލަންބުވާލާ ތަން ވެސް އެ ވީޑިއޯ އިން ފެނެއެވެ.

މި ކަމާ ގުޅިގެން ފުލުހުން ބުނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން، މިފަދަ އެއްވެސް އަމަލަކީ ހިދުމަތުގެ ހަމަތަކުގެ ތެރެއިން ބަލައިގަނެވޭނެ އަމަލެއްނޫން ކަމަށެވެ. މި ހާދިސާ ތަހުގީގުކުރުމަަށް ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑް އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގައި ފުލުހުން ވާނީ މިހާރު އެދިފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެއްވެސް މިންވަރެއްގެ އަނިޔާވެރި އަމަލަަކަށް ދިވެހި ފުލުހުން ހިތްވަރު ނުދޭނެ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން އާންމުންގެ މީހަކު ހައްޔަރު ކުރުމުގައި އަނިޔާވެރި އމަަލުތަކެއް ހިންގާފައިވާ ވާހަކަތައް ދެކެވެމުން އަންނަ އިރު މި ދުވަސްވަރަކީ ފުވައްމުލަކުގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ފުލުހުން ހިންގަމުންދާ ދުވަސްވަރެކެވެ. އެގޮތުން މަސްތުވާތަކެތި ބޭނުން ކުރާ މީހުންނާއި އޭގެ ވިޔަފާރު ކުރާ މީހުން ހޯދުމަށް ފުލުހުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން މީހަކު ހައްޔަރު ކުރަން އުޅުމުން އެ ރަށުން ބަޔަކު ވަނީ ފުލުހުންނާ ކުރިމަތި ލައި ހަމަނުޖެހުން ހިންގާފައެވެ. މި މައްސަލައިގައި ފުލުހަކަށް ވެސް ވަނީ އަނިޔާ ވެފައެވެ.