ހުޅުމާލޭގެ ފިތުރޯނު ސްމާޓް ޕާކިން ޖާގައިން 11 ޕާކިން ޖާގަ ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހަޅަން ހުޅުވާލައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ) އިން ކުރި އިއުލާންގައި ބުނީ، ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން ވެހިކަލް ޕާކް ކުރުމަށް ބޭނުންވާ ޖާގަ ހުޅުމާލެ ފިތުރޯނު މަގު ފެރީ ޓާމިނަލް ޕާކު ކައިރީގައި ތަރައްގީ ކޮށްފައިވާ ފިތުރޯނު ސްމާޓް ޕާކިން ޒޯން އިން ޕާކިން ޖާގަ ކުއްޔަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެ ގޮތުން އެތަނުން ކުއްޔަށް ދޫކުރާނީ 11 ޕާކިން ޖާގަ ކަމަށާއި އެއީ 3 އަހަރުގެ މުއްދަތަށް ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

ޕާކިން ޒޯން ކުއްޔަށް ދިނުމުގައި ބީލަން ކުރިއަށް ގެންދިއުމުގެ ދެ މަރުހަލާއެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ. އެގޮތުން ބީލަން ފޯމް ބަލައިގަތުން މި މަހުގެ 25 ވަނަ ދުވަހު މެންދުރު ފަހު 1:00 އިން 2:00 އާ ދެމެދު އެޗްޑީސީ ބިލްޑިންގެ އެގްޒިބިޝަން ސެންޓަރު، ގްރައުންޑް ފްލޯގައި ކުރިއަށް ދާނެއެވެ. އެއަށް ފަހު ބީލަން ކެނޑުން ނުވަތަ ފޯމް ހުޅުވުން އޮންނާނީ ހަަމަ އެ ދުވަހުގެ 2:30 ގައި ކަމަށް އެޗްޑީީސީން ބުނެއެވެ.

ބީލަން ފޯމް ހުށަހެޅުމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު އެ ކޯޕަރޭޝަންގެ ވެބްސައިޓް ގައި ހުންނާނެއެވެ. އަދި އިތުރު މައުލޫމާތު ސާފު ކުރުމަށް އެ ކޯޕަރޭޝަންގެ ނަންބަރު 1516 އަށް ގުޅޭނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.