ހއ ފިއްލަދޫގެ ޓޫރިޒަމް ޒޯނުން ބިން ދޫކުރުމުގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންކަން ހިންގާފައި ވާކަމަށް ބުނެ ހުށަހެޅި މައްސަލަ އޭސީސީން ބަލަން ފަށައިފިއެވެ.

މި މައްސަލައާ ގުޅިގެން މިވަގުތު އޭސީސީން ކުރިއަށް ގެންދާ ތަހުގީގުގެ ތަފްސީލީ މައުލޫމާތު އެ އިދާރާއިން ހާމަ ނުކުރިނި ނަމަވެސް ބަލަމުން ގެންދާ މައްސަލައަކީ، ފިއްލަދޫ ޓޫރިޒަމް ޒޯނުން ބިން ދޫކުރުމުގެ ނަމުގައި އެ ރަށުގައި އޮތް ކައުންސިލުން ކޮރޮޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތަކެއް ހިންގާފައި ވާ ކަމަށް ބުނެ އާންމު ފަރާތަކުން އޭސީސީއަށް ހުށަހެޅި މައްސަލަކަން "ދަ ޕްރެސް" އަށް ވަނީ ކަށަވަރު ކުރެވިފައެވެ.

އެ މައްސަލައާ ގުޅޭގޮތުން އޭސީސީއަށް ހުށަހެޅި ކަރުދާހާ ގުޅޭ ބައެއް ލިޔެކިޔުންތައް 'ދަ ޕްރެސް' އަށް ވެސް ލިބިފައި ވާ އިރު، ޓޫރިޒަމް ޒޯނުން ބިން ދޫކުރުމުގައި އެ ރަށު ކައުންސިލުން އަމަލު ކުރި ގޮތް ކަމަށް ބުނެ އެރަށުގެ ބައެއް ރައްޔިތުން ވަނީ ކައުންސިލުން ކަންކުރި ގޮތާއި މުޅި މަރުހަލާ ކުރިއަށް ގެންދިޔަ ގޮތް ކިޔައިދީފައެވެ. އެގޮތުން؛

ޓޫރިޒަމް ޒޯނަށް ބިޑް ހުށަހެޅި އިރު ކައުންސިލްގެ ބައެއް މެންބަރުން ވެސް ހަރަކާތްތެރި ވަނީ --- ފޮޓޯ: ފިއްލަދޫ ރައްޔިތެއް

ޓޫރިޒަމް ޒޯނުން ބިން ދޫކުރުމަށް އެންމެ ފުރަތަމަ އިއުލާނު ކުރީ އޮގަސްޓް 17، 2023 ވަނަ ދުވަހުއެވެ. އެ އިއުލާނުގައި ބިޑަށް ކުރިމަތި ލެނޭވެ ފަރާތްތަކާއި ކުރިމަތިލުމަށް ހަދަން ޖެހޭނެ ގޮތާއި އިއުލާނުގެ ސުންގަޑިއާއި ބިޑް ޕްރޮޕޯސަލްތައް ހުޅުވުން ކުރިއަށް ދާނެ ގޮތާއި ބިޑް ހުޅުވާތަންވެސް ވަރަށް ތަފްސީލްކޮށް ބަޔާންކޮށްފައި ވެއެވެ.

ނަމަވެސް ކުއްލިއަކަށް އެމަހުގެ 30 ވަނަ ދުވަހު އިތުރު އިއުލާނެއް ކޮށް ބިޑް ހުޅުވަން ހަމަޖެހިފާވާ ތަން ބަދަލު ކުރިއެވެ. ކުރިން ބިޑް ހުޅުވުން ހަމަޖެހިފައި އޮތީ ފިއްލަދޫ ކައުންސިލްގެ އިދާރާގައި ނަމަވެސް ބިޑަށް ރަޖިސްޓްރީ ކުރި ފަރާތްތައް ގިނަ ކަމަށް ބުނެ ބިޑް ހުޅުވުން އެ ރަށު އިޖްތިމާއީ މަރުކަޒަށް ބަދަލުކުރިއެވެ.

މީގެ ސަބަބުން ބިޑް ހުށަހަޅަން ހާޒިރުވުމުގައި ބައެއް ފަރާތްތަކަށް އޮޅުން އަރާ، ބިޑް ހުޅުވާ ސުންގަނޑިއަށް ހާޒިރު ވެވުނީ ކައުންސިލް އިދާރާއަށް ކަމަށާއި އެފަރާތްތަކަށް ބިޑް ހުށަހެޅޭނެ ގޮތެއް ނުވެ ފަހުން އެ ބިޑްތައް ބަލައިނުގަތް ކަމަށް އެ ރަށުގެ ބައެއް މީހުން ބުނެފައި ވެއެވެ.

ޓޫރިޒަމް ޒޯނަށް ބިޑް ހުށަހެޅި އަދަދުތައް ހާމަކޮށް ކައުންސިލުން ކުރި ޕޯސްޓް

އަދި ޓޫރިޒަމް ޒޯނުން ބިން ދޫކުރުމަށް އިއުލާނު ކުރުމުގެ ދުވަސްކޮޅެއްގެ ކުރިން، ކައުންސިލްގެ މެންބަރުންނާއި މުވައްޒަފުންގެ މަސްލަހަތު ހިމެނޭގޮތަށް ގިނަ އަދަދެއްގެ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކާއި ކުންފުނިތައް ރަޖިސްޓްރީ ކުރި ކަމަށްވެސް ބުނެފައި ވެއެވެ. އެގޮތުން ކައުންސިލް މެންބަރުންގެ ތިމާގެ މީހުންނާއި ރައްޓަހިންގެ ނަމުގައި ބައެއް ވިޔަފާރިތައް އަވަސް އަރުވާލައިގެން ރަޖިސްޓްރީ ކޮށްފައި ވާކަމަށް ބުންޏެވެ.

އަދި ދުރާލާ އިންވެސްޓަރުން ހޯދާ، ބިޑްތަކަށް ހުށަހަޅަންވީ އަގުތައް ފައިދާ ބޮޑުވާނެހެން ފާހަގަކޮށް ތައްޔާރު ވެފައި ވާކަން އެނގެން ހުރި ކަމަށް ވެސް ވަނީ ބުނެފައެވެ.

މި އިއުލާނާ ގުޅިގެން ކައުންސިލް އިދާރާގެ މެންބަރުންނާއި މުވައްޒަފުން ވެސް ބިޑް ޕްރޮޕޯސަލް ހުށަހަޅާ، ބިޑްގައި އާންމުފަރާތްތަކާ އެއް އުސޫލުން ބައިވެރިވެފައި ވާއިރު، ހަމަ އެ މުވައްޒަފުން ރަސްމީ ހައިސިއްޔަތުން ބިޑިން ޕްރޮސެސް ތެރޭގައި އަމަލީގޮތުން އުޅެ، ބިޑްތައް ބައިލައިގަތުމުގަ އާއި ސައްހަ ކަމާއި ބާތިލްކަން ކަނޑައެޅުމުގައިވެސް ބައިވެރިވެފައި ވާކަމަށް ވެސް މައުލޫމާތު ދީފައި ވެއެވެ. އެގޮތުން ބިޑާއެކު ހުށަހަޅަންޖެހޭ ޑޮކިއުމަންޓެއް، އަގެއް، އަދަދެއް ނުވަތަ ނަންބަރެއް މަދުނަމަ ނޫނީ އުނިނަމަ އެބިޑެއް ބާތިލް ކަމަށް ކަނޑައަޅާފައި ވަނީ އެމުވައްޒަފުން ކަމަށާއި، އެމުވައްޒަފުންނަކީ އަނެއްކޮޅުން ބިޑްތަކަށް ވާދަކުރާ ފަރާތްތައް ކަމަށް ވެސް ބުންޏެވެ.

އަދި ބިޑެއް ކާމިޔާބުވީ ނަމަވެސް އެ ބިޑެއް ކާމިޔާބުވީ ކަމުގެ ހަގީގީ ފައިދާ ކުރާނީ އެތަނަކަށް ދައްކަން ޖެހޭ ކުލި ދައްކައި އެތަނެއްގައި އިމާރާތް ކުރެވި އިންވެސްޓަރުން ހޯދިގެން ކަމަށްވާއިރު، މި އިއުލާނާ ގުޅިގެން ބިޑްތައް ކާމިޔާބުކުރި ކައުންސިލްގެ އިދާރާގެ މުވައްޒަފުންނާއި މެންބަރުން ދުރާލާ އިންވެސްޓަރުން ހޯދާ ޑިޕޮސިޓް ފައިސާ ޖަމާކޮށް ތައްޔާރަށް ތިބުމުން އެފަރާތްތަކަށް ލިބުނު ބިންތަކަށް އަވަހަށް އެ އިންތިޒާމްތައް ހަމަޖެހިގެން ގޮސްފައިވާ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އެގޮތުން އާންމު ރައްޔިތު މީހާ ޖެހުނީ ލިބުނު ބިމަށް ޑިޕޮސިޓް ފައިސާ ނުދެއްކިގެން ނުވަތަ އިންވެސްޓަރަކު ނުލިބިގެން، ލިބުނު ބިން ދޫކޮށްލަން ކަމަށާއި މިއީ ކައުންސިލްގެ އިދާރާގެ މުވައްޒަފުން ދުރާލާ ތައްޔާރު ވެގެން ތިބެ ކުރި ކަމެއްކަން އަންގައިދޭ އަލިގަދަހެއްކެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޓޫރިޒަމް ޒޯނަށް ބިޑް ހުށަހެޅުމުގެ ތެރެއިން --- ފޮޓޯ: ފިއްލަދޫގެ ރައްޔިތެއް

ފިއްލަދޫ ކައުންސިލް އިން ޓޫރިޒަމް ޒޯންގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދަކީ އެ ރަށުގެ އިގްތިސާދީ ސަރަހައްދެއް ކަމަށް ވާއިރު އެސަރަހައްދުގެ ލޭންޑް ޔޫސް ޕްލޭން އަދި މިއަދާ ހަމައަށްވެސް ކައުންސިލުން ހަދާފައި ނުވާކަން އޭނާ ފާހަގަ ކުރިއެވެ. އަދި ރައްޔިތުންނާ މަޝްވަރާ ނުކޮށް އެހާބޮޑު ސަރަހައްދެއް ކުއްލި ގޮތަކަށް ޓޫރިޒަމަށް ހާއްސަކޮށް ބިންތައް ބައިބައިކޮށް ކުއްޔަށް ދޫކޮށް ނިންމާލީ ރައްޔިތުންގެ ގާތުގައި "ހޭވެސް އަހާ ނުލާކަން" ފާހަގަ ކޮށް އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ފިއްލަދުއަށް ފައިދާ ބޮޑުވާނީ އެއްފަހަރާ ހުރިހާ ބިމެއް ބިޑަށްލުމުގެ ބަދަލުގައި އެކި މަރުހަލާތަކަށް ބަހާލައިގެން ބިމުގެ އަގު އަރާ ވަރަކުން ބިންތައް ބިޑަށް ލުމުން ކަމަށް އޭނާ ވަނީ ބުނެފައެވެ. މިކަމުންވެސް ދޭހަވަނީ މި އަމަލަކީ ވަކިބައެއް ނުވަތަ ވަކި އެޖެންޑާއެއް ފުރިހަމަ ކުރުމަށް ހިނގި ކޮރަޕްޝަންގެ އަމަލެއް ކަމަށެވެ.

މީގެ އިތުރުންވެސް ބިންތައް ކުއްޔަށް ދޫކުރުމަށް ކޮށްފައިވާ އިއުލާނާއެކު އެޓޭޗް ކޮށްފައިވާ ބިންތަކުގެ ޗާޓާއ،ި ބިންތަކުގެ ވަށައިގެންވާ މަގުތަކުގެ ޗާޓާ އެއްވެސް ވަރަކަށް ދިމާ ނުވާކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ. އޭގެ ސަބަބުން 5000 އަކަފޫޓުގެ ބިމެއް ކަމަށް ބުނެ ދޫކުރި ބިން އެޔަށް ވުރެ ކުޑަވެ ނުވަތަ ބޮޑުވެފައިވެސް ހުރި ކަމަށާއި އެ ބިންތަކުގެ ސައިޒް ދިމާކުރުމަށް ފަހުން އެހެން ސަރަހައްދުތައް ބޮޑުކޮށް މަގުތައްވެސް ބޮޑުކޮށް ނުވަތަ ކުޑަކޮށްފައި ވާކަމަށް ވެސް ރަށުގެ ބައެއް ރައްޔިތުން ބުނެފައި ވެއެވެ.

ހއ. ފިއްލަދޫ ޓޫރިޒަމް ޒޯން އިން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ ޗާޓު

މިއިއުލާނާ ގުޅިގެން ބިޑްކާމިޔާބު ކުރި ފަރާތްތަކަށް ދޫކޮށްފައިވާ ބިންތަކަށް އެފަރާތްތަކުން ދައްކަންޖެހޭ ޑިޕޮސިޓް ފައިސާ ނުދެއްކުމުން އަނބުރާ ކައުންސިލަށް ނަގާފައިވާ ބިންތައް އެއްވެސް ހަމައެއްނެތި އަދި އަލުން އިއުލާނު ކުރުމެއް ނެތި ބޭނުން މީހަކަށް ދޫކުރަމުން ދާ ކަމުގެ ތުހުމަތުވެސް ކައުންސިލަށް އެބައޮތެއެވެ. އެގޮތުން ކައިރީގައި އޮތް ބިމުގެ ވެރިފަރާތުން ބޭނުން ވާނަމަ އެބިން އެފަރާތަށް ދީ އެގްރީމެންޓް ކުރަމުން ދިއުމާއި، އެދެމެދުގައި މަގެއް ވާނަމަ އެ މަގެއް ނައްތާލައި ޗާޓާ ހިލާފަށް އަމަލު ކުރަމުން ދާކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ވަނީ ތުހުމަތު ކޮށްފައެވެ.

މީގެ އިތުރުނ،ް ބިން ކުއްޔަށް ނެގި ފަރާތުން ބޭނުންވާނަމަ ކައުންސިލަށް ވަކި އަދަދަކަށް ފައިސާ ދެއްކުމަށްފަހު ބިމުގެ ވެރިފަރާތް ބަދަލުކުރުމުގެ ކަންތައްވެސް ހިންގާކަމަށާއި ބިމުގެ ވެރިފަރާތް މި އުސޫލުން ބަދަލުކުރެވޭނެ އެއްވެސް ހަމައެއް އިއުލާނާއެކު އާންމުކުރި އުސޫލުގައި ބަޔާންކޮށްފައި ނުވާއިރު މިގޮތަށް ބިމުގެ ވެރިފަރާތް ބަދަލުކުރާނަމަ ބިޑިން ޕޮރޮސެސް އެއް ހިންގާ އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަކަށް ބިން ކާމިޔާބު ވާ އުސޫލުގެ ބޭނުމެއް ނެތްކަމަށް އޭނާ ބުނެއެވެ. އަދި މިގޮތަށް ބިމުގެ ވެރިފަތާތް ބަދަލުކުރުމަށް ކައުންސިލަށް ދައްކާ ފައިސާގެ އަދަދު އެކި ފަހަރު އެކިގޮތަށް ނަގާކަމަށްވެސް ބުނެއެވެ.

އަދި އެ ފައިސާ ދައްކަނީ ކައުންސިލަށް ކަމެއް ނުވަތަ ކައުންސިލްގެ ވަކި ބޭފުޅަކަށް ކަމެއް އެނގޭނެ ގޮތެއް ނެތްކަމަށާއި މިހެންކަމުން ކައުންސިލްގެ އިދާރާއިން އެންމެ ފުރަތަމަ ކުރި އިއުލާނާއި މިހާރު ކަންތައްތަތް ވަމުންދާ ގޮތާ ދިމާނުވުމުގެ އިތުރުން އުސޫލާ ހިލާފަށް ކަންތައްތައް ހިންގާފައިވާ ކަމަށް އޭނާ ވަނީ ތުހުމަތު ކޮށްފައެވެ.

މި ތުހުމަތުތަކާއެކު މައްސަލަ އޭސީސީއަށް ހުށަހަޅާފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ. އެ ރަށުގެ އާންމު ރައްޔިތަކު ހުށަހެޅި މި މައްސަލައާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ސާފު ކުރަން މި ނޫހުން މަސައްކަތް ކުރި ނަމަވެސް އޭސީސީން ތަފްސީލު ހިއްސާ ކޮށްފައި ނުވާ އިރު މައްސަލަ އާ ގުޅިގެން ފިއްލަދޫ ކައުންސިލްގެ ބަހެއް ހޯދަން އެ ކައުންސިލްގެ ވެރިންނަށް ގުޅި ނަމަވެސް އެއްވެސް ފަރާތަކުން ޖަވާބެއް ދީފައެއް ނުވެއެވެ.