ހއ. ފިއްލަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހާއްސަ ރަސްމިއްޔާތެއް ކުރިއަށް ގެންގޮސްފައިވާއިރު އެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދުއެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމްއެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި އާރްޑީސީއާއި މި މަސައްކަތް ހަވާލުކޮށްފައި ވަނީ 77.1 މިލިއަން ރުފިޔާ 730 ދުވަސް (2 އަހަރު) ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ.

ރައީސް މީގެ ކުރިން ވަނީ ފިއްލަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް އިސްކަންދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ހއ. އަތޮޅުގެ ބައެއް ރަށްތަކަށް މިދިޔަ ޖެނުއަރީ މަހު ކުރެއްވި ދަތުރުފުޅުގައި ރައީސް ވިދާޅުވީ، ފިއްލަދޫގެ ތަރައްގީއަށް އެންމެ މުހިންމު ކަމަކީ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުން ކަމަށާއި، އެކަމަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ.

މީގެ އިތުރުން ވެސް އެ ސަރަހައްދުގައި ފަތުރުވެރިކަން ފުޅާކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށް ރައީސް އޭރު ވިދާޅުވެފައި ވެއެވެ،