ހުޅުމާލޭގައި ހަލުވިކަމާއެކު އާބަދުވަމުން އަންނަ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓް ސަރަހައްދަކީ މީހުން އާބާދުވާން ފެށީއްސުރެ ތަފާތު އެކި މައްސަލަތައް ދިމާވަމުން އަންނަ އަދި އާންމުންގެ ޝަކުވާ ގިނަ ސަރަހައްދެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އެ ޕްރޮޖެކްޓުގެ ދަށުން 6،720 މީހަކަށް ފްލެޓް ލިބިފައިވާއިިރު ފާއިތުވި ދެ އަހަރެއްހާ ދުވަހު އެތަނުގައި ދިރިއުޅޭ އާބާދީ ވަނީ 30،000 އަށްވުރެ މަތިވެފައެވެ. ގިނަ ފްލެޓުތަކުގައި މީހުން ދިރިއުޅެމުން ދިޔަ ނަމަވެސް މަދު ފްލެޓުތައް އަދިވެސް ހުރީ ހުހަށެވެ. ނަމަވެސް ހުރިހާ ފްލެޓުތަކަށް އެންމެން ދިރިއުޅުން ބަދަލު ކުރާ ހިސާބުން 50،000 އަށްވުރެ ބޮޑު އާބާދީއެއް ހަމައެކަނި އެ ސަރަހައްދުގައި އޮންނާނެއެވެ.

25 ބުރީގެ 16 ޓަވަރު ހިމެނޭ މި ސަރަހައްދުގެ އާބާދީ ބޮޑުވުމާއެކު އެތަނުގައި ދިރިއުޅޭ ފަރާތްތަކުން ކުރަމުންދާ ޝަކުވާތައްވެސް ގިނައެވެ. އެ ތަނުގައި ދިރިއުޅޭ މަދު ބައެއްގެ އަމަލުތައް ހުންނަ ގޮތުން އެ ސަރަހައްދުގައި ދިރިއުޅޭ އެންމެންނަށް އެ ތަކުލީފު އުފުލަން ޖެހެއެވެ. ދައްކަން މިއުޅެނީ ހަމަ އެފަދަ ވާހަކައެކެވެ.

އިއްޔެ އިން ފެށިގެން ޓިކްޓޮކުގައި އާއި އެކްސް ފަދަ އެކި އެކި ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުގައި ވައިރަލްވި އެ ވީޑިއޯގައި ފެންނަމުންދަނީ އެތަނުގައި ދިރިއުޅޭ ބައެއްގެ ގޭގައި ގެންގުޅޭ ފަރުނީޗަރާއި ހިފާ ގެންގުޅޭ ތަކެތި ލިފްޓުން ބާލުވާ މަންޒަރެވެ. އަދި އެވަގުތު ލިފްޓު ކައިރީގައި ގިނަ އަދަދެއްގެ ބަޔަކު މަޑު ކޮށްގެން ތިބިއިރު ސްކޫލް ނިންމާފައި އައިސް ތިބި ދަރިވަރުންވެސް ހިމެނެއެވެ.

މި މައްސަލައާއި ގުޅިގެން ވީޑިއޯ ހިއްސާ ކުރި ފަރާތުގެ ޝަކުވާ އަކަށްވީ ސްކޫލް ދަރިވަރުންނާއެކު ބަރު ދަބަސްތައް ހިފައިގެން ލިފްޓު ކައިރީގައި ގިނަ ވަގުތު މަޑު ކުރަން ޖެހުމެވެ.

"އަނެކުންނާ މެދު ވިސްނުމެއް ނެތް މިފަދަ އަމިއްލަ އެދުން އިސްކުރާ މީހުންގެ ސަބަބުން ދަރިން ގޮވައިގެން ސްކޫލް ނިންމާފައި އަންނަ އެތައް ބަޔަކު، މާލެ އަދި ފޭސް އެކަކުން ހިޔާ ޓަވަރުތަކަށް އަންނަ ގަޑީގައި ބަރު ދަބަސްތައް އަޅުވައިގެން ވަރުބަލި ކަމާއެކު އެތަން އިރެއްވަންދެން ކޮޅަށް ހުންނަންޖެހޭ، މިއީ ބަދަލު ކުރަންޖެހޭ ކަންކަން"
ވީޑީއޯއާއެކު ލިޔެފައި ވެއެވެ.

އެތަނުގައި މަޑު ކުރަން ޖެހުނީ ކިހާ ވަގުތެއް ކަމެއް ވީޑިއޯއިން އެނގެން ނެތް ނަމަވެސް ކޮމެންޓު ކޮށްފައިވާ މީހުންގެ ހިޔާލު މިކަމުގައި ތަފާތެވެ. އެއްބަޔަކު ބުނަމުންދާ ގޮތުގައި ކެތްތެރިކަން އިސްކޮށް އެތަނުގައި ކޮޅަށް އިރުކޮޅަކު ތިބެލަން ޖެހުމަކީ އެހާ ބޮޑު ކަމެއް ނޫނެވެ. އަދި އިތުރު އެހެން ލިފްޓެއް ނެތީތޯވެސް ބައެއް މީހުން ސުވާލު އުފައްދާފައިވާއިރު އަނެއް ބަޔަކު ބުނަމުންދަނީ އެފަދަ މަސައްކަތް ކުރުމަށް ވަކި ވަގުތެއް ކަނޑައެޅުމަކީ އެންމެ އެދެވިގެންވާ ގޮތް ކަމަށެވެ.

ހިޔާ ޓަވަރުގެ ތެރެއިން ބައެއް ޓަވަރުގައި ހަތަރު ލިފްޓު އަދި ބައެއް ޓަވަރުތަކުގައި ތިން ލިފްޓު ހުރި ނަމަވެސް އާބާދީ އާއި އަޅާ ބަލާއިރު ލިފްޓު މަދުވުމުގެ ސަބަބުން އަރައި ފޭބުމަށް ދަތި ވާތީ އެތަނުގައި ދިރިއުޅޭ މީހުންގެ ޝަކުވާ ބޮޑެވެ. އެއާއެކު އެ މައްސަލަ ހައްލު ކުރުމަށް މި ސަރުކާރުން ވަނީ ހިޔާ ފްލެޓްތަކުގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމުގެ އަމަލީ މަސައްކަތް ފަށާފައެވެ. ކޮންމެ ޓަވަރެއްގައި ހަރުކުރާ އެއް ލިފްޓަކީ ސްޓްރެޗާ އުފުލޭ ވަރުގެ ބޮޑު ލިފްޓެކެވެ. އަނެއް ލިފްޓަކީ ގާތްގަނޑަކަށް އެއްފަހަރާ 14 މީހުންނަށް އެރެވޭނެ ކެޕޭސިޓީގެ ލިފްޓެކެވެ.

މީގެ އިތުރުންވެސް މި ސަރަހައްދުގައި ގިނަ މައްސަލަތަކެއް ދަނީ ފާހަގަ ކުރެވެމުންނެވެ. އެގޮތުން ސިނގިރޭޓު ބުއިމަށްފަހު ފިލްޓަރު އުކާ މައްސަލައަކީ އެފަދަ އަނެއް މައްސަލައެވެ. މިފަދަ ނޭދެވޭ އަމަލުތަކުގެ ސަބަބުން ފުރާނައަށް ނުރައްކާވާ ފަދަ ހާދިސާތައް ވެސް އެ ސަރަހައްދުގައި ވަނީ ހިނގާފައެވެ. އަދި ހަމައެހެންމެ އެ ސަރަހައްދަށް ކުނިބުނި އެޅުމުގެ އިތުރުން އާންމުންނަށް އުނދަގޫވާނެ ގޮތަށް ސައިކަލު ފަދަ ދުއްވާ އުޅަނދު ޕާކު ކުރުމަކީ މަދުން ނަމަވެސް ހިނގާ ކަންކަމެވެ.

މި ސަރަހައްދުގައި ދިރިއުޅެނީ ތިމާ އާއި ތިމާގެ އާއިލާވެފައި މިފަދަ ކަންކަން ހައްލު ކުރުމަށް ވަކިވަކި ފަރުދުންގެ އަމަލުތައް މުހިންމެވެ. އަދި މިފަދަ ކަންކަން ހައްލުވާނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށްވާއިރު އެކަމުގެ ހެޔޮ ނަތީޖާ އެންމެނަށްވެސް ކުރާނެއެވެ.