ސައިން ލެންގުއޭޖް ދަސްކޮށްދިނުމުގެ ކޯސްތަކެއް ވަރަށް އަވަހަށް ފެށުމަށް ނިންމާފައިވާކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީ އާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގައި ވާހަކަދައްކަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ސައިންލެންގުއޭޖު ދަސްވެފައިވާ މީހުން ވަރަށް މަދުކަމަށެވެ. އެހެންކަމުން ސައިންލެންގުއޭޖު ދަސްކޮށް ދިނުމަށް ހާއްސަކޮށް ކޯސްތަކެއް ފެށުމަށް ތައްޔާރުވަމުން އަންނަކަން ފާހަގަކުރައްވަމުން މިނިސްޓަރުވަނީ މިކަމުގެ ތަފްސީލު ހާމަކުރައްވާފައެވެ.

އެގޮތުން އައިޝަތު ޝިހާމް ވިދާޅުވީ މި ކޯސްތައް ކުރިއަށްގެންދާނީ އޮންލައިންކޮށް ކޮންމެ މީހަކަށްވެސް ކޯހަށް އެކްސެސްވެވޭ ގޮތަށް ކަމަށެވެ. އޭރުން މިކޯސް ކޮންމެ މީހަކަށްވެސް ފުރިހަމަކުރެވޭނެކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިފަދަ ކޯހެއްގެ ސަބަބުން އޮފީހާ، ގެއާ، ސްކޫލްތަކުގައި އުޅޭ ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ މުއާމަލާތުކުރަން ދަސްކުރަން ފަސޭހަވާނެ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ކޮންމެ ވުޒާރާއަކާ، މުއައްސަސާއެއްގައިވެސް ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހިދުމަތްދެވޭ ފެންވަރުގެ މީހުން ތިބެން ވާނެކަމަށް ބަޔާންކޮށްފައިވާއިރު އެފަދަ ހިދުމަތް ދެވޭނެ މީހުން ތަމްރީނުކުރަންވެސް ޖެހޭކަމަށެވެ. އަދި މިހާރު އެ މިނިސްޓްރީންކުރަމުން ދަނީ އެ މަސައްކަތްކަމަށް އައިޝަތު ޝިހާމް ވިދާޅުވިއެވެ.

މީގެ ކުރިންވެސް ސްކޫލުތަކާ، މުވައްސަސާތަކުގައި ސައިންލެންގުއޭޖު ދަސްކޮށްދިނުމަށް ހާއްސަ ތަމްރީނުތައް ބާއްވާފައިވާއިރު، ސައިން ލެންގުއޭޖް ޑިކްޝަނަރީ އެއް އުފެއްދުމަށް ބީއެމްއެލްގެ އެހީ ޑެފް އެސޯސިއޭޝަނަށްވެސް ދީފައިވެއެވެ.