ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ބެލެނިވެރިކަމާ ހަވާލުވާ މުވައްޒަފުންނަށް ހާއްސަ ޗުއްޓީއެއް ލިބޭ ގޮތަށް ސިވިލް ސާވިސް ގަވައިދަށް މުހިންމު އިސްލާހުތަކެއް ގެނެސްފިއެވެ.
މި އިސްލާހުގެ ދަށުން، ފޮސްޓާކުރާ އާއިލާތަކަށް ވިހެއުމުން ލިބޭ ފަދަ ޗުއްޓީއެއް ލިބިގެންދާނެއެވެ. އެ ގޮތުން ސިވިލް ސާވިސް ގަވާއިދަށް ގެނައި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން، ފޮސްޓާ ނިޒާމުގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާ ހަވާލުވާ ސިވިލް ސާވިސްގެ މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތްތައް ލިބޭ ގޮތަށް ހާއްސަ ޗުއްޓީއެއް ހަމަޖެހިގެންދާނެއެވެ. މީގެ ތެރޭގައި މައިންބަފައިން ނުވަތަ ޝަރުއީ ބަލަދުވެރިން ކުއްޖާއާ މެދު އިހުމާލުވެގެން ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމަށްފަހު، އެ ކުދިން ބެލެހެއްޓުމާ ހަވާލުވާ މުވައްޒަފުން ވެސް ހިމެނެއެވެ.
މި ޗުއްޓީ ދިނުމުގައި ކުއްޖާގެ އުމުރަށް ރިއާޔަތްކޮށް ވަކި މުއްދަތުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، ކުއްޖާއާ ހަވާލުވާއިރު ކުއްޖާގެ އުމުރުން ހަ މަސްދުވަސް ނުފުރޭނަމަ، ކުއްޖާގެ އުމުރުން ހަ މަސްދުވަސް ހަމަވާ ތާރީހާ ހަމަޔަށް މުސާރަ އާއި އިނާޔަތްތައް ލިބޭގޮތަށް ހާއްސަ ޗުއްޓީއެއް ލިބޭނެއެވެ. ނަމަވެސް، ކުއްޖާއާ ހަވާލުވާއިރު ކުއްޖާގެ އުމުރުން ހަ މަސްދުވަސް ފުރިފައިވާ ނަމަ، ނުވަތަ ހަ މަސްދުވަސް ފުރެން ބާކީ އޮތީ 30 ދުވަހަށް ވުރެ ކުރު މުއްދަތެއް ނަމަ، މުވައްޒަފަށް ލިބޭނީ 30 ދުވަހުގެ ޗުއްޓީއެކެވެ. މި މުއްދަތުގައި ވެސް މުވައްޒަފަށް މުސާރަ އާއި އެހެނިހެން އިނާޔަތްތައް އުނިކުރުމެއް ނެތި ލިބޭނެކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޮސްޓާކުރާ އާއިލާތަކަށް ހާއްސަ ޗުއްޓީއެއް ހަމަޖެއްސުމުގެ އިތުރުން، ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު މުވައްޒަފުންނަށް ވެސް ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. ކުރިން ގާނޫނުގައި އޮންނަ ގޮތުން، ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީއަށްފަހު އެނބުރި ވަޒީފާއަށް ނުކުންނަ މައިންނަށް، ވަޒީފާގެ ވަގުތުގެ ތެރެއިން ދަރިފުޅަށް ވަގުތު ދިނުމަށް ފުރުސަތު ލިބެނީ ދަރިފުޅުގެ އުމުރުން އެއް އަހަރު ވަންދެނެވެ. ނަމަވެސް، އަލަށް ގެނައި އިސްލާހާއެކު މި މުއްދަތު ވަނީ ދަރިފުޅުގެ އުމުރުން ދެ އަހަރު ވަންދެން އިތުރުކޮށްފައެވެ.
މިބަދަލާއެކު، މުވައްޒަފު އަނބުރާ ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅުގެ އުމުރުން ދެ އަހަރު ފުރެންދެން، ދަރިފުޅުގެ ކަންކަން ބެލެހެއްޓުމަށްޓަކައި ކޮންމެ ދުވަހަކު ވެސް ހާއްސަ ވަގުތުކޮޅެއް ލިބޭނެއެވެ. ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، މުސާރައިން ނުކެނޑޭ ގޮތަށް ދުވާލަކު ދެފަހަރު، ކޮންމެ ފަހަރަކު 30 މިނެޓުގެ ހުސްވަގުތުކޮޅެއް ދަރިފުޅު ގާތަށް ދިއުމަށްޓަކައި ވަޒީފާދޭ ފަރާތުން ހަމަޖައްސައިދޭން ޖެހޭނެއެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ ކުދިން ފޮސްޓާކުރާ އާއިލާތަކުގެ ތެރެއިން މާލީ ގޮތުން ދަތިކަން ހުރި އާއިލާތަކަށް އެހީތެރިވުމުގެ ގޮތުން، ދައުލަތުގެ ބަޖެޓުން ކޮންމެ ކުއްޖަކަށް މަހަކު 5000 ރުފިޔާގެ ހާއްސަ އެލަވަންސެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ފޮސްޓަރިން ނިޒާމަށް ބޮޑު ކުރިއެރުންތަކެއް ލިބެމުން އަންނައިރު، ނޮވެމްބަރު، 17 2023 އިން ފެށިގެން މިހާތަނަށް ޖުމްލަ 111 ކުއްޖަކު ވަނީ ދައުލަތުގެ ބެލުމުގެ ދަށުން ނަގައި، އެކި އާއިލާތަކާ ހަވާލުކޮށްފައެވެ. މިއީ ކުދިންނަށް އާއިލީ ވެއްޓެއްގައި ބޮޑުވުމުގެ ފުރުސަތު ހޯދައިދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ހޯދިފައިވާ ބޮޑު ކާމިޔާބީއެއްކަން ފާހަގަކޮށްލެވެއެވެ.
