މި ސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ލާބަޔަށް މަސައްކަތް ކުރަމުން އަންނަކަމަށާއި އެފަދަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް މި ދައުރުގައި މިހާތަނަށް 350 ވަޒީފާގެ ފުރުސަތު ހަމަޖައްސާފައިވާކަމަށް މިނިސްޓާ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ބައިނަލްއަގްވާމީގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތަކަށް ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވަމުން މިނިސްޓަރުވަނީ ކޮންމެ އަހަރަކުވެސް ޑިސެމްބަރު މަހުގެ 3 ވަނަ ދުވަސް ފާހަގަ ކުރުމުގެ ބޭނުމާއި ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ މި ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުއް ކަށަވަރު ކުރުމާއި އަދި އެފަރާތްތައް ބާރުވެރިކުރުމުގައި ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް އަދި ހިއްސާއެއް އޮންނާނެކަން ހަނދާންކޮށް ދިނުން ކަމަށެވެ.
އިޖުތިމާއީ ރައްކައުތެރިކަން އެންމެ ބޭނުންވާ އެއް ގިންތިއަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ކަމަށާއި މި ފަރާތްތަކުގެ ހައްގުތައް ކަށަވަރުކޮށް، އެފަރާތްތައް ބާރުވެރިކުރުމަކީ އޯގާތެރި މުޖުތަމައުއެއް ގާއިމްކޮށް، ހަރުދަނާ އާއިލާތަކެއް ބިނާކުރުމުގެ އެއް އަސާސްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ދުވަހާއި ގުޅިގެން މިނިސްޓަރު އިތުރަށް ވިދާޅުވީ ފާއިތުވި 2 އަހަރު މިކަމުގައި ހިއްސާވާ އެންމެހާ ފަރާތްތަކާއެކު ވަރަށް ގާތުން މަސައްކަތް ކުރެވިއްޖެކަމަށާއި މިކަމުން ދަސްވި އެންމެ ބޮޑު އެއް ފިލާވަޅަކީ އެކުގައި ގުޅިގެން މަސައްކަތް ކުރުމުން ހާސިލް ކުރަން ބޭނުންވާ ނަތީޖާ މާފޮނިވެފައި ކާމިޔާބުކަން ކަމުގައިވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިދުމަތް ދިނުމުގެ ފަސްމަގަށް ބަލާލާއިރު 3 ކަމެއް ފަހާގަކޮށްލަން މުހިއްމުކަމުކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ފުރަތަމަ ކަމަކީ ޅަފަތުގައި ނުކުޅެދުންތެރިކަން ދެނެގަނެ އަދި ފަރުވާ ދެވޭނެ ހަރުދަނާ ނިޒާމެއްގެ ގާއިމްވެފައި އޮތުންކަން ފާހަގަކުރެއްވިއެވެ. ހަމައެއާއެކު ސްކޫލް މަރުހަލާ ނިންމާ، ގާބިލް ފަރާތްތަކަށް، އާމްދަނީ ހޯދޭނެ ހަރުދަނާ ނިޒާމެއްގެ ބޭނުންތެރިކަމާ އަދި މިފަރާތްތަކަށް ދިރިއުޅުމަށް ތަފާތު ހުނަރުތައް ލިއްބައިދިނުމާއެކު ސިޔާސަތު ތަންފީޒު ކުރުމުގައި ގުޅުންހުރި މުހިއްމު ދާއިރާތައް ގުޅިގެން އެކުގައި މަސައްކަތް ކުރުން އެއި ވަރަށް ބޭނުންތެރި ކަމެއް ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.
