ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ގާނޫނުގެ ދަށުން ލާޒިމްކުރާ ކަމެއް ނުކުރައްވައި ދޫކޮށްލައްވާފައި ކަމަށާއި އެއީ ގާނޫނާ ހިލާފުވުން ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީގެ ފަރާތުން މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލުމާ ގުޅިގެން އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ތަރުޖަމާނު އަދި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ވިދާޅުވީ، އެ ކުއްލި މައްސަލައިގައި ހުށަހެޅި ކަންކަމަކީ ރައްޔިތުންނަށް ހާމަކުރަންޖެހޭ ކަންކަން ކަމަށާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އެ މައުލޫމާތު ހިއްސާކުރުން ލާޒިމް ކުރާ ކަމަށެވެ.
ނަމަވެސް އެކި ފަރާތްތަކުން މި މައުލޫމާތު ހޯދުމަށް މަސައްކަތް ކުރުމުން ވެސް ސަރުކާރުން އެއްބާރުލުން ދީފައި ނުވާ ކަމަށް މަޓޭ ވިދާޅުވިއެވެ. އަދި މި މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި މަޖިލީހަށް ހުށަހަޅަން ޖެހުނީ ވެސް ސަރުކާރުން މި މައުލޫމާތު ހިއްސާ ނުކުރުމުން ކަމަށް ވެސް މަޓޭ ވިދާޅުވިއެވެ.
ގާނޫނުގައި ބަޔާން ކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމްކުރާ ކަމެއް ނުކޮށް ދޫކޮށްލުމަކީ އެމަނިކުފާނު ގާނޫނާ ހިލާފްވުން ކަމަށް މަޓޭ ވިދާޅުވިއެވެ. އެހެންކަމުން ގާނޫނާ ހިލާފްވުމަކީ ވަރަށް ބޮޑު ކުށެއް ކަމަށާއި އެކަން ދިވެހި ރައްޔިތުންނަށް ހިއްސާ ކުރާ ކަމަށް މަޓޭ ވިދާޅުވިއެވެ.
މިއަދު މަޖިލީހަށް މި މައްސަލަ ހުށަހެޅި ނަމަވެސް އެ މައްސަލަ ވަނީ ތަޅުމުން ބޭރުކޮށްލާފައެވެ. އެކަމާ ކަންބޮޑުވުން ފާޅު ކުރަމުން މަޓޭ ވިދާޅުވީ، އެ މައްސަލަ ބޭރުކޮށްލި ފަހުން ވެސް މަޖިލީހުގައި އެހެން ބަިލުތަކަށް ބަހުސް ކުރަމުން ދިޔަ ވަގުތު އިދިކޮޅު ސިޔާސީ ޕާޓީއަށް އޮތް ފުރުސަތުތައް ހަނިވެފައިވާ ކަން އެނގިވަޑައިގެން ކަމަށެވެ. ހަމައެއާއެކު ބައެއް ސަރުކާރުގެ މެންބަރުންގެ ވާހަކަތަކުން އިދިކޮޅު މެންބަރުން ހައްޔަރު ކުރުމަށް ގޮވާލައި ބިރު ދައްކަމުން ދިޔަ ކަން ފާހަގަ ކުރައްވައި މަޓޭ ވިދާޅުވީމިއީ ވަރަށް ބޮޑަށް ކަންބޮޑެވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.
މިހާރު މަޖިލިސް ހިނަގަމުންދާ ގޮަތަށް އަލިއަޅުއްވާ ލައްވަމުން މަޓޭ ވިދާޅުވީ، މަޖިލިސް ހިންގަމުން ދަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވެވަޑައިގަންނަވާ ގޮތަށް ކަމަށެވެ. ސަރުކާރަށް ނިސްބަތްވާ މެންބަރުން ވާހަކަ ދައްކަވާ އިރު ރައީސް މުއިއްޒަށް ސަނާ ވިދާޅުވާ ކަމަށެވެ. ހަމައެއާއެކު ރައީސް އޮފީހުން ފނުވާ ޕޮއިންޓްތަކަކަށް ބާރުއަޅައި ވާޙަކަ ދައްކަވަމުން ގެންދަވާ ކަމަށް ވެސް މަޓޭ ތުހުމަތު ކުރެއްވިއެވެ. އެގޮތުން މިއަދު މަޖިލީހުގެ ސަރުކާރުގެ މެންބަރުން އެމްޑީޕީ މެންބަރުންނަށް ބިރުދައްކަމުން ދިޔައީ އެއީ ސީދާ ރައީސް މުއިއްޒުގެ އެދުމަށް ހިންގަމުން ދިޔަ ކަމެއް ކަމަށް މަޓޭ ވިދާޅުވިއެވެ. އަދި އެ ބޭފުޅުންނަށް އިދިކޮޅު މެންބަރުން ޖަލަށް ވެސް ލެވިދާނެ ކަމަށާއި ހައްޔަރުވެސް ކުރެވިދާނެ ކަމަށް މަޓޭ ވިދާޅުވިއެވެ.
އިގްތިސޯދީ އަނދަވަޅަކަށް ރާއްޖެ ވެއްޓެމުންދާ އިރު، އެކަމާ ގުޅިގެން އިގްތިސޯދު ރަނގަޅު ވާނޭ ކިޔައި މި ދައްކާ ވާހަކަތަކަކީ ވެސް ހުސް ވާހަކަ ކަމަށާއި އަމަަލުން ކުރާ އެއްވެސް ކަމެއް ފެނިވަޑައިނުގަންނަވާ ކަމަށް މަޓޭ ވިދާޅުވިއެވެ. ހަމައެއާއެކު ސަރުކާރުން ސިޔާސީ މަގާމުތައް ދަށް ކުރާނެ ކަމަށް ބުނަމުން ދާ ކަމަށާއި އެ ވާހަކަ ރައީސް މުއިއްޒު ވަނީ ޓްވީޓުގައި ވެސް ލިޔުއްވާފައި ކަމަށް މަޓޭ ވިދާޅުވިއެވެ. ނަމަވެސް މިހާރު ވެސް ފެންނަމުން ދަނީ އަލަށް ސިޔާސީ މަގާމެއް ހަދައި އެ މަގާމުތަކަށް މީޙުން އައްޔަން ކުރަމުންދާ ތަން ކަމަށް މަޓޭ ވިދާޅުވިއެވެ.
ސިޔާސީ މަގާމުތައް އިތުރުކޮށް ދެމުން އައިސްފައި މި ވަނީ ނިމިދިޔަ މަޖިލިސް އިންތިހާބާ ދިމާކޮށް ބައެއް މަޖިލިސް މެންބަރުން ނުވަތަ އެ ދާއިރާއިން ބައެއް ފަރާތްތަކުގެ ރުހުން ހޯދުމަށް ބައެއް ފަރާތްތަކަށް ސިޔާސީ މަގާމު ދިނުމުން ކަމަށް މަޓޭ ވިދާޅުވިއެވެ. އަދި އެ ފަރާތްތަކުން މިހާރު އެ ސިޔުާސީ މަގާމުތަކުން ވަކި ކުރަން މި ސަރުކާރުން މަސައްކަތް ކުރަމުން ދާ ތަން ވެސް ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ސަރުކާރަށް އިތުރަށް ފާޑުވިދާޅުވަމުން މަޓޭ ވިދާޅުވީ، މި ސަރުކާރަކީ ދޮގު ހަދައި އޮޅުވާލާ ސަރުކާރެއް ކަން ރައްޔިތުންނަށް އެނގޭ ކަމަށާއި އެ ގޮތުން މަސްވެރިންނަށް ވެސް މި ސަރުކާރުން ވަނީ ވަރަށް ބޮޑަށް ދޮގުހަދައި އޮޅުވާލާފައި ކަމަށް މަޓޭ ވިދާޅުވިއެވެ. އަދި މި ސަރުކާރަކީ ވައުދުވެ ވައުދުވެސް ނުފުއްދާ ސަރުކާރެއްގެ ގޮތުގައި މަޓޭ ސިފަ ކުރެއްވިއެވެ.