ރިޔާސީ އިންތިހާބުގައިވީ ވައުދާ ހިލާފަށް، ސިޔާސީ މަގާމްތަކުގެ އަދަދު އިތުރުވެ ދައުލަތުގެ ހަރަދު ނުކަތާ ވަރަށް ގޮސްފައިވާކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް މިހެން ވިދާޅުވީ މި ސަރުކާރުން ސިޔާސީ މަގާމުތަކަށް އައްޔަންކުރި މީހުންގެ އަދަދާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ހޭދަކުރާ އަދަދު ހާމަކުރުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލުމާ ގުޅިގެންނެވެ.
އެ ގޮތުން ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޔާސީ މަގާމްތަކަށް އައްޔަންކޮށްފައިތިބި މީހުންގެ އަދަދު މިސަރުކާރުން ވަންހަނާކުރާތީ، މީކާއީލް މިއަދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލީ ރިޔާސީ އިންތިހާބުގައިވީ ވައުދާ ހިލާފަށް، ސިޔާސީ މަގާމްތަކުގެ އަދަދު އިތުރުވެ ދައުލަތުގެ ހަރަދު ނުކަތާ ވަރަށް ދިއުމުންކަމަށެވެ.
މީގެ އިތުރުން ފައްޔާޒު ވިދާޅުވީ ގައުމުގެ އިގްތިސާދު މިދާ މިސްރާބަކީ އިގްތިސާދު މެނޭޖުކުރަން މިސަރުކާރަށް ނޭނގި ރައްޔިތުންނަށް ކަންކަން އޮޅުވާލާ ދޮގުހެދުމުގެ ސަބަބުން ކުރިމަތިވާ ކަމެއްކަމަށެވެ. މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ފައްޔާޒު ވަނީ މި ސަރުކާރުން ހާމަނުކުރާނެ އެއްވެސް ކަމެއްނޯންނާނެކަމަށް ވައުދުވި ކަމަށެވެ.
މިއަދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގައި މީކާއީލް ވިދާޅުވީ ގާނޫނުއަސާސީން ރައީސަށް ލިބިދޭ ބާރުގެ ދަށުން، އެއްވެސް ހައްދެއް ނެތި ރައީސް ޑރ. މުހައްމަދު މުއިއްޒު ސިޔާސީ މަގާމުތަކަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޭފުޅުން އައްޔަންކުރަމުންދާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މުސާރައިގެ ގޮތުގައި ހޭދަކުރަން ޖެހޭ ވަރު ބޮޑުވެ، ކުންފުނިތަކަށް ގެއްލުން ވަމުންދާ ކަމަށް މީކާއީލް ވިދާޅުވިއެވެ. ނަމަވެސް މި މައްސަލައިގައި ރިޔާސަތުން ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 67 މެންބަރުންގެ ތެރެއިން 56 މެންބަރުންގެ ވޯޓާ އެކު މައްސަލަ ވަނީ ބޭރުކޮށްލައިފައެވެ.
ކީކޭދެންބުނާނީ. ތެޔޮނާށި ކާޅުޖަހައިގަތީމާ ކިޔޭނުކިޔޭ އެއްޗެއްނޭގޭ ހާލަތުގަ. މިހާލަތަށް ގައުމުވައްޓާލާފަ މަތިފަޑިއަށް އަރާ ނުތިބެވޭނެ.