ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ އާއިލާތަކުގެ ހާލަތު ދެނެގަތުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން "ހާލު ކިހިނެތް؟" ޕްރޮގްރާމްގެ ތެރެއިން ފަށަން 1،015ގެއަކަށް ޒިޔާރާތްކޮށްފިއެވެ.

މިދިޔަ މެއި 30 އިން ޖުލައި 1 ގެ ނިޔަލަށް 1،015 ގެއަށް ޒިޔާރަތްކޮށްފައި ވާއިރު ތަފާތު ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މި ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހި ފަށާފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އާބާދުވެފައިވާ ހިޔާ ފްލެޓުތަކުންނެވެ. އަދި އަތޮޅުތަކުގައި މި ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހި ކުރިއަށް ގެންދަނީ ފެމެލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރުތައް ގާއިމްކުރެވިފައިވާ ރަށްތަކުގައެވެ.

މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް ހިޔާ ޓަވަރުތަކުގެ 1،015 ގެއަށް ޒިޔާރަތް ކުރެވި އެއްކުރެވުނު މައުލޫމާތުތަކުގެ މައްޗަށް ބަލާއިރު އެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެވިފައި ވަނީ ބޭސްފަރުވާ ހޯދުމުގައި ހުރި ދަތިކަމުގެ މައްސަލަތައް ކަމަށް މިނިސްޓްރީއިން ބުނެއެވެ. އޭގެ ތެރޭގައި ސްޕެޝަލިސްޓު ޑޮކްޓަރުންނަށް އެޕޮއިންޓްމަންޓް ހޯދުމުގައި ހުރި ދަތިތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީއުމުރުގެ މީހުން ހޮސްޕިޓަލަށް ގެންދިއުމަށް ދިމާވާ ދަތިކަން ހިމެނެއެވެ.

އަމިއްލަ ބޯހިޔާވަހިކަމެއް ނެތުމުގެ މައްސަލައާއި، ގިނަ އާއިލާތަކެއް އެއްތަނެއްގައި އުޅެން ޖެހުމުން ދިމާވާ ދަތިތަކާއި، އެކަށީގެންވާ އާމްދަނީއެއް ލިބޭނެ ވަޒީފާތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ހޯދުމުގައި ދިމާވާ ދަތިތައް ވެސް އެފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

"ހާލު ކިހިނެތް؟" ޕްރޮގްރާމުގެ ތެރެއިން ދެނެގަނެވޭ މިފަދަ މައްސަލަތައް ހައްލުކުރުމަށް މިނިސްޓްރީއިން ކަމާ ގުޅުންހުރި ފަރާތްތަކާއެކު ދަނީ ގާތުން މަސައްކަތް ކުރަމުންނެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުގެ ކުންފުނިތަކާއެކު އެއްބަސްވުންތައް ހަދައި، ވަޒީފާގެ މާހައުލަށް އެކުދިން އަހުލުވެރިކުރުމަށް ތަފާތު އިދާރާތަކާއި ގުޅިގެން މަސައްކަތްތައް ކުރަމުންދާކަން ފާހަގަކުރެވެއެވެ.

ދައުލަތުގެ ހާއްސަ ސަމާލުކަމާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ކަމާގުޅުންހުރި ވުޒާރާތަކާއި އިދާރާތަކާއެކު މަޝްވަރާކުރަމުންދާ އިރު، ވޭތުވެދިޔަ ހަފްތާގައި އެ ވުޒާރާއިން ވަނީ މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓާއި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއި އެކު މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފައެވެ.

އޭގެ އިތުރުން ދައުލަތުގެ ރައްކާތެރިކަމުގެ ވިއުގައިން ހަވާސާވެފައިވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް އެލަވަންސް ފޯރުކޮށްދިނުމުގެ މަސައްކަތުގެ އިތުރުން ރާއްޖެއިން ބޭރުން ގެންނަން ޖެހޭ ބޭސްތައް ހޯދުމުގައި ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ވެސް މި ޕްރޮގްރާމުގެ ދަށުން ފޯރުކޮށްދެމުން ދެއެވެ.

މިނިސްޓްރީއިން ވަނީ "ހާލު ކިހިނެތް؟" ޕްރޮގްރާމުގެ ދަށުން އަވަސް އެހީތެރިކަން ބޭނުންވާ ފަރާތެއް ހުރިކަމުގައި ވާނަމަ، މިނިސްޓްރީގެ ކޯލްސެންޓަރ 1433 އަށް ގުޅާ މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ "ޙާލު ކިހިނެއް؟" ޕްރޮގްރާމަކީ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރާއި އެއްގޮތަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ތިބި ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް، އެމީހުންގެ ހާލު ބަލައި، މުޖުތަމައުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، ރައްޔިތުންނާއި ގާތުން ހިދުމަތް ފޯރުކޮށްދިނުމަށް އެހީތެރިވެ ބާރުއެޅުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.