ކޯޓުގައި ހިނގަމުންދާ މައްސަލައާ ގުޅޭ ވާހަކަދެއްކުން ހުއްޓުވައި "އަނގަ ބަންދުކުރުމަށް" އަމުރު ނެރުމަކީ އުސޫލެއްގޮތުގައި ރާއްޖޭގެ ގާނޫނުގައި އޮންނަކަމެއް ނޫންކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.

ޕަބަލިކް ޕްރޮސިކިއުޓާ އާމިނަތު ޝާމާ ނަސީރު ވިދާޅުވީ ފަހަކަށް އައިސް ބައެއް ކޯޓުތަކުން ޖިނާއީ މައްސަލަތަކުގައި ދައުވާލިބޭ މީހުންނަށް ގާނޫނުއަސާސީގެ 51 ވަނަ މާއްދާއިން ލިބިދޭ، ކުށް ސާބިތުނުވަނީސް މައުސޫމެއްކަމަށް ބެލުމުގެ ހައްގާ ފުށޫއަރާގޮތަށް ހިޔާލުފާޅުކޮށް ނުހެދުމަށް އަމުރުކުރަމުން ގެންދާ ކަމަށެވެ.

ކޯޓުގައި ހިނގަމުންދާ މައްސަލައާ ގުޅޭ ވާހަކަދެއްކުން ހުއްޓުވައި "އަނގަ ބަންދުކުރުމަށް" އަމުރު ނެރުމާއި ގުޅޭ ގޮތުން ޝާމާ ވިދާޅުވީ މިފަދަ އަމުރެއް އެންމެ ފުރަތަމަ ނެރެފައިވަނީ ޕްރޮސިކިއުޓާ ޖެނެރަލް މުހައްމަދު އަމީން މައްސަލައިގައި ސެޕްޓެންބަރު 30، 2021 ދުވަހު ސްޕްރީމް ކޯޓުން ކަމަށެވެ. މި ގޮތުން ސުޕްރީމް ކޯޓުގެ އެ އަމުރަށް ރިއާޔަތްކޮށް އޭގެފަހުން އެހެން ކޯޓުތަކުންވެސް މިފަދަ އަމުރުތައް ނެރެމުންދާކަން ޝާމާ ވަނީ ފާހަގަ ކުރައްވާފައެވެ.

އިތުރަށް ޝާމާ ވިދާޅުވީ ރާއްޖޭގެ ގާނޫނުގައި "އަނގަ ބަންދުކުރުމުގެ" އަމުރު ނެރެވޭނެ އުސޫލެއް ނެތްނަމަވެސް، ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުގެ ނިޒާމު އޮންނަ ގޮތުން މިފަދަ އަމުރުތައް ނެރެވޭ ކަމަށެވެ. އެ ގައުމުތަކާ ރާއްޖެއާ ތަފާތަކީ، ރާއްޖޭގައި ޖިނާއީ މައްސަލަތަކުގައި ދެފަރާތުން ހުށަހަޅާ ހެކިތަކަށް ބަލައި، ނިޔާ ކަނޑައަޅަނީ ފަނޑިޔާރުންނެވެ. އެ ގައުމުތަކުގައި ޖިނާއީ މައްސަލަތައް ސާބިތުވާކަން ނުވަތަ ނޫންކަން ކަނޑައަޅަނީ ޢާންމުންގެ ތެރެއިން އެ މައްސަލައަކަށް ހޮވާލެވޭ ބައެކެވެ. ނުވަތަ ޖޫރީންނެވެ. ޖޫރީން ބޭނުންކުރަނީ ހެކިތަކަށް ބަލައި އާންމު މީހެއްގެ ނަޒަރުން ކުށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށެވެ.

ޖޫރީންނަކީ ފަނޑިޔާރުކަމުގެ އެއްވެސް ތަމްރީނެއް ނެތް އާންމުންގެ މީހުންނެވެ. އެމީހުން ހެކިތަކަށް ބަލަނީވެސް އާންމު މީހެއްގެ ނަޒަރުންނެވެ. ޖޫރީން ހިމެނޭ ޝަރީއަތްތަކުގައި މިފަދަ އަމުރު ނެރެނީ، ޖޫރީންގެ ބެންޗް ކަނޑައެޅުމުގެ ކުރިން މައްސަލައިގެ މައުލޫމާތު މުޖުތަމައުގައި އާންމުވެ، ތުހުމަތުކުރެވޭ މީހާއާ މެދު މުޖުތަމައުގައި ވަކި ތަސައްވުރެއް އުފެދިއްޖެނަމަ، ޖޫރީން ހޮވުމަށްޓަކައި ބަލާއިރު ޖޫރީ ޕޫލް ތައައްޔަރުވެ، ވަކި ފަރާތަކަށް ނުޖެހޭ ޖޫރީން ހޯދުމަށް ހުރަސް އެޅިދާނެތީއެވެ. އެހެންކަމުން އެހެން ގައުމުތަކުގައި ނެރޭ "އަނގަ ބަންދުކުރުމުގެ އަމުރު" ގުޅެނީ ދައުވާލިބޭ މީހާއަށް ލިބޭ އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގާއެވެ.

މީގެ އިތުރުން ޝާމާ ވިދާޅުވީ ދިވެހިރާއްޖޭގެ ނިޒާމު އޮންނަގޮތުން މުޖުތަމައުގެ ތެރޭގައި، ތުހުމަތުކުރެވޭ މީހާއާމެދު ކޮންމެ ގޮތަކަށް ވާހަކަ ދެކެވުނަސް، އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގަށް އުނިކަމެއް ނާންނާނެ ކަމަށެވެ. ސަބަބައްގެ ގޮތުން ޝާމާ ވިދާޅުވީ ޖޫރިންނާ ހިލާފަށް ފަނޑިޔާރުންނަކީ ވަކި ފަރާތަކަށް ބުރަނުވެ، ވަކިފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުންނުވެ، ތައައްސުބުން އެއްކިބާވެ ތިބެ ކަންކަން ނިންމުމަށް ގާނޫނީ ގޮތުން ތަމްރީނާއި އިނާޔަތް ދީފައިވާ މުސްތަގިއްލު ބައެއްކަމަށްވާތީކަމަށެވެ. އަދި ފަނޑިޔާރުންނަށް ލިބޭ ގާނޫނީ ރައްކާތެރިކަމާއި، އެ ރައްކާތެރިކަމުގެ ސަބަބުން ދައުވާލިބޭ މީހުންނަށް، އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގަކީ ސީދާ ގާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ ދުސްތޫރީ ދެ ހައްގެއްކަން ފާހަގަކޮށް ޝާމާ ވިދާޅޫވީ އެކަމަށް ޖަދަލުކުރާ، ސުވާލު އުފައްދާ މީހަކުވެސް ނެތް ކަމަށެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކަކީ މުސްތަގިއްލު ވަކި ފަރާތަކަށް ނުޖެހި މައްސަލަ ނިންމާނެ ކޯޓުތަކެއްކަން ކަށަވަރުކުރާނޭ ނިޒާމެއް އޮތްކަން ފާހަގަކުރައްވަމުން ޝާމާ ވިދާޅުވީ އެއީ ގާނޫނީ ފަންނު އެނގޭ ފަނޑިޔާރަކު މައްސަލަތަކުގައި ގޮތް ނިންމުން ކަމަށެވެ. އަދި މީސް މީޑިއާގައި ނުވަތަ ނޫހެއްގައި ނުވަތަ ޕްރޮސިކިއުޓާ ޖެނެރަލް ނުވަތަ ދައުލަތުގެ އެހެން އިދާރާއަކުން ލިޔާ ލިޔުމަކުން ނުވަތަ ދައްކާ ވާހަކައަކުން ފަނޑިޔާރު ނިންމަވާ ނިންމެވުމަކަށް އެއްވެސް އަސަރެއް ނުކުރާނެކަން ކަށަވަރުވާކަމުގައި އޭނާ ވިދާޅުވިއެވެ. އިތުރަށް ޝާމާ ވިދާޅުވީ ފަނޑިޔާރުންނާ ދައުވާލިބޭ މީހުންނަށް ލިބޭ ރައްކާތެރިކަމަކީ ގާނޫނުއަސާސީގައި ކަނޑާ ނަގައި، ރައްކާތެރިކޮށްދީފައިވާ ހައްގުތަކެއް ކަމަށާއި އެހެން ގގައުމުތަކުގައި މިފަދަ އަމުރުތައް ނެރުމަށް އޮތް ޟަރޫރަތްތެރިކަމެއް ރާއްޖޭގައި އޮތީ ކިހާ މިންވަރަކަށްތޯ ވިސްނާލުމަކީ ނެތްކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން ޕީޖީ އިން ބުނީ އާންމު މަސްލަހަތު މަތީ މިންވަރަކަށް އެކުލެވޭ މައްސަލަތަކުގައި ދައުވާކުރުމާމެދު އެ އޮފީހުން ނިންމާ ނިންމުންތަކުގެ މަޢުލޫމާތު އާންމުކުރާ ކަަމަށެވެ. އަދި އެއީ އެފަދަ މައްސަލަތަކުގެ މައުލޫމާތު އެނގުމަކީ ރައްޔިތުންގެ ހައްގެއްކަމަށާއި އެފަދަ މައުލޫމާތު ދިނުމަކީ އެ އޮފީހުގެ ހައްގެއްކަމަށެވެ.