ކޮރަޕްޝަން ނައްތާލުމަށް ޕީޖީ އޮފީހުގައި ތިން ބާވަތެއްގެ މަސައްކަތެއް ކުރަމުންދާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ޝަމީމް މިފަދައިން ވިދާޅުވެފައި ވަނީ ޕީޖީ އޮފީހުން ނެރޭ އުންސުރުގެ ހަތް ވަނަ އަދަދުގައި 'ޕްރޮސެކިއުޓާ ޖެނެރަލްގެ ގަލަމުން' ޝަމީމް ލިޔުއްވާފައިވާ ލިޔުމެއްގައެވެ.
ފުރަތަމަ ކަމަކީ، އޮފީހުގެ މަސައްކަތްތައް މީހުންނަށް ބަރޯސާނުވެ، ނިޒާމުތަކަކަށް ބަރޯސާވާ އުސޫލަކަށް ރުކުރުވާލުންކަން ފާހަގަކޮށް ޝަމީމް ވިދާޅުވީ އެ އޮފީހުގެ ކޮންމެ ނިންމުމަކީވެސް ލިޔެފައި ހުރި އުސޫލުތަކަކާއި އެސްއޯޕީތަކެއްގެ މައްޗަށް، މަދުވެގެން 3 މީހުންގެ ބައިވެރިވުން ހިމެނިގެން ނިންމާ ނިންމުމަކަށް ހެދުން ކަމަށެވެ.
އޭގެ ސަބަބުން ކޮރަޕްޓް ވިޔަސް ވާނީ ތިން މީހުންކަން ފާހަގަކޮށް ޝަމީމް ވިދާޅުވީ އެފަދަ ކަމަކީ ވުމަށްވުރެ ނުވުން ގާތްކަމެއް ކަމަށެވެ. ދެވަނަ ކަމެއްގެ ގޮތުގައި ޝަމީމް ފާހަގަ ކުރައްވާފައި ވަނީ ކޮންމެ މަސައްކަތެއް ކުރާ މީހަކުވެސް، އަހަރަކު އެއްފަހަރު ބަދަލުވުމެވެ.
ތިންވަނަ ނިޒާމަކީ، މައުލޫމާތު ހާމަކުރުން ކަމަށާއި ޕީޖީ އޮފީހުގެ ފަލްސަފާއަކީ، ކޮންމެ ކަމެއްގެ އަސްލަކީވެސް ހާމަކުރުންކަމަށް ވެއެވެ. އެހެން ގޮތަކަށް ގާނޫނުގައި ނުވަތަ މައްސަލައެއްގައި އަނިޔާ ލިބުނު މީހެއްގެ ހާއްސަ މަސްލަހަތެއް ނެތްނަމަ، ހުރިހާ މައުލޫމާތެއް އާންމު ކުރުން ކަމަށާއި ޖަވާބުދާރީކުރުވަން ފުރުސަތު ދިނުމަށް ކަމަށެވެ. މައުލޫމާތު އާންމުނުކޮށް، ޖަވާބުދާރީކުރުވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ.
ޝަމީމް ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމު އެކުލެވިގެންވަނީ ގިނަ އިދާރާތަކެއްގެ މައްޗަށް ކަމަށް ވިޔަސް, މުޅި ނިޒާމު އެކީ މަސައްކަތް ކުރަންޖެހޭތީ، އެ ދާއިރާގެ އެންމެ ގުނަވަނެއްގައި ކޮރަޕްޝަންގެ ތުހުމަތު އޮތަސް ވެސް މުޅި ނިޒާމަށް ރައްޔިތުން ކުރާ އިތުބާރަށް އޭގެ ނުރަނގަޅު އަސަރު ކުރާ ކަމަށެވެ. އަދި އެކަން ހައްލުކުރެވޭނީ ކޮންމެ އިދާރާއެއް ވަކިން، އަދި ހުރިހާ އިދާރާއެއް އެއްކޮށްވެސް ކޮރަޕްޝަން ނައްތާލުމަށް ހަރުދަނާ މަސައްކަތްތަކެއް ކޮށްގެން ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ޕީޖީ އޮފީހުގައި އޮތީ، ނިޒާމުތަކަށް ބަރޯސާވާގޮތަށް މަސައްކަތް ބައްޓަންކޮށްފައި ކަމަށާއި, ކޮރަޕްޓް ނެޓްވޯކްތައް ނައްތާލައި، މައުލޫމާތު އާންމު ކުރުމުގެ މާހައުލުގެ ތެރޭގައި ކޮރަޕްޝަނަށް ދިރި ނޯވެވޭނެ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.