އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފު މުހައްމަދު ދުއްވާ ވެހިކަލް އެއާޕޯޓުގައި އޮއްވާ ވަގަށް ނެގި މައްސަލައިގައި ހައްޔަރު ކުރި ދެމީހުންގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓްރާންސްޕޯޓް އެންޑް ފެރީ ސާވިސް ބިލްޑިންގައި ޕާކްކޮށްފައި އޮއްވާ ޝަރީފުގެ ވެހިކަލް ވަގަށް ނަގާފައިވާ މައްސަލައިގެ ދައުވާތައް ކުރުމަށް ޖޫން 27 ގައި ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ ދެ ފަރާތަކީ:

  • އަހުމަދު ނިޒާމް (މ. މޮޑަންކޮމެޓް، ކ. މާލެ)
  • އެމްއޭސީއެލްގެ މުވައްޒަފު މުހައްމަދު ހައިޝަމް (މ. ސީނީއަސުރުމާގެ، ކ.މާލެ)

މި މައްސަލައިގައި ދައުވާ ކުރާ ސަބަބެއް ކަމުގައި ޕީޖީ އޮފީހުން ބުނެފައިވަނީ އޭޕްރީލް 29 ވަނަ ދުވަހުގެ 00:00 އާއި، 06:30 އާ ދެމެދުގެ ވަގުތެއްގައި އެމްއޭސީއެލްގެ އެމްޑީ ދުއްވުމަށް ހާއްސަކޮށްފައިވާ ވޭން އެކުންފުންޏަށް ނޭނގި ނަގައިގެން ގޮސްފައިވާތީ ކަމަށެވެ. މި ކުށް ސާބިތުވެއްޖެ ނަމަ 3 އަހަރުގެ މުއްދަތަކަށް ޖަލަށް ލާނެއެވެ.

މީގެއިތުރުން އަހުމަދު ނިޒާމުގެ މައްޗަށް ޕީޖީ އޮފީހުން ވަނީ އެއްވެސް މީހަކަށް އޮޅުވާލުމުގެ ނިޔަތުގައި އެއްޗަކަށް ބަދަލު ގެނައުމުގެ ދައުވާވެސް އުފުލާފައެވެ. އެގޮތުން އެކުންފުންޏަށް ނޭނގި ނަގައިގެން ގެންގޮސް، އެ ވޭންގެ އިންޖީނު ނަންބަރާއި ޗެސިސް ނަންބަރު ކަހާލާއި، އެ އުޅަނދުގެ އަސްލު އޮޅުވާލުމަށް މަސައްކަތްކޮށްފައިވާކަމަށްވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ. މި ކުށުގެ އަސާސީ އަދަބަކީ 9 މަހާއި 18 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުޅުމާލެ ފޭސް 2 ގެ އިންޗާޖު ރަޖްނީ ޝުއައިބު ވިދާޅުވީ މި ވެހިކަލް އެއާޕޯޓުން ވިލާ ޝެޑަށް ގެންގޮސް ނަންބަރު ޕްލޭޓު ބަދަލު ކޮށްފައިވާ ކަމަށާއި އެއަށްފަހު މާލެ ގެނެސް ބާއްވާފައި އޮތީ، ދަންވަރު 4:00 ހާއިރު އަލިފާނުގެ ހާދިސާއެއް ހިނގި ގެއެއްގެ ގަރާޖުގައި ކަމަށެވެ. މީގެއިތުރުން މި ގަރާޖުން އިމިގްރޭޝަނުން ގެއްލުނު ވެހިކަލެއް ވެސް ފެނިފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. ފުލުހުން ބުނީ މި ގަރާޖު ހިންގާ ފަރާތުގެ ނަމުގައި 100 ވެހިކަލް އޮތްކަމަށާއި އޭގެ ތެރޭގައި ހަތަރު ފުރޮޅުލީ 86 ވެހިކަލް ވެސް އޮތް ކަމަށެވެ.

މި މައްސަލައިގައި ވަގަށް ނަގާފައިވާ އެމްއޭސީއެލް އެމްޑީގެ ކާރުގެ އަގަކީ 34560 އެމެރިކާ ޑޮލަރެވެ.