މި ފެށޭ މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް ކުޅިވަރު އެވޯޑު ހަފުލާ، މި އަހަރުގެ ފަހުކޮޅަށް ފަސްކޮށްފިއެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މި އަހަރުގެ ފަހުކޮޅަށް އެވޯޑު ހަފްލާ ފަސްކުރަން ނިންމީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.

އަދި އެކަން އެވޯޑު ހަފްލާ އާ ގުޅުންހުރި ފަރާތްތަކަށް ހިއްސާކޮށްފައިވާނެ ކަމަށް ވެސް އެ ވުޒާރާ އިން ބުންޏެވެ.

އެ ބަޔާނުގައި ކުޅިވަރާ ބެހޭ ވުޒާރާއިން އިތުރަށް ބުނީ، ފަހުގެ ތާރީޚެއްގައި ފުރިހަމަކޮށް އެވޯޑު ހަފްލާ ބާއްވާނެ ކަމަށެވެ، ނަމަވެސް އެ ހަފްލާ ބާއްވާނެ ސީދާ ތާރީޚެއް ހާމައެއް ނުކުރެއެވެ.

ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާކަން ރައީސް ހާމަކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ލިޔުއްވި ޕޯސްޓެއްގައެވެ. އެގޮތުން އެމަނިކުފާނު 'އެކްސް'ގައި ލިޔުއްވި ގޮތުގައި، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ސިޔާސީ މަގާމުތައް މަދުކޮށް، އެކި ހަފްލާތަކަށް ކުރާ ޚަރަދުތައް ކުޑަކުރާނެއެވެ.