ދިވެހިރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ހާލަތުން އަރައިގަތުމަށް ސަރުކާރުގެ އެންގުމާއި އެއްގޮތަށް ހަރަދު ކުޑަކުރުމުގެ ފިޔަވަޅު ތަކެއް އެޅުމަށް އެމްއޭސީއެލް އިން ނިންމައިފިއެވެ.

މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލް ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ ޖުމްލަ 10 ދާއިރާއަކުން ހަރަދުކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމަށް މިހާރު ނިންމާފައިވާ ކަމަށާއި، ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކުންފުނީގެ ހިންގުން މިހާރަށް ވުރެ ހަރުދަނާކުރެވި ލިބޭ ފައިދާވެސް އިތުރުކުރެވޭނެކަމަށް ދެކެެވަޑައިގަންނަވާކަމަށެވެ.

ހަރަދު ކުޑަކުރުމަށް ނިންމާފައިވާ 10 ދާއިރާ:

  • ތެލާއި ކަރަންޓުގެ ހަރަދު
  • ކޮންސިއުމަބަލްސް ގަންނަން ކުރާ ހަރަދު
  • ފެނުގެ ހަރަދު
  • ދަތުރުފަތުރުގެ ހަރަދު
  • ކުންފުނި ރިސްޓްރަކްޗާ ކުރުން
  • މަސައްކަތްތައް އައުޓްސޯސް ކުރުން
  • ބޭންކު ޗާޖަށް ކުރާ ހަރަދު
  • ކޮމިއުނިކޭޝަނަށް ކުރާ ހަރަދު
  • އިންވެންޓްރީ އަށް ކުރާ ހަރަދު
  • އިވެންޓުތައް ބާއްވަން ކުރާ ހަރަދު

އެމްއޭސީއެލް އިން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަކަތަ އުފެއްދުމަށް ބޭނުންކުރާ ޖެންސެޓްތައް އާކޮށް އެފިޝެންސީ އިތުރުކުރަން ނިންމާފައިވާ ކަމަށާއި މިކަމުގެ ސަބަބުން ތެޔޮ ބޭނުންކުރާ މިންވަރުގެ 20 އިންސައްތަ ދަށްކުރެވޭނެ ކަމަށެވެ. އަދި ކުރިޔަށް އޮތް 15 ދުވަހުގެ ތެރޭގައި ޖެންސެޓްތައް ބޭނުންކުރަން ފަށާނެ ކަމަށްވެސް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

މީގެއިތުރުން މުވައްޒަފުންގެ ތަމްރީނުތަކަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ ބަދަލުގައި، ޓްރެއިނަރުން ރާއްޖެއަށް ގެނައުން ނުވަތަ އޮންލައިންކޮށް ތަމްރީންތައް ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށާއި ކޮންމެހެން ކުރަންޖެހޭ ހާލަތެއްގައި ނޫނީ ބިޒްނަސް ކްލާހުގައި ދަތުރު ނުކުރަން ނިންމާފައިވާ ކަމަށްވެސް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ. އަދި އިވެންޓްތަކަށް ކުރާ ހަރަދު 100،000 ރުފިޔާއަށްވުރެ ކުޑަކުރަން ނިންމާފައިވާ ކަމަށްވެސް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

އެމްއޭސީއެލް އިން ބުނީ މި ފިޔަވަޅުތަކުގެ ސަބަބުން މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ނޭދެވޭ އެއްވެސް ބަދަލެއް ނާންނާނެކަމަށެވެ.

ރިސްޓްރަކްޗާ ކުރުމަކީ މުވައްޒަފުންތަކެއް ކަނޑާލުމެއް ނޫން. މުވައްޒަފުންނާއި ނުލައެއް މި ކުންފުނި ނޯންނާނެ. އެހެންވީމާ މުވައްޒަފުންގެ މުސާރައެއް ނުކަނޑާނެ. ކުޑައެއްނުކުރާނެ. އެއްވެސް އިނާޔަތަކަށް ނޭދެވޭ ބަދަލެއް ނާންނާނެ."
އިބްރާހީމް ޝަރީފް މުހައްމަދު

އެމްއޭސީއެލް އިން ބުނީ މިހާރު މަސައްކަތް ކުރަމުންދަނީ ސަރުކާރުގެ އަމާޒާ އެއްގޮތައް މި އަހަރުގެ ނިޔަލަށް އާ ފަސިންޖާ ޓަމިނަލްގެ ބައެއް ހިދުމަތްތައް ދޭންފެށުމަށް ކަމަށެވެ. އާ ޓާމިނަލްއަކީ ޖާގައިގެ ގޮތުން ތަނަވަސް އަހަރަކު 7.5 މިލިއަން ފަސިންޖަރުން ހޭންޑްލް ކުރުމުގެ ގާބިލުކަންހުރި ތަނެކެވެ.