މައި އިދިކޮޅު ޕާޓީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، ޗައިނާގެ ރައީސް ޝީ ޖިންޕިން އާ ބައްދަލު ކުރައްވައިފިއެވެ.

ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު، ޝީ އާ ބައްދަލު ކުރެއްވީ 'ފައިވް ޕްރިންސިޕަލްސް އޮފް ޕީސްފުލް ކޯއެގްޒިސްޓެންސް' އަށް 70 އަހަރު ފުރުމުގެ މުނާސަބަތުގައި ޗައިނާގެ ވެރިރަށް ބެއިޖިންގައި ބޭއްވި ކޮންފަރެންސްގެ ހަވާސާގައެވެ.

މި ކޮންފަރެންސަކީ ޗައިނާގެ ޚާރިޖީ ސިޔާސަތު އޭގެ މައްޗަށް ބިނާވެފައިވާ މުހިންމު ފަސް އަސާސްތައް ސައިނޯ-އިންޑިއަން އެއްބަސްވުމުގައި ހިމެނިތާ 70 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ކޮންފަރެންސެކެވެ.

ޝާހިދު ޝީ އާ ބައްދަލުކުރެއްވީ މި ކޮންފަރެންސްގައި ޝީ ތަގްރީރުކުރެއްވުމުގެ ކުރިންނެވެ.

ޝީގެ ތަގްރީރަށް ފަހު ޝާހިދު ވިދާޅުވީ، އިންސާނިއްޔަތަށް އޮތް ހަމައެކަނި ގޮތަކީ ސުލްހަވެރިކަމާއެކު އެންމެން އެކުގައި ދިރިއުޅުން ކަމަށާއި، ދުނިޔޭގައި އަމަންއަމާންކަމާއި ސުލްހަމަސަލަސްކަން ގާއިމްކުރުމަށް ޝީ ކުރައްވާ މަސައްކަތްޕުޅުން ހިތްވަރުލިބިވަޑައިގަންނަވާ ކަމަށެވެ.