މި ސަރުކާރާ އެކު ކަމަށް ވިޔަސް، ރައްޔިތުންނަށް ފައިދާވާ ގޮތަށް މަސައްކަތްކުރާނެ ކޮންމެ ބަޔަކާ އެއްކޮށް އެމްޑީޕީ އަށް އެކުގައި މަސައްކަތްކުރެވޭނެ ކަމަށް، އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިދިޔަ ހޯމަ ދުވަހުގެރޭ ޕީއެންއެފްގެ އޮފީހުގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ، އެމްޑީޕީއަކީ ރާއްޖޭގެ މުޅި އަޚްލާގު ހަލާކުކޮށްލައި، އެމަނިކުފާނު 'ހުރަގޭގައި' އެ ޕާޓީގެ ފަސް އަހަރު ގެންގުޅުނު މީހުން ކަމަށް ވިދާޅުވެ، ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެހެންވެ އެމްޑީޕީ އަށް ތާއީދުނުކުރައްވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

'ރާއްޖެޓީވީ' އިން ރޭ ގެނެސްދިން 'ފަލަ ސުރުޚީ' ޕްރޮގްރާމްގައި މިކަމާ ގުޅިގެން ސުވާލުކުރުމުން ފައްޔާޒް ވިދާޅުވީ އެކަން މާ ބޮޑު ކަމެއްގެ ގޮތުގައި އެމްޑީޕީން ނުދެކޭ ކަމަށާއި، އެ ޕާޓީން ބޭނުންވަނީ ދިވެހީންނަށް ހަމަހަމަކަމާއި މިނިވަންކަމާއި އިންސާފާއި އިގްތިސޯދީ ފުދުންތެރިކަން ހޯދައިދޭން ކަމަށެވެ. އޭނާ ވިދާޅުވީ، އެ މިސްރާބަށް މަސައްކަތްކުރާ ކޮންމެ ބަޔަކާ އެކީ ވެސް އެމްޑީޕީ އަށް މަސައްކަތްކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންނެއް ދުވަހަކު ވެސް ނުބުނާނަން މިވެނި ބަޔަކާ އެއްކޮށް ދުވަހަކު ވެސް މަސައްކަތެއް ނުކުރާނަމޭ، އަޅުގަނޑުމެންގެ ސިޔާސަތުތަކާ އެއްގޮތަށް އެ މިސްރާބަށް މަސައްކަތްކުރާ ހުރިހާ އެންމެންނާ އެއްކޮށް އަބަދުވެސް އަޅުގަނޑުމެން މަސައްކަތްކުރާނަން،" ފައްޔާޒް ވިދާޅުވިއެވެ.

"އެ އަދި މި ސަރުކާރު ވިޔަސް ހެޔޮ އިނގޭތޯ،"

ފައްޔާޒް ރޭ މިހެން ވިދާޅުވީ، އެމްޑީޕީން ވަކިވި މެންބަރުން އުފެއްދި ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީ އާ އަލުން ގުޅި އެކުގައި މަސައްކަތްކުރުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވާފައި ވަނިކޮށެވެ. ސޯލިހުގެ އެ ގޮވާލެއްވުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެއްބަސްވެވަޑައިގަންނަވައެވެ.

ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީ ދޫކޮށް ދިޔައީ ސޯލިހާއި ނަޝީދާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކަށް ފަހުގައެވެ.