ހުޅުމާލޭގައި ދޫކޮށްފައިވާ ގޯތިތައް އިމާރާތް ކުރުމުގައި ބައެއް ފަރާތްތަކުން ހުއްދަ ނުނަގާ ކަމަށާއި އެގޮތަށް ހުއްދަ ނުނަގާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީ އިން ބުނީ އެ ކޯޕަރޭޝަނުން ހުޅުމާލެއިން ވިއްކާފައި ނުވަތަ ކުއްޔަށް ދީ ނުވަތަ ބޯހިޔާވަހިކަމުގެ ތެރެއިން ދޫކޮށްފައިވާ ގޯތީގައި އިމާރާތް ކުރާއިރު އެޗްޑީސީގެ ގަވައިދުތަކަށް ނުބަލާ ކަން މިހާރަކަށް އައިސް ފާހަގަ ކުރެވިފައި ވާ ކަމަށާއި، އެ ގޯތިތަކުގައި އިމާރާތް ކުރުމުގެ މަސައްކަތްތައް ކުރަމުން ގެންދާކަން ވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެޗްޑީސީ އިން ބުނީ ހުޅުމާލެއިން ދޫކޮށްފައިވާ ގޯއްޗެއްގައި އިމާރާތެއް ހަދަން ފެށުމުގެ ކުރިން ހުއްދައަށް އެދި އެޗްޑީސީ އަށް ހުށަހަޅަން ޖެހޭނެ ކަމަށާއި، އިމާރާތް ކުރުމާ ގުޅޭ އެހެނިހެން ހުއްދަތަށް ވެސް ނަގަން ޖެހޭނެ ކަމަށެވެ. ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތަކުގައި އިމާރަތް ކުރުމުގެ އުސޫލު އެޗްޑީސީގެ ވެބްސައިޓުން ބެލޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އެޗްޑީސީ އިން ބުނީ އެޗްޑީސީގެ ގަވައިދާ ހިލާފަށް އަމަލުކުރާ ގޯތިތަކުގެ ވެރިފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

މިކަމުގެ އިތުރު މައުލޫމާތު ސާފު ކުރަން ބޭނުންވާ ފަރާތްތަކުން އެޗްޑީސީގެ ހޮޓްލައިން 1516 އަށް ގުޅުމަށްވެސް ވަނީ ބުނެފައެވެ.