ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނި ނުދެއްކޭ ހާލަތަކަށް ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެ ދުނިޔޭގެ އެންމެ އިތުބާރު ހިފޭ ކްރިޑިޓް ރޭޓިން އެޖެންސީ، ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރި ނަމަވެސް އިސްލާހީ ފިޔަވަޅު ތަކާއެކު ރޭޓިން ރަނގަޅުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖޭގެ ރޭޓިން މުރާޖައާކުރުމަށް ފަހު ފިޗުން ވަނީ ރާއްޖޭގެ ރޭޓިން 'ބީ ނެގެޓިވް' އިން 'ސީސީސީ ޕްލަސް' އަށް ދައްކޮށްފައެވެ.

ފާއިތުވި ދެ އަހަރު ބީ ނެގެޓިވްގައި ރޭޓިން ދެމެހެއްޓި ނަމަވެސް މިއަހަރު ރޭޓިން ދަށްކުރި މައިގަނޑު ސަބަބެއްގެ ގޮތެއްގައި ފިޗުން ބުނެފައި ވަނީ ބޭރުގެ ފަރާތްތަކުން ރާއްޖެއަށް ފައިސާ ހޯދުމަށް ހުރި ހުރަސްތައް އިތުރުވުމާއި ރާއްޖޭގެ ދަރަންޏާއި މާލީ ހާލަތުގެ ގޯސްވަމުން ދިޔުމުން ރާއްޖެއަށް ހުރި ނުރައްކާތައް އިތުރުވުމެވެ.

ރުފިޔާއާ އަޅާ ބަލާއިރު ޑޮލަރުގެ އަގު މައްޗަށް ގޮސް ދިވެހި ރުފިޔާގެ އަގު ވެއްޓެމުންދާ ކަމަަށާއި ބޭރު ފައިސާގެ ރިޒާވު ދަށަށް ގޮސްފައިވާއިރު ބޭރުގެ ދަރަނިތައް އަދާކުރުމަށްވެސް ދަތިވާނެ ކަމަށް ފިޗުގެ އެސެސްމެންޓުގައި ވަނީ ފާހަގަކޮށްފައެވެ. އަދި ހަަމައެހެންމެ މިދިޔަ އަހަރުގެ މެއި މަހު 748 މިލިއަން ޑޮލަރު ހުރި ރިޒާވެއް މިއަހަރު 492 މިލިއަން ޑޮލަރަށް ދަށްވެފައިވާކަން ފާހަގަކޮށް ފިޗުން ވަނީ ކުރިއަށް އޮތް އަހަރުގައި ވެސް ރާއްޖޭގެ ފޮރިން ރިޒާވަށް ބޮޑު ބުރައެއް އުފުލަން ޖެހޭނެ ކަމަށް ލަފާ ކޮށްފައެވެ.

މިކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ދައުލަތުގެ ހަރަދާއި އާމްދަނީގެ ސިޔާސަތުތަކަށް އިސްލާހީ ބަދަލުތައް ގެނެއުމަށް ވިސްނަމުންދާ ކަމަށާއި އަދި މި ބަދަލުތަކާއެކު ހަރަދުތައް ހަމަޖައްސަން ބޭރުގެ އެކި ފަރާތްތަކުން ހޯދަން ޖެހޭ ފައިސާގެ އަދަދު ދަށްވެ ދަރަނީގެ ހާލަތު ރަނގަޅުވާނޭ ކަމަށް ފިޗުން ވެސް ފާހަގަކޮށްފައިވާ ކަމަށެވެ.

ރާއްޖޭން ދައްކަން ޖެހޭ ދަރަނި ދެއްކޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ. ހަމައެހެންމެ ކުރިއަށް އޮތް ތަނުގައި ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރާނީ އިގްތިސާދީ ކުރިއެރުން ދެމެހެއްޓޭނޭ ގޮތެއްގެ މައްޗަށް ކަމަށްވެސް އެ މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ފިޗުގެ އިތުރުން، ރާއްޖެއާ ގުޅޭގޮތުން އާންމުކޮށް ލިބެން ހުންނަ މާލީ މައުލޫމާތު ހޯދައި، ރޭޓިން މޫޑީސް އިންވެސް ދެއެވެ. މިދިޔަ ދެ އަހަރު ފިޗް އިން ރާއްޖެއަށް ބީ ނެގެޓިވް ރޭޓިން ދީފައި ވީ ނަމަވެސް މީގެ ކުރިންވެސް ފިޗުން ވަނީ 'ސީސީސީ' ގެ ރޭޓިންގް ރާއްޖެއަށް ދީފައެވެ.