ޏ. ފުވައްމުލަކުގައި ފުލުހުންގެ އޮޕަރޭޝަނަކަށް ހުރަސް އަޅާ އާންމުންގެ ބަޔަކު ފުލުހަކަށް ހަމަލާދީފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިރޭ ފުވައްމުލަށް ދޫޑިގަންގައި ފުލުހުން ހިންގަމުން ދިޔަ ޑްރަގް އޮޕަރޭޝަނަކަށް ބަޔަކު ހުރަސް އަޅާ ހިންގި ހަމަނުޖެހުމެއްގެ ތެރެއިންނެވެ.

މި އޮޕަރޭޝަނުގެ ތެރެއިން މަސްތުވާތަކެތި ގެންގުޅުނު ކަމަށް ތުހުމަތު ކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފުލުހުން ވަނީ މަސައްކަތް ކޮށްފައެވެ. އެވަގުތު އެތަނަށް އިތުރު ބަޔަކު ގޮސް ފުލުހުންނާ ކުރިމަތިލާ ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި ކަމުގެ ސަބަބުން ފުލުހަކަށް އަނިޔާވެފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި މިކަން އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލަ އަކީ ރާއްޖޭގައި ބޮޑުވެފައިވާ މައްސަލަ އަކަށް ވާއިރު، މިދިޔަ ދެ މަސް ތެރޭ 17.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ. ކަސްޓަމްސް އިން ބުނީ 7.8 ކިލޯގެ މަސްތުވާތަކެތި ހިފަހައްޓާފައިވާ ކަމަށާއި އެއީ 17،726،000 ރުފިޔާގެ މަސްތުވާތަކެތި ކަމަށެވެ. އޭގެތެރޭގައި 5،670 ގްރާމްގެ ކޮކެއިން، 1،690 ގްރާމްގެ ސިންތެޓިކް ކެތިނޯ، 300 ގްރާމްގެ ހެރޮއިން އަދި 180 ގްރާމްގެ ސިންތެޓީކް ކެތިނޯން ވަނީ އަތުލައިގަނެފައެވެ.

މި ސަރުކާރުން ދަނީ މަސްތުވާތަކެތީގެ މައްސަލަތައް ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ފުލުހުންވެސް ވަނީ ސަރުކާރުގެ އަމާޒަށް ވާސިލް ވުމަށް ފުލުހުންގެ އެއްބާރުލުމާ އެހީތެރިކަން ދޭނެ ކަމަށް ބުނެފައެވެ.