ގައުމީ ފުޓްބޯޅަ ޓީމްގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ނިޔާވުމާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ ދިވެހިރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށާއި ވަކިން ހާއްސަކޮށް ފުޓްބޯޅައަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާ ގައުމަށް ފަހުރުވެރި ނަން ހޯދައިދިން ހުނަރުވެރި ކުޅުންތެރިޔާ މުހައްމަދު އާރިފް ނިޔާވުމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ.

ރައީސް ވަނީ ބަކާގެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށާއި މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުމަށް އެދި ދުއާކުރައްވާފައެވެ.

ބަކާ ހުން އައިސްގެން ހާލު ސީރިއަސްވެ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދީފައިވަނީ ހައްޖުގެ އަޅުކަން ނިންމާލުމަށް ފަހު މާލެއަށް އައިތާ 3 ވަނަ ދުވަހުއެވެ.

ސ. ހިތަދޫއަށް އުފަން، އުމުރުން 38 އަހަރުގެ ބަކާ، ހައްޖުގެ އަޅުކަން ނިންމާލުމަށް ފަހު މާލެއަށް އައި ފަހުން ގަދައަށް ހުން އައިސް ބަލިވެ ގައިގެ ވަރު ދޫވާތީ އުޅުނު ކަމަށް އެ އާއިލާ މީހަކު ވަނީ 'ދަ ޕްރެސް' އަށް މައުލޫމާތު ދީފައެވެ. އެއަށް ފަހު އޭނާ ހޮސްޕިޓަލަށް ގެންގޮސް ދެއްކި ކަމަށާއި އަދި ވެންޓިލޭޓަރުގައި ފަރުވާ ދިން ކަމަށް އޭނާގެ އާއިލާ އިން ވަނީ ބުނެފައެވެ.

ބަކާ އަކީ ރާއްޖޭގެ ގައުމީ ޓީމުގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން ހޮވާލެވޭ ކުޅުން ތެރިއެކެވެ. އެ ގޮތުން 2008 ގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެ އަށް ހޯދައި ދިނުމުގައި އޭނާ މުހިންމު ދައުރެއް އަދާ ކުރިއެވެ.

މިޔަންމާގެ ލީގުގައި ވެސް މޮޅު ކުޅުމެއް ދައްކާފައިވާ ބަކާ އެއްވަނަ ޑިވިޒަންގައި އެންމެ ފަހުން ކުޅުނީ ޔުނައިޓެޑް ވިކްޓަރީ އަށެވެ. އަނިޔާ އާއި ފިޓްނަސްގެ މައްސަލަ ދިމާވެ، ޓޮޕް ޑިވިޒަނުގައި މިދިޔަ ދެ ސީޒަން އޭނާ ކުޅެފައެއް ނުވެ އެވެ. ނަމަވެސް އޭރު ބަކާ ބުނީ ކުޅުން ހުއްޓާ ނުލާ ކަމަށެވެ.