ގައުމީ ފުޓްބޯޅަ ޓީމްގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) މަރުވެއްޖެއެވެ.

ހައްޖުގެ އަޅުކަން ނިންމާލުމަށް ފަހު މާލެއަށް އައިތާ 3 ދުވަސްވީ އިރު ބަކާ ވަނީ ހުން އައިސްގެން ހާލު ސީރިއަސްވެ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދީފައެވެ. އޭނާގެ އާއިލާ މީހަކު 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ބުނީ، އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިއަދު އޭނާ މަރުވެފައިވާ ކަމަށެވެ.

ސ. ހިތަދޫއަށް އުފަން، އުމުރުން 38 އަހަރުގެ ބަކާ، ހައްޖުގެ އަޅުކަން ނިންމާލުމަށް ފަހު މާލެއަށް އައި ފަހުން ގަދައަށް ހުން އައިސް ބަލިވެ ގައިގެ ވަރު ދޫވާތީ އުޅުނު ކަމަށް އެ އާއިލާ މީހުން ބުންޏެވެ. އެއަށް ފަހު އޭނާ ހޮސްޕިޓަލަށް ގެންގޮސް ދެއްކި ކަމަށާއި އަދި ވެންޓިލޭޓަރުގައި ފަރުވާ ދިން ކަމަށް އޭނާގެ އާއިލާ އިން ވަނީ ބުނެފައެވެ.

އައިސީޔޫގައި ބަކާއަށް ފަރުވާ ދެމުންދިޔަ އިރު، އޭޑީކޭގެ ޑޮކްޓަރުން ވަނީ އޭނާގެ ހާލަތު ރަނގަޅު ވަމުން އަންނަ ކަމަށް ބުނެފައި ކަމަށް ވެސް އެ އައިލާއިން މީގެ ކުރިން ބުނެފައި ވެއެެވެ.

ބަކާ އަކީ ރާއްޖޭގެ ގައުމީ ޓީމުގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން ހޮވާލެވޭ ކުޅުން ތެރިއެކެވެ. އެ ގޮތުން 2008 ގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެ އަށް ހޯދައި ދިނުމުގައި އޭނާ މުހިންމު ދައުރެއް އަދާ ކުރިއެވެ.

މިޔަންމާގެ ލީގުގައި ވެސް މޮޅު ކުޅުމެއް ދައްކާފައިވާ ބަކާ އެއްވަނަ ޑިވިޒަންގައި އެންމެ ފަހުން ކުޅުނީ ޔުނައިޓެޑް ވިކްޓަރީ އަށެވެ. އަނިޔާ އާއި ފިޓްނަސްގެ މައްސަލަ ދިމާވެ، ޓޮޕް ޑިވިޒަނުގައި މިދިޔަ ދެ ސީޒަން އޭނާ ކުޅެފައެއް ނުވެ އެވެ. ނަމަވެސް އޭރު ބަކާ ބުނީ ކުޅުން ހުއްޓާ ނުލާ ކަމަށެވެ.