ޗައިނާގެ ޗޮންޗިން އެއާލައިންސް އިން ރާއްޖެއަށް ދަތުރުތައް ފަށައި، ޗޮންޗިން ސިޓީ އިން ސްރީލަންކާގައި ޓްރާންސިޓް ކުރުމަށްފަހު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ޖެއްސި ފުރަތަމަ ފްލައިޓަށް މަރުހަބާ ކިޔުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

82 ފަސިންޖަރުންނާއެކު ޗޮންޗިން އެއާލައިންސްގެ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްށް ޖައްސާފައި ވަނީ އިއްޔެ ހަވީރު 5:40 ގައެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) އިން ބުނީ، އެ އެއާލައިނަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލްއާއި، ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ވާންގް ލީޝިން އާއި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދުގެ އިތުރުން ޗޮންޗިން އެއާލައިންގެ ވައިސް ޕްރެސިޑެންޓް ޝިޔެ ޖިންޕިން އާއި އެމްއެމްޕީއާރްސީ އަދި މަޓާޓޯގެ އިސްވެރިންނާއި އެމްއޭސީއެލްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންފައިވާ ކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ، އެމްއޭސީއެލް އިން އަބަދުވެސް މަސައްކަތް ކުރަނީ ފަތުރުވެރިކަމުގެ ސިނާއަތާއި ދުނިޔެއާއި ގުޅުވާލަދޭ ފާލަމެއްގެ ގޮތުގައި ކަމަށާއި، ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅިގެން ރާއްޖެއަށް ގިނަ އެއާލައިންތައް ގެނައުމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ. ޗައިނާއާއި ރާއްޖެއާއި ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުމަށް އިޝާރަތް ކުރައްވާ ޝަރީފް ވިދާޅުވީ، ޗައިނާގެ މުހިންމު ސިޓީތަކުން ރާއްޖެއަށް ދަތުރުކުރަން ފެށުމަކީ އިގްތިސޯދީ އެކި ދާއިރާތަކުން ރާއްޖެއަށް ކުރިއެރުން އަންނާނެ ކަމެއް ކަމަށެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާ ފަތުރުވެރިންގެ އަދަދު އިތުރުވެގެން ދާކަން ފާހަގަކޮށް ފަތުރުވެރިކަމުގެ ސިނާއަތުގެ އެކި ފަރާތްތަކުން ގުޅިގެން ކުރާ މަސައްކަތްތަކަށް ޝަރީފް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި އެއާލައިންގެ ވައިސް ޕްރެޒިޑެންޓް، ޝިޔެ ޖިންޕިން ވަނީ މި ދެ މަންޒިލް ގުޅުވާލުމުން އުފެދިގެންދާނެ އިގްތިސޯދީ ފުރުސަތުތައް ފާހަގަކުރައްވާފައެވެ. އެގޮތުން ޗޮންޗިން ސިޓީއަކީ ޗައިނާގެ އިގްތިސޯދީ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ސިޓީއެއް ކަމަށާއި ރާއްޖޭގެ ވިޔަފާރިވެރިންނަށް މި އުފެދުނު އާ ގުޅުމުގެ ސަބަބުން ހެޔޮ އަސަރުތަކެއް ކުރާނެކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ޗޮންޗިން އެއާލައިން އިން ރާއްޖެއަށް ހަފުތާއަކު ތިން ދަތުރުކުރާނެއެވެ. މި ދަތުރުތަކުގައި ބޭނުންކުރާނީ އެއާބަސް އޭ320 މަރުކާގެ 165 ސީޓުގެ ފްލައިޓެވެ.

ޗައިނާގެ ތިން އެއާލައިނަކުން މިހާރު ވެސް ރާއްޖެއަށް ދަތުރުތައް ކުރެއެވެ. އެއީ ބެއިޖިން ކެޕިޓަލް، ސިޗުއާން އެއާލައިންސް އަދި ޗައިނާ އީސްޓާންއެވެ.