ރާއްޖޭގެ މާލީ ހާލަތު އޮތް ގޮތް އޮޅުން ފިލުއްވައި ދެއްވުމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީ އަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.

ގައުމުގެ މާލީ ހާލަތު ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ވެސް ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. އިއްޔެގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގަތުމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގަށް ދެންނެވި ނަމަވެސް އާލާސްކަންފުޅާ އުޅުއްވާތީ މިނިސްޓަރު ހާޒިރުވެވަޑައި ނުގަންނަވައެވެ.

އަިއްޔެ މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވިދާޅުވީ، މި މައްސަލައަކީ ހައްސާސް މައްސަލައެއް ކަމަށާއި، އެހެންވެ ކޮމިޓީގެ ބައްދަލުވުން ސިއްރުކުރުމަށް މިނިސްޓަރު ބޭނުންފުޅުވާ ކަމަށެވެ. އެހެންކަމުން ކޮމިޓީ އަށް ލިބުނު މައުލޫމާތުތަކާ މެދު މަޝްވަރާކުރެވޭނީ ބައްދަލުވުން ސިއްރުކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވެ އެ ބައްދަލުވުން ސިއްރުކުރުމާ މެދު ގޮތެއް ނިންމުމަށް މުގައްރިރު އެއްސެވުމުން ކޮމިޓީއަށް ހާޒިރުވި މެންބަރުންގެ ތެރެއިން ހަތް މެންބަރުންގެ އިއްތިފާގުން ނިންމާފައިވަނީ ބައްދަލުވުން ސިއްރުކުރުމަށެވެ.

އެއާ ހިލާފަށް މާދަމާ ބާއްވާ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ވަނީ ސިއްރު ނުކުރުމަށް ނިންމާފައެވެ. މި ނިންމުން ނިންމާފައިވަނީ މިނިސްޓަރު އެދުމުގެ މަތިންނެވެ. އެހެންކަމުން މާދަމާގެ ބައްދަލުވުން އާންމުންނަށް ވެސް ބެލޭނެއެވެ.

މި މަހުގެ ހަވަނަ ދުވަހު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަނީ، ގައުމުގެ މާލީ ހާލަތާ ގުޅޭ ހުރިހާ ކަމެއް އާންމުންނަށް ސަރުކާރުން ސާފުކޮށްދޭން ޖެހޭ ކަމަށާއި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް 'ހިތި ބޭހެއް ބޯންޖެހޭ' ނަމަ އެކަން ވެސް އާންމުންނަށާއި މަޖިލީހަށް ސާފުކޮށްދޭން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

އަންނަ އަހަރުގެ ބަޖެޓު ފާސްކުރަން ނޮވެމްބަރު މަހާ ހަމައަށް މަޑުނުކޮށް، ގައުމުގެ މާލީ ހާލަތު ތެދުބަހުން ކިޔައިދިނުމަށް ނާޒިމް ވަނީ ސަރުކާރު އެރިހުން އެދިވަޑައިގެންފައެވެ.