ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ގްރޫޕްގެ ބީގައި މިރޭ ކްރޮއޭޝިއާ އިޓަލީ ކުޅުނު މެޗު 1-1 އިން އެއްވަރުވުމުން ޗެމްޕިއަން އިޓަލީ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.
2021 ވަނަ އަހަރު އޮތް ޔޫރޯ މުބާރާތް ކާމިޔާބު ކުރި އިޓަލީއަށް މިމުބާރާތުގައި އަދި މާ ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާ އިރު އެޓީމުން މިމުބާރާތުގައި މިރޭގެ ކުރިން ކުޅުނު އެއް މެޗުން މޮޅުވެ އަނެއް މެޗުން ވަނީ ބަލިވެފައެވެ. އަދި މިރޭގެ މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކީ މިމެޗުގެ ކުރިން މުބާރާތުގެ އެއްވެސް މެޗަކުން މޮޅުވެފައި ނުވާ ކްރޮއޭޝިއާއެވެ.
އެހެން ނަމަވެސް މެޗުގެ ފުރަތަމަ ހާފް ނިމުނީ ދެ ޓީމަށް ވެސް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ދެވަނަ ހާފް ފަށައިގެން މާ ގިނަ އިރު ތަކެއް ނުވެ ކްރޮއޭޝިއާއިން ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ކެޕްޓަން ލޫކާ މޮޑްރިޗެކެވެ. މިލަނޑު ޖެހުމުގެ 30 ވަރަކަށް ސިކުންތުގެ ކުރިން އިޓަލީގެ ކީޕަރު ވަނީ މޮޑްރިޗް ޖެހި ޕެނަލްޓީއެއް ސޭވްކޮށްފައެވެ.
މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު މިނެޓާ ހަމައަށް ވެސް ކްރޮއޭޝިއާ ކުރީގައި އޮތް އިރު އިޓަލީން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗު ނިމެން ސިކުންތުކޮޅަކަށް ވެފައި އޮއްވައެވެ.
ޑިފެންޑަރު ރިކާޑޯ ކަލަފިއުރީ ދިން ޕާހެއް ދުރުން ގޯލުގެ ތެރެއަށް ވައްދާލައިގެން އިޓަލީ ދެވަނަ ބުރަށް ގެންގޮސް ދިނީ މެޗުގެ 81 ވަނަ މިނެޓްގައި ކުޅެން ނިކުން މަތާޔާ ޒަކަގްނީއެވެ.
މިލަނޑާއެކު އިޓަލީއަށް ލިބުނު ޕޮއިންޓްގެ ސަބަބުން ގްރޫޕްގެ ދެވަނަ ކަށަވަރުވެ އެޓީމު މިވަނީ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. އަދި ކްރޮއޭޝިއާ މިވަނީ މުބާރާތުން ކަޓާފައެވެ.
ދެވަނަ ބުރުގައި އިޓަލީ ކުޅެން ޖެހޭނީ ގްރޫޕް އޭގެ ދެވަނަ ޓީމު ސުވިޓްޒަލޭންޑާއެވެ.
ހުރިހާ މެޗަކުން މޮޅުވެގެން ދެވަނަ ބުރަށް ދިޔަ ފުރަތަމަ ޓީމަކަށް ސްޕެއިން
ގްރޫޕް ބީގެ އެންމެ ފަހު މެޗުތައް ކުޅުމުގެ ކުރިން ވެސް ގްރޫޕްގެ އެއްވަނަ ދާނީ ސްޕެއިންއަށް ކަން ކަށަވަރުވެފައި އޮތް އިރު އެޓީމުން މިރޭ 1-0 މިވަނީ 1-0 އަލްބޭނިއާ ބަލިކޮށްފައެވެ. އަދި ސްޕެއިން މިވީ މިމުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ދެވަނަ ބުރަށް ދިޔަ ފުރަތަމަ ޓީމަށެވެ.
މިމެޗުގައި ސްޕެއިންއިން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ފެރާން ޓޮރޭޒްއެވެ. ދެވަނަ ބުރުގައި ސްޕެއިން ކުޅެން ޖެހޭނީ ގްރޫޕް އޭ،ޑީ،އީ،އެފްގެ އެންމެ މޮޅު ތިން ވަނަ ޓީމާއެވެ.
މިމުބާރާތުގައި ކުޅުނު ތިން މެޗުން އެއް ޕޮއިންޓް ލިބުނު އަލްބޭނިއާ ވަނީ މުބާރާތުން ކަޓާފައެވެ.
ލިޔެވުނިިީ ރަނގަޅަށްތޯ ބަލާލުމަށް ފަހު، ލިޔުން ޢާއްމު ކުރުން ރަނގަޅުވާނެ.