މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިސްނަގައިގެން މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނަށް އަހުލުވެރިކުރުމަށް ބާއްވާ ދެވަނަ ފޯރަމް މިއަދު ބާއްވައިފިއެވެ.

މި ފޯރަމް ކުރިއަށް ގެންގޮސްފައި ވަނީ ފެކަލްޓީ އޮފް ހެލްތް ސައިންސަސްގެ އޮޑިޓޯރިއަމްގައެވެ.

މި ފޯރަމްގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ މި ފޯރަމްގެ މަގުސަދަކީ ތަފާތު ދާއިރާތަކުގެ ތަޖުރިބާކާރުން އެކުގައި މަޝްވަރާކޮށްގެން މަސައްކަތްތެރިންނަށް ރައްކާތެރި މާހައުލެއް ގާއިމްކުރުމަށް ކުރެވޭނެ ކަންކަން ދެނެގަނެ އެކަންކަން ކުރުމަށް މަސައްކަތްކުރުން ކަމަށެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މަސައްކަތުގެ މާހައުލުގައި ދިމާވާ މައްސަލަތައް ދެނެގަނެ ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ޖަމިއްޔާތައް ހޭލުންތެރިކުރުވުމަކީ ވެސް މި ފޯރަމްގެ މަގުސަދެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި އެމްއޭސީއެލްއިން އަބަދުވެސް މަސައްކަތްކުރަމުން ދާނީ ކުންފުނީގެ މުވައްޒަފުންނަށް ރައްކާތެރި މަސައްކަތުގެ މާހައުލެއް ގާއިމްކޮށްދިނުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ފޯރަމް ޝަރަފުވެރި ކޮށްދެއްވާ ވާހަކަ ދައްކަވަމުން ހަޔާ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ މުހިންމު ކަމަށެވެ. އެގޮތުން ވަޒީފާދޭ ފަރާތްތަކުގެ ޒިންމާ އެފަރާތްތަކުން ފުރިހަމަ ގޮތުގައި އަދާކުރުމަށް އިލްތިމާސް ކުރެއްވިއެވެ.

މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުނުކުރެވުމުން ދިމާވާ މައްސަލަތައް ފާހަގަ ކުރައްވާ ނަޒީރު ވަނީ މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނަށް އަހުލުވެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރައްވާފައެވެ.

އެމްއޭސީއެލްއިން ބުނީ މި ފޯރަމުގައި ދެ މައުޟޫއަކަށް ޕްރެސެންޓޭޝަންތައް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން، މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރި މަސައްކަތުގެ މާހައުލެއް ގާއިމްކުރުމަށް އުފެއްދުންތެރިކަމާއިއެކު ގުޅިގެން މަސައްކަތްކުރުމާއި ގުޅޭ ޕްރެޒެންޓޭޝަނެއް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އެންވަޔަރަމެންޓުގެ ފަރާތުން ހުށަހެޅިކަން އެ ކުންފުނިން ފާހަގަ ކުރެއެވެ.

މީގެއިތުރުން މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި ދުޅަހެޔޮ ސިއްހަތުގެ މުހިންމުކަމުގެ މައްޗަށް ހާއްސަ ޕްރެޒެންޓޭޝަނެއް އެމްއޭސީއެލްގެ ފަރާތުން ހުށަހަޅާފައިވާ ކަމާއި އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި ފޯރަމްގެ ތީމަށް ހާއްސަ ޕެނަލް ޑިސްކަޝަނެއްވެސް ކުރިއަށް ގެންގޮސްފައިވާކަން އެމްއޭސީއެލްއިން ފާހަގަ ކުރެއެވެ.

މި ސިސްސިލާގެ ދަށުން ފުރަތަމަ ފޯރަމް ބާއްވާފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ.