އެޗްޑީސީން ނީލަން ކިޔާ ތަކެތި ބަލާލަން ބޭނުންވާ ނަމަ އަންނަ ބުރާސްފަތި ދުވަހުގެ 10 ޖަހާ އިރު އެ ކޯޕަރޭޝަންގެ މުނިސިޕަލް ސައިޓަށް ހާޒިރުވުމަށް ބުނެފިއެވެ.

އެޗްޑީސީން ބުނީ، އެ ކުންފުނީގައި ހުރި ބައެއް ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ގިނަ ދުވަސްވެ ބާ ވެފައިވާ ތަކެތި ކަމަށެވެ.

އެ ތަކެތި ބަލާލަން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 27 ވާ ބުރާސްފަތު ދުވަހުގެ ހެނދުނު 10:00 އަށް އެ ކޯޕަރޭޝަންގެ މުނިސިޕަލް ސައިޓަށް ދިއުމަށް އެޗްޑީސީން ބުނެއެވެ. އަދި އެ ދުވަހު އެތަކެތި ދައްކާލުމާއި މައުލޫމާތު ހިއްސާ ކުރާނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ނީލަން ކިޔާ ތަކެތި ވަނީ 4 ލޮޓް އަކަށް ބަހާލާފައެވެ. އެގޮތުން ފުރަތަމަ ލޮޓްގައި ހިމެނެނީ، އޮފީސް ފަރުނީޗަރާއި، ޕްރިންޓަރު ސްކޭނަރު، ޓީވީ ފަދަ އޮފީސް އިކުއިޕްމަންޓާއި، އޭސީއެވެ. މި ލޮޓްގެ ނީލަން ފަށާ އަގަކީ 15،000 ރުފިޔާ ކަމަށް އެޗްޑީސީން ބުނެއެވެ.

ދެވަނަ ލޮޓްގައި ހުރީ ބާ ދަގަނޑުގެ ބާވަތްތަކެވެ. އޭގެތެރޭގައި ދަގަނޑު ތާނގި އާއި މެޝިނަރީޒް ހިމެނެއެވެ. މި ލޮޓްގެ ނީލަން ފަށާ އަގަކީ 500،000 ރުފިޔާ ކަމަށް އެޗްޑީސީން ބުނެއެވެ.

ތިންވަނަ ލޮޓްގައި ސައިކަލު އަދި އޭގެ ބައެއް ސާމާނު ވިއްކުމަށް ހަމަޖެހިފައިވާ އިރު އެ ސައިކަލު ރީ ރަޖިސްޓާ ނުކުރެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ. މި ލޮޓްގެ ނީލަން ފަށާ އަގަކީ 8000 ރުފިޔާއެވެ. އަދި ހަތަރު ވަނަ ލޮޓްގައި ބާ ޓަޔަރު ވިއްކަން ނިންމާފައިވާ އިރު މި ލޮޓްގެ ނީލަން ފަށާ އަގަކީ 5000 ރުފިޔާ ކަމަށް އެޗްޑިސީން ބުނެއެވެ.